އިރު އޮއްސުމުގެ ކުރިން އޮޅިގެން ރޯދަ ވީއްލައިފި މީހާގެ ރޯދައިގެ ޙުކުމާއި މެދު ޢިލްމުވެރިންގެ ދެ ޤައުލެއްވެއެވެ.

މިމައްސަލާގައި ޢިލްމުވެރިންގެ ފުރަތަމަ ޤައުލަކީ އެ ދުވަހެއްގެ ރޯދަ ޞައްޙަ ވުމެވެ، އަދި އެ ރޯދަ ޤަޟާކުރަން ނުޖެހުމެވެ. މިފަދައިން އިމާމް އަޙްމަދާއި ތާބިޢީ ބޭކަލުންގެ ތެރެއިން މުޖާހިދު އަދި އަލްޙަސަން ވިދާޅުވެފައިވެ އެވެ. އަދި މިފަދައިން އިބްނު ޚުޒައިމާ ދެކެވަޑައިގަންނަވަ އެވެ.

މި ޤައުލަކީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އިޚްތިޔާރު ކޮށްފައިވާ ޤައުލެވެ. އަދި ފަހުގެ ދުވަސްތަކުގައި ފާޅުވި ފިޤުހު ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް އިބްނު ޢުޘައިމީން މިފަދައިން ދެކެވަޑައިގަންނަވަ އެވެ.

އެބޭކަލުން މިފަދައިން ވިދާޅުވުމުގައި ގެންނަވާފައިވާ ދަލީލުތަކުގެ ތެރޭގައި ހިމެނެ އެވެ. އިމާމް ބުޚާރީ ޞަޙީހުގައި ރިވާކޮށްފައިވެ އެވެ. ޞަޙާބީ أَسْمَاءَ بِنْتِ أَبِي بَكْرٍ الصِّدِّيقِ -رَضِيَ اللَّهُ عَنْهُمَا- ވިދާޅުވެފައިވެ އެވެ.

”ތިމަން ޞަޙާބީން ނަބިއްޔާ ﷺ ގެ ޢަހުދުގައި ނުހަނު ވިލާބޯވެ -އެދުވަހުގައި އިރު އޮއްސިއްޖެ ކަމުގައި ދެކި- ތިމަންމެން ރޯދަ ދޫކުރީމެވެ. އަދި އެއަށްފަހުގައި އިރު ފާޅުވި އެވެ.“

މި ރިވާޔަތަށް އިޝާރާތް ކުރައްވާ އިމާމް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ވިދާޅުވެފައިވެ އެވެ.

”މި ރިވާޔަތުން ދަލީލު ކުރެވެނީ (އެފަދަ ރޯދައެއް) ޤަޟާކުރުން ވާޖިބުވެގެން ނުވާކަމެވެ. ފަހެ، ހަމަކަށަވަރުން އެބޭކަލުންނަށް ނަބިއްޔާ ﷺ އެ ރޯދަ ޤަޟާ ކުރުމަށް އަމުރުފުޅު ކުރެއްވިނަމަ، އެދުވަހުގައި ރޯދަ ދޫކޮށްލިކަމުގެ ޚަބަރު ފެތުރި ރިވާކޮށްފައިވާ ފަދައިން، އެ ޚަބަރު ފެތުރިފައިވާނެ އެވެ. ފަހެ، އެފަދައިން (ރޯދަ ޤަޟާކުރެއްވިކަން) ބަޔާންވެގެން ނުވުމުން ނަބިއްޔާ ﷺ އަމުރުފުޅު ނުކުރައްވާކަން އިނގެ އެވެ.“

ޖުމްހޫރު ޢިލްމުވެރިން މި މައްސަލައިގައި ވިދާޅުވެފައިވަނީ އެމީހަކު އެ ދުވަހެއްގެ ރޯދަ ޤަޟާކުރަންވާނެ ކަމަށެވެ. މިއީ ގިނަ ޢިލްމުވެރިންނާއި ފިގުހުވެރިން ދެކެވަޑައިގަންނަވާ ގޮތެވެ.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓިން ނެރެފައިވާ ފަތުވާއެއްގައިވެ އެވެ.

“މީހަކަށް ބޮޑަށް ބުރަވެވެނީ ނުވަތަ ޝައްކުވަނީ ރޯދަ ދޫކުރެވުނީ އިރު އޮއްސުމުގެ ކުރިންނެވެ. ފަހެ، އެހިނދު ތިބާގެ މައްޗަށް އަދި އެކުގައި އެފަދައިން ރޯދަ ދޫކުރި އެންމެންގެ މައްޗަށް އޮތީ އެދުވަހުގެ ރޯދަ ޤަޟާ ކުރުމެވެ. ސަބަބަކީ، އަސްލަކީ ދުވާލު ދެމިއޮތުމެވެ. މި އަޞްލުން ބޭރުވާނީ ޝަރުޢީ ގޮތުން ބޭރުވާނެ ސަބަބެއްގެ މައްޗަށެވެ. އެއީ އިރު އޮއްސުމެވެ.“

އެހެންކަމުން މި މައްސަލާގައި ދަންނަވަން ޖެހެނީ ރޯދަ ވީއްލުމަށްފަހުގައި، އިރު ނުއޮއްސޭކަން އެނގި ބަޔާންވުމާއެކު، އެ ދުވަހުގައި ބާކީއޮތް ވަޤުތުގައި އެއްވެސް އެއްޗެއް ކައިބޮއި ހަދައިގެން ނުވާނެ ކަމަށެވެ. އެހެނީ އެހިނދު އެމީހަކަށް އެއީ ދުވާލު ވަޤުތުކަން އެނގިފައި ވުމެވެ.

އަދި ރޯދަ ވިއްލާ ވަޤުތު ނުވަންނަކަން ބަޔާންވެގެން ވުމެވެ. އެއަށްފަހު ވަޤުތު ވަނުމުން ރޯދަ ވީއްލާނީ އެވެ. -و الله أعلم-


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން