ސްޓެލްކޯގެ ފަރާތުން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ އެ ކުންފުނީގެ މުވައްޒަފުން ހޮވައިފި އެވެ.

ގުރުއަތު ލައިގެން އެ މުވައްޒަފުން ހޮވީ ރަމަޟާން މަސް އިހުޔާ ކުރުމަށާއި، ކުންފުނިން މުވައްޒަފުންނަށްދޭ ތަރާވީހާއި، ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށާއި، ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު، ޖެނެރަލް މެނޭޖަރ ހަސަން ހުސައިން ރިޓަޔާރ ކުރެއްވުމާއި ގުޅިގެން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ހަރަދުގައި ހައްޖާއި އުމްރާއަށް ދިއުމުގެ ފުރުސަތު ހުޅުވާލުމުން ހައްޖަށް ދާން 116 މުވައްޒަފުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 98 މުވައްޒަފުންނެވެ. އަދި އުމްރާއަށް ދާން 263 މުވައްޒަފުން ކުރިމަތިލި އިރު 254 މުވައްޒަފަކު ޝަރުތު ހަމަވި އެވެ.

އޭގެ ތެރެއިން ގުރުއަތު ލައިގެން ހައްޖުގެ އަޅުކަން އަދާކުރަން ހޮވުނީ ހުޅުމާލެ އިންޖީނުގޭގައި މަސައްކަތް ކުރާ އަބްދުﷲ އާމިރުއާއި ކ. ކާށިދޫ އިންޖީނު ގޭގައި މަސައްކަތް ކުރާ މުހައްމަދު އާދިލް އަދި ވިލިނގިލީ އަވަށު އިންޖީނު ގޭގައި މަސައްކަތް ކުރާ އައިޝަތު ޝިޒްނާ އަށެެވެ.

އުމްރާގެ އަޅުކަން އަދާކުރަން ހޮވުނީ އދ. ދަނގެތީ އިންޖީނުގޭގައި މަސައްކަތް ކުރާ އާޒިމް އާދަމްއާއި ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުހައްމަދު އާރިފް އަދި ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ހަދީއްޖާ އިފްޝާ އެވެ.

ސްޓެލްކޯއިން ބުނީ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން