ލ. ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރަން ޗަައިނާގެ ކުންފުންޏަކާއެކު ސަރުކާރުން މިރޭ ސޮއިކޮށްފި އެވެ.

އެ މަޝްރޫއުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ޗައިނާގެ ސީއޭއެމްސީ އިންޖިއަރިން ކުންފުންޏާ އެވެ. ގާދޫ މެރިޓައިމް ހަބްގެ މަޝްރޫއުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް އެވެ.

ގާދޫ މެރިޓައިމް ހަބްގައި އޮފްޝޯ ބަންކަރިންގެ ހިދުމަތާއި، ކްރޫޒް ޓާމިނަލަކާއި، އިކޯ ޓޫރިޒަމް ރިސޯޓެއްގެ އިތުރުން ސުޕަ ޔޮޓް މެރީނާއަކާއި ޓްރާންސްޝިޕްމަންޓް ޕޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަަށް ސަރުކާރުން ބުނެއެެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ވަޖީހު ވިދާޅުވީ މެރިޓައިމް މަޝްރޫއުގެ ސަބަބުން ރާއްޖެ އާއި މި ސަރަހައްދަށް އިގްތިސޯދީ ގޮތުން ބޮޑު ބަދަލެއް އަންނާނެ ކަަމަށެވެ. ވަޖީހު ވިދާޅުވީ ލ. ގާދޫގައި ފަށާ ބަންކަރިންގެ ހިދުމަތަކީ މުޅި އަތޮޅުގެ މަލަމަތި ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށެވެެ. އެ މަޝްރޫއާ އެކު މަދުވެގެން 2،000 އެއްހާ ވަޒީފާ ލ. އަތޮޅުގެ ޒުވާނުންނަށް އުފެދޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުރު ނިމުމުގެ ކުރިން މަޝްރޫއު ނިންމައި ހިދުމަތް ފަށާނެ ކަމަށެވެެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން