އޮފީހެއްގެ ތިޖޫރީން ޑޮލަރުތަކެއް ވަގަށްނެގި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 20 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ކޯޓު އަމުރު ގައި ބުނެފައިވަނީ އެމީހާ ވަނީ އޮފީހެއްގެ ތިޖޫރިއެއްގައި ހުރި ޑޮލަރުތަކެއް ވަގަށް ނަގާފައި ކަމަށާއި، އަދި އެކަމަށް އޭނާ ކޯޓުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

"ތިޖޫރީން ގިނަ ޢަދަދެއްގެ އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާނެ ކަމަށާއި، ނަމަވެސް ދިވެހިފައިސާ ނަގާފައި ނުވާނެ ކަމަށް މީނާ ބުނެފައިވޭ." ކޯޓު އަމުރުގައި ވެއެވެ.

އެގޮތުން ތިޖޫރީގައި ހަތަރު ބޮނޑިއެއްގައި ހުރި ޑޮލަރުތައް ނަގައި ބަންގްލަދޭޝް ބަޔަކަށް މާރުކޮށްފައިވާ ކަމަށް ކޯޓުގައި އޭނާވަނީ ބުނެފައެވެ.

އޭގެއިތުރުން މިހާހިސާބަށް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތުގެ އަތުން އެއްލައްކަ ހަހާސް ރުފިޔާ ހޯދިފައިވާ ކަމަށާއި، އަދި އޭނާގެ ކޮއްކޮގެ އަތުން ތިރީސް ހަހާސް ރުފިޔާ ހޯދިފައިވާ ކަމަށް މައްސަލައިގެ އައިއޯ ކޯޓުގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު ފުލުހުންގެ ކަސްޓޯޑިއަލަށް ގެނެވުނުއިރު އޭނާ އަތުގައި ހުރި ޑޮލަރުތަކެއް ކަސްޓޯޑިއަލްގައި ހުރި މީހަކަށް ޕާސްކޮށްފައިވާ ކަމަށާއި، އެމީހާގެ އަތުން 7300 އެމެރިކާ ޑޮލަރު ހޯދަފައިވާ ކަމަށްވެސް ބަންދު އަމުރުގައިވެއެވެ.

އެހެންކަމުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 20 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން