މުސާރަ ބޮޑުކުރުމަށް ގޮވާލައި ސިވިލް ސާވިސް މުވައްޒަފުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި އެ ޕެޓިޝަން އެންމެ ފުރަތަމަ ފެށީ ފިޝަރީޒް މިނިސްޓްރީގެ މުވަައްޒަފުން ނެވެ. އަދި ފަހުން ސިވިލް ސާވިސްގެ އެހެން އިދާރާތަކުގެ މުވައްޒަފުން ވެސް ވަނީ އެ ޕެޓިޝަންގައި ސޮއިކޮށްފަ އެވެ.

އެ ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި ސިވިލް ސާވިސްގެ މިހާރުގެ އެވްރެޖް މުސާރައަކީ 7000 އާއި 11،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.

އެހެން ނަމަވެސް ބާޒާރުގައި ތަކެތީގެ އަގުތައް ހުރި ގޮތުން މިއީ ދިރިއުޅުމަށް އެންމެ އެކަށޭނެ މުސާރައެއް ނޫން ކަމަށް ބުނެފައި ވެއެވެ.

ހަމަ އެހެންމެ ކޮންމެ ރައްޔިތަކީ ވެސް ފުދުންތެރި ރައްޔިތަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ވައުދުވެވަޑައިގެންފައި ކަމަށް ވެސް އެ ޕެޓިޝަންގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ގައުމުގެ މުހިންމު ކަންކަން ކުރާ ބަޔަކަށް ސިވިލް ސާވިސްގެ މުވައްޒަފުން ވާއިރު އެ މުވައްޒަފުންގެ އަގު ވަޒަންކޮށް ލިބޭ އުޖޫރައަކީ ނަޒާހަތްތެރިކަމާއި އިންސާނީ ކަރާމާތާއެކު މުޖުތަމައުގައި ދިރިއުޅެވޭނެ އެކަށީގެންވާ އުޖޫރައަކަށް ހަދައިދިނުމަށް ޕެޓިޝަންގައި ވަނީ ގޮވާލައިފަ އެވެ.

"އަޅުގަނޑުމެން މި އުއްމީދުކުރަނީ މި ހުށަހެޅުމާމެދު މަނިކުފާނު [ރައީސުލްޖުމްހޫރިއްޔާ] ވިސްނާވަޑައިގެން އަވަސް ފުުރުސަތެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށެވެ." ޕެޓިޝަންގައި ބުނެފައި ވެއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އެންމެ ފަހުން ބަދަލުތަކެއް ގެނައީ ނިމިދިޔަ ސަރުކާރުގައެވެ. އެފަހަރު ވަނީ މިނިމަމް ވޭޖު ކަނޑައަޅައި މުސާރައިގެ އާ އޮނިގަނޑެއް ކަނޑައަޅައި އެއޮނިގަނޑަށް ސިވިލްސާވިސް މުވައްޒަފުންގެ މުސާރަތައް ފައްތާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން