ރައްޔިތުންގެ މަޖިލީސް އިންތިޚާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލު ތަސްދީގުނުކުރާން ނިންމައި، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވައިލީ އިންތިޚާބުތަކުގެ ތާރީޚު ބަދަލުކުރާނަމަ އިތުބާރު ގެއްލޭނެތީ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާއިބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި އެ ބިލު މިއަދު ރައީސް ވަނީ އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. ސަރުކާރުން ބުނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވައިލަން ނިންމީ މައިގަނޑު ފަސް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެގޮތުން ސަރުކާރުން ބުނީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ޤައުމުގެ މަޞްލަޙަތާ އެއްގޮތަށް ކަންކަންކުރަން ބުނާއިރު އިންތިޚާބުގެ ތާރީޚަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަޞްލަޙަތެއް އޮވެގެން ކުރި ކަމެއް ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އިންތިޚާބާ ބެހޭ ޤާނޫނާ މިގޮތަށް ކުޅެ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުކުރުމަކީ އިންތިޚާބާމެދު އޮތް އިތުބާރު ގެއްލޭނެކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނިގޮތުގައި ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރީން އައު މަޖިލީހުގެ އިންތިޚާބުގެ ހުރިހާކަމެއް ނިންމަން ޖެހޭނެ އެވެ. ނަމަވެސް މި ބިލުގައިވާގޮތަށް އިންތިޚާބު ބާއްވާ ނަމަ ޤާނޫނުއަސާސީގައި ކަނޑައަޅާފައި އެވާ މުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަންކަން ނިންމާނުލެވުމުގެ އިހްތިމާލު އޮތުމުން ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ޤަނޫނުއަސާސީއާ ޚިލާފުވާނޭ ކަމެއްކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މީގެ އިތުރުން މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުން ހިމެނޭއިރު، މިއީ ކޮންމެހެން އާންމުކުރަން ނުޖެހޭ، ވަރަށް ބޮޑު ޒާތީ މައުލޫމާތެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ "ފޯކަލް ޕޮއިންޓް" ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލްޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަންފަދަ އެއްވެސް ތަފުސީލެއް ބިލުގައި ބަޔާންވެފައި ނެތުމަކީ ބިލު ތަސްދީގު ނުކުރި ސަބަބެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ގާނޫނުއަސާސީގައި ބުނެފައިވަނީ މަޖިލީހުން ބިލެއް ފާސް ކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި ރައީސް އެ ބިލު ލިބޭތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެ ކަމަށާއި ތަސްދީގު ނުކުރައްވާ ނަމަ، 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.

ރައީސް ބިލު އަނބުރާ ފޮނުވާލުމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބޭއިރު އެގޮތަށް ދެވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލު 15 ދުވަހުގެ ތެރޭގައި ތަސްދީގު ކުރައްވަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން