އެތަކެއް ނިއުޓްރިޝަނަލް މާއްދާތަކެއް އެކުލެވޭ ޗިއާ ސީޑްސް އަކީ އެކި ގޮތްގޮތުން ސިއްހަތަށް ފައިދާ ހުރި އެއްޗެކެވެ. އަދި ގިނަ އަދަދަކަށް އޮމެގާ-3 ފެޓީ އެސިޑް އަދި ފައިބަރ ފަދަ މާއްދާތައް އެކުލެވޭ ކެއުމުގެ ބާވަތެއްކަމުން ބަރުދަން ލުއިކުރުމުގައިވެސް ޗިއާ ސީޑް އަކީ ނުހަނު ގާތް ބައިވެރިއެކެވެ.

ޗިއާ ސީޑްސް ގަވާއިދުން ކެއުމުގައި ހިމަނާނަމަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދިނުމުގެ އިތުރުން ގޮހޮރާއި ހަޖަމުގެ ނިޒާމުގެ ސިއްހަތު ދުޅަހެކޮށް ދެމެހެއްޓުމާއި އަދި ހަކުރުބަލި ނުވަތަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭންވެސް އެހީތެރިވެދޭ ކަމަށް ސިއްހީ މާހިރުންނާއި ޑައިޓީޝަނުން ވެސް ފާހަގަކުރެއެވެ.

މިހެން ކަމުން ޗިއާ ސީޑްސްއަކީ ސިއްހަތަށް ބަލާ އެތަށް ބައެއްގެ ޑައިޓުގައި ހިމެނަން ރަނގަޅު ކެއުމުގެ ބާވަތެކެވެ.

އެގޮތުން ޗިއާ ސީޑްސް އިން ސިއްހަތަށް ލިބިދޭ ފައިދާތަށް ފާހަގަކޮށްލާނަމެވެ.

މުހިންމު ނިއުޓްރިއަންޓްސް

ޗިއާ ސީޑްސްގައި ފައިބަރ، ޕްރޮޓީންސް، އޮމެގާ 3، ކެލްޝިޔަމް، މެގްނީސިޔަމް އަދި އެންޓިއޮކްސިޑަންޓްސް ފަދަ ނިއުޓްރިޝަނަލް މާއްދާތައް ހިމެނެއެވެ. ޗިއާ ސީޑްސްގެ އެއް އައުންސް އިންވެސް ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ނިއުޓރިއަންޓްސް ލިބިދޭކަމަށް ދިރާސާތަކުން ދައްކައެވެ.

ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަން

ޗިއާ ސީޑްސްގައި ފައިބަރ ގިނައިން އެކުލެވޭތީ ގޮހޮރާއި ހަޖަމުގެ ނިޒާމުގެ ސިއްހަތު ދުޅަހެކޮށް ދެމެހެއްޓުމަށްޓަކައި ކެއުމުގައި ހިމެނުމަށް މިއީ ރަނގަޅު އެއްޗެކެވެ. ފައިބަރ ގިނައިން ހުރުމުން ބޮޑުކަމުދިޔުމަށް އެހީވެދީ ބަނޑުހަރުވުން ދުރުކޮށްދެއެވެ. އަދި ގޮހޮރުގައި ހުންނަ މައިކްރޯބްސް އަށް ބެލެންސެއް ގެނެސްދީ ކާއެއްޗެހި ހަޖަމު ކުރުމަށް އިތުރު ލުއިތަކެއް ލިބިދޭކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ހިތުގެ ދުޅަހެޔޮކަން

ޗިއާ ސީޑްސްގައި އޮމެގާ 3 ހިމެނޭތީ ހިތުގެ ބަލިތަކުން ދުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮލެސްޓްރޯލް ލެވެލްތަށް އެއް ހަމައެއްގައި ބަހައްޓަން އެހީތެރިވެއެވެ.

ހަކަތައާއި ބުންވަރު

ޗިއާ ސީޑްސްއަކީ ހަށިގަނޑަށް މަޑު މަޑުން ކާބޯހައިޑްރޭޓްސް ދޫކޮށްދޭ އެއްޗެކެވެ. މިހެންވެ މުޅި ދުވަހު ހަކަތަ ލިބި ލިބި ހުރެއެވެ. އަދި ޕްރޮޓީން އެކުލެވޭތީ ބުންވަރު އިތުރުކޮށްދެއެވެ.

ބަރުދަން ލުއިކޮށްދިނުން

ޗިއާ ސީޑްސް ގައި އެކުލެވޭ ފައިބަރ އާއި ޕްރޮޓީންސްގެ މާއްދާތަކާއެކު ބަރުދަން ލުއި ކޮށްދިނުމަށްވެސް އެހީ ވެދެއެވެ. އަދި ގިނައިން ކެއުން މަދުކޮށްދީ ބަނޑު ފުރިފައި ހުންނަ ކަމަށް އިހުސާސުކޮށްދޭނެ ކަމަށް ދިރާސާތަކުން ބުނެއެވެ.

ކަށީގެ ދުޅަހެޔޮކަން

ޗިއާ ސީޑްސް އަކީ، ކެލްޝިޔަމް، މެގްނީސިޔަމް އަދި ފޮސްފަރަސް ފަދަ ހަށިގަނޑަށް ފައިދާ ހުރި މާއްދާތައް އެކުލެވޭ ސީޑްސް އެކެވެ. މިމާއްދާ ތަކުގެ ސަބަބުން ކަށިތައް ވަރުގަދަ ކޮށްދީ ދުޅަހެޔޮކޮށްދެއެވެ.

ޗިއާ ސީޑްސް ގަވާއިދުން ކެއުމުގައި ހިމެނުމަށް، ސްމޫތީ، ޖޫސް، ކިރު، ޔޯގަޓް، އޯޓްމީލް، ޕެންކޭކް ނުވަތަ ގްރެނޯލާ ބާ ތައްޔާރުކުރާއިރު ޗިއާ ސީޑްސް އަޅައިގެން ތައްޔާރުކުރެވިދާނެއެވެ. ނޫނީ ސެލެޑް ނުވަތަ ސީރިއަލްގެ މައްޗަށް ޗިއާ ސީޑްސް އަޅައިގެން ވެސް ކެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން