އަހުމަދު ޔާމިން   28 މާރިޗު 2024 - 10:52
ކަންފަތަށް ބޭސް އެޅުމުން ރޯދަ ގެއްލިދާނެ ކަމާމެދު ކުރެވޭ ސުވާލުގެ ޖަވާބަކީ ނޫނެކޭ އެވެ. ސަބަބަކީ ކަންފަތަކީ ހަށިގަނޑަށް ކާބޯތަކެތި ފޮނުވައިދޭނެ މަގަކަށް ނުވުމެވެ.

އެހެންކަމުން ކަންފަތުގެ ޒަރީޢާއިން ހަށިގަނޑަށް އެއްޗެއް ދިއުމަކީ ކާބޯތަކެތީގެ ޙުކުމުގެ ތެރެއަށް އެކަން ވަންނާނެ ކަމެއް ނޫނެވެ. ނަމަވެސް އަނގައާއި ނޭފަތަށް ބޭސް އެޅުން މިއާ ޚިލާފަށެވެ.

ރަސޫލާ ﷺ ވަނީ ރޯދަވެރިޔާ ނޭފަތަށް ފެންލުމުގައި ފަރުވާތެރި ވުމަށް އަމުރު ކުރަށްވާފައެވެ. އިތުރު މާތް ސާހިބާ ޙަދީސް ކުރަށްވާފައިވެއެވެ.

(وَبَالغ في المَضمَضَةِ و الإِستنشَاق إلاَّ أَن تَكُونَ صَائِمًا)

”(ވުޟޫކުރާހިނދުގައި) އަނގައަށާއި އަދި ނޭފަތަށް ބޮޑަށް ފެންލައި ދޮންނާށެވެ. ތިބާ ރޯދައަށް ނުހުންނަ ކަމުގައި ވާނަމަ އެވެ. (އެބަހީ : ރޯދައަށް ހުރެއްޖެހިނދު ފަރުވާތެރިވެހުރެ އެކަން ކުރާށެވެ.)“ رواه أبوداود 142

މި ޙަދީޘްގައި ބަޔާންވެގެންވަނީ ރޯދައަށް ހުންނަ މީހާ އަނގައަށާއި އަދި ނޭފަތަށް ފެންލުމުގައި ކަރުތެރެއަށް ގޮސްދާނެ ކަމުގެ މައްޗަށް ފަރުވާތެރިވުމަށްޓަކައި ބޮޑަށް އެކަން ނުކުރުމަށެވެ. ސަބަބަކީ، ނޭފަތުން ފެން ހަށިގަނޑަށް ދިއުމަކީ ރޯދަ ގެއްލޭނެ ކަމެއް ކަމުގައި ވުމުންނެވެ. ފަހެ، އެހެންކަމުން ނޭފަތަށް ބޭސް އެޅުމުންވެސް ރޯދަ ގެއްލޭނެ އެވެ.

ދެން އޮތީ މިކަމާމެދު ޢިލްމުވެރިންގެ ރަޢުޔުތަކަށް ބަލާލުމެވެ.

الإمام العلامة ابن باز-رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަމަ އެފަދައިން ލޮލަށާއި ކަންފަތަށް ބޭސް އެޅުމުން ރޯދަ ނުގެއްލޭނެ ގޮތުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅަކީ، ޢިލްމްވެރިންގެ އެންމެ ޞައްހަ ޤައުލެވެ. (ލޮލާއި ކަންފަތަކީ) އެއީ ކާތަކެތި ހަށިގަނޑަށް ފޮނުވައިދޭ މަގެއް ނޫނެވެ. “ تحفة الإخوان ص 175

الإِمَام العَلاَّمَة العُثَيْمِيْن -رحمه الله- ވިދާޅުވެފައިވެ އެވެ. ”ރޯދަވެރިޔާ އޭނާގެ ކަންފަތަށް ބޭސްއެޅުން މައްސަލައެއް ނޫނެވެ. އަދި ކަރުތެރެއަށް އޭގެ ރަހަ ފާޅުވި ކަމުގައިވިޔަސް އޭނާގެ ރޯދަ ނުގެއްލޭނެ އެވެ. ސަބަބަކީ އެއީ ކެއިންބުއިމުގެ ތެރެއަށް ވަންނަ ކަމެއްނޫނެވެ. އަދި ކެއިންބުއިމުގެ މާނައިގެ ތެރޭގައިވެސް ހިމެނޭ ކަމެއް ނޫނެވެ.“مجموع الفتاوى 19-

މި ބަސްފުޅުތައް މިހެން ހުރުމުން ކަންފަތަށް ބޭސް އެޅުމުން ރޯދައަށް އަސަރެއް ނުކުރާނެކަން އެނގެއެވެ. އެއީ ކަންފަތަށާއި ލޮލަށް ބޭސް އެޅުމުގެ ޙުކުމް ނޭފަތާއި އަނގައިގެ ޙުކުމާ ތަފާތުވާތީއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން