ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަތީފް
ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަތީފް
މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ޙަސަން މިފަދަ ކަންބޮޑުވުމެއް ފާޅު ކުރަށްވާފައިވާއިރު، މިއަދު ބާއްވާނެ ކަމަށް ކުރިން އިއުލާނުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ބުދަ ދުވަހަށް މިހާރު ވަނީ ފަސްކޮށްފައެވެ. މަޖިލީހުގެ ޖަލްސާ ފަސްކޮށްފައިވަނީ މަޖިލީހުގެ ގިނަ މެންބަރުން މިވަގުތު މަޖިލީސް އިންތިޚާބުގެ ކެމްޕޭނުގައި އުޅުއްވާތީ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުމަށް ނިންމާފައިވާތީ ހަސަން ލަތީފް މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ތިއްބެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ޖަލްސާތައް ބާއްވަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން ރައްޔިތުން މަޖިލީހުން ނިންމާންޖެހޭ އެތައް ބައިވަރު މަސައްކަތެއް ހުރިކަން ފާހަގަ ކުރައްވަމުން ހަސަން ވިދާޅުވީ ޖަލްސާތައް ނުބާއްވަން ޕީޖީ ލީޑަރުންނަށް ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ލަފާ ނުދެއްވޭނެ ކަމަށެވެ.



މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ދައުރުގެ ތެރޭ ހިނގާ އާންމު ޖަލްސާތައް ކޮންމެ ހަފްތާއަކު މަދުވެގެން ތިން ދުވަހު ބާއްވަން ޖެހެއެވެ. އަދި ހާއްސަ ހާލަތެއް ފިޔަވައި، މަޖިލީހުގެ ޖަލްސާއެއް ފެށުމުގެ މަދުވެގެން ހަ ގަޑިއިރު ކުރިން ޖަލްސާގެ އެޖެންޑާ މެންބަރުންނަށް ފޮނުވައި އާންމުކުރަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން