ދުވަހުގެ ކެއުމުގައި އެކިކަހަލަ ބަދަނާއި ހިކި މޭވާގެ ބާވަތްތައް ހިމެނުމަކީ ސިއްހަތަށް ފައިދާ ހުރި، އަދި މީހާގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ. ނިއުޓްރިއެންޓްސް ގިނަ ލުއި ކާނާގެ ގޮތުގައި ބަދަނާއި ހިކި މޭވާގެ ބާވަތްތައް ހިމެނުމަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްސް ފަސޭހައިން ލިބޭނެކަމެކެވެ. އަދި މިއީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، ބަލިތަކުން ދުރުކޮށް، ސިއްހަތު ރަނގަޅު ކުރުމަށް ކެއުމުގައި ހިމެނުން މުހިންމު ބާވަތްތަކެވެ.

އެގޮތުން ކެއުމުގައި ހިމަނަން ރަނގަޅު 9 ވައްތަރެއްގެ ބަދަނާއި ހިކި މޭވާގެ ބާވަތްތައް ފާހަގަކޮށްލާނަމެވެ.

އަލްމަންޑްސް

އަލްމަންޑްސް އަކީ ޕްރޮޓީންސް، ފައިބަރ، ފައިދާހުރި ފެޓްސް، ވިޓަމިން އީ އަދި މެގްނީސިޔަމުން ފުރިގެންވާ ބަދަނެކެވެ. އަލްމަންޑްސް ގަވާއިދުން ކާނަމަ ކޮލެސްޓްރޯލް ދައްކޮށްދީ، ހިތުގެ ބަލިތަށް ޖެހޭ މިންވަރު ކުޑަ ކޮށްދީ އަދި ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީވެދެއެވެ.

ވޮލްނަޓްސް

ވޮލްނަޓްސް އަކީ އޮމެގާ 3، ވިޓަމިން އީ އަދި އެންޓިއޮކްސިޑެންޓްސްއިން މުއްސަދިކަން ލިބިގެންވާ ބަދަނެކެވެ. ވޮލްނަޓްސް ގަވާއިދުން ކާނަމަ ހަނދާނާއި ވިސްނުން ރަނގަޅު ކޮއްދީ ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީވެދެއެވެ.

ކަދުރު

ކަދުރަކީ މެގްނީސިޔަމް، ފައިބަރ، ޕޮޓޭސިޔަމް އަދި އެންޓިއޮކްސިޑަންޓްސް އިން ފުރިފައިވާ ހިކި މޭވާއެކެވެ. ކަދުރުން ހަޖަމުކުރުމަށް ފަސޭހަ ކޮށްދީ، އަދި ހަށިގަނޑަށް ހަކަތަ ލިއްބައިދެއެވެ. ކަދުރަކީ ހަކުރުގެ ބަދަލުގައި ކާބޯތަކެތީގައި ފޮނި ރަހަ ލައްވަންބޭނުންކުރެވިދާނެ ސިއްހަތަށް ފައިދާ ހުރި އެއްޗެކެވެ.

ހިކި މޭބިސްކަދުރު

ހިކި މޭބިސްކަދުރަކީ ވިޓަމިންސް، މިނަރަލްސް، އަޔަން އަދި އެންޓިއޮކްސިޑަންޓްސް އިން މުއްސަދިވެފައިވާ ހިކި މޭވާ އެކެވެ. ހިކި މޭބިސްކަދުރު ގިނައިން ބޭނުން ކުރުމުން ލޭމަދުވާން ދިމާވާ މައްސަލަތައް ދަށް ކޮށްދީ، ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ހަޖަމުކުރުމަށް ފަސޭހަ ކޮށްދީ އަދި ހަށިގަނޑުގައި ހަކަތައިގެ މިންވަރު އިތުރު ކޮށްދެއެވެ.

ޕިސްޓާޗިއޯ

ޕިސްޓާޗިއޯއަކީ ޕްރޮޓީންސް، ފައިބަރ އަދި އެންޓިއޮކްސިޑަންޓްސް އިން ފުރިފައިވާ ބަދަނެކެވެ. ޕިސްޓާޗިއޯ ގިނައިން ބޭނުން ކުރުމުން ކޮލެސްޓްރޯލް ދަށްކޮށްދީ އަދި ލޭގެ ހަކުރު ކޮންޓްރޯލް ކޮށްދިނުމަށް އެހީތެރިވެދެއެވެ.

ކެޝޫ ނަޓް

ކެޝޫ ނަޓަކީ ޕްރޮޓީންސް، ރަނގަޅު ފެޓްސް، މިނަރަލްސް އަދި ވިޓަމިންސް އެކުލެވިގެންވާ ބަދަނެކެވެ. ކެޝޫ ނަޓް ގިނައިން ބޭނުން ކުރުމުން ކަށީގެ ދުޅަހެޔޮކަމަށް އެހީވެދީ، އަދި ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭން އެހީތެރިވެދެއެވެ.

ޑްރައިޑް ޕްރޫންސް

ޑްރައިޑް ޕްރޫންސްއަކީ ފައިބަރ، ސޯރބިޓޯލް، ވިޓަމިންސް، މިނެރަލްސް، އަދި ގުދުރަތީ ލެކްސަޓިވްސް ހިމެނޭ ހިކި މޭވާ އެކެވެ. ޕްރޫންސް ބޭނުންކުރުމުން ހަޖަމުގެ ނިޒާމުގެ ކަންކަމުގައި ލުއިކަމެއް ގެނެސްދީ، ބޮޑުކަމުދިޔުމަށް އެހީތެރިވެދެއެވެ.

ޑްރައިޑް އެޕްރިކޮޓް

ޑްރައިޑް އެޕްރިކޮޓްއަކީ ވިޓަމިން އޭ އަދި ސީ ގެ އިތުރުން ޕޮޓޭސިޔަމް އަދި ފައިބަރ އިން ފުރިފައިވާ ހިކި މޭވާ އެކެވެ. އެޕްރިކޮޓް ގިނައިން ބޭނުން ކުރުމުން ލޮލުގެ ފެނުން ރަނގަޅު ކޮށްދީ، ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ އަދި ހަންގަނޑުގެ ސިއްހަތު ރަނގަޅުކޮށްދޭން އެހީތެރިވެދެއެވެ.

ޑްރައިޑް ފިގް

ފިގްއަކީ ފައިބަރ، ޕޮޓޭސިޔަމް، ކެލްޝިޔަމް، އެންޓިއޮކްސިޑަންޓްސް އަދި ޕްރީ ބަޔޮޓިކް އިން މުއްސަދިވެގެންވާ ހިކި މޭވާއެކެވެ. ފިގް ގިނައިން ކާނަމަ ހަޖަމުކުރުމަށް ފަސޭހަ ކޮއްދީ، ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭން އެހީތެރިވެދެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން