ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށައެޅުއްވުމަށް މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު މުހައްމަދު އަސްލަމް ނިންމަވައިފިއެވެ.

އެމްޑީޕީން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް މިހާރު ނިމިފައިވާ ކަމަށާއި، އެހެން ނަމަވެސް އެމައްސަލައިގެ ޝަރީއަތް ނުނިިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށްވާއިރު 4 މަސްވެގެން ދިޔައިރުވެސް ހުކުމް އިއްވާނުލެވުނު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެކަމުން ވެސް ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތަށް އަތްބާނާ މިންވަރު ފެނިގެންދާ ކަމަށެވެެ. އަދި ޔާމިންގެ ޝަރީއަތް ލަސްވާ ސަބަބު ބެލުމަށް ޖޭއެސްސީ އަަށް ހުށައަޅުއްވާނެ ކަމަަށް އަސްލަމް ވިދާޅުވިއެވެ.

"ޔާމީނުގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީއިން ބެލުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ މައްސަލަ އަޅުގަނޑު ލާނަމޭ، ބަލުވާނަން އެ މައްސަލަ ޖޭއެސްސީއިން." އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމު ޔާމިނަށް ވެސް ދޭން ޖެހޭނެ ކަމަށާއި ވަކި ވެރިޔަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލައިނުގަނެވޭނެ ކަމަށެވެެ. އަސްލަމް ވަނީ ޔާމިން އިސްވެ ހުންނަވާ އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ހުރަސްއެޅި ކަމަށް ތުހުމަތުކުރަށްވައި އެކަން ވެސް ކުށްވެރި ކުރަށްވާފައެވެެ.

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިންގެ މައްޗަށް 11 އަހަރުގެ ޖަލުގެ ހުކުމެއް ވަނީ އިއްވާފައެވެ. ޔާމިން ތަހުގީގު ހިންގާ ޝަރީއަތްކޮށް ހުކުމްތައް އިއްވީ އަސްލަމް ވެސް އިސް ދައުރެއް އަދާ ކުރަށްވާ އެމްޑީޕީގެ ވެރިކަމުގައެވެ. މިހާރުވެސް ޖޭއެސްސީގެ ހުރިހާ ބާރަކާއި ފުރިހަމަ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައެވެ.

ޔާމީންގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމި މިހާރު އޮތީ ހުކުމަކާއި ހިސާބުގައެވެ. ޔާމިން މިވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން