މަސްވެރި ރަށެއްކަމަށްވާ ހއ. އިހަވަންދޫގައި ތަރައްގީކުރާނީ ސަރަހައްދީ ފެންވަރުގެ މަސް ފެކްޓްރީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިހަވަންދުއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސްވަނީ އެ ރަށުގައި ބޮޑެތި ޕްރޮޖެކްޓްތަކެއް މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ވިދާޅުވީ، އެ ރަށަކީ އެ ސަރަހައްދުގައި މަސްވެރިކަމުގައި މައި ސިނާއީ ރަށަށްވުމާއެކު، އެ ދާއިރާއިން ސަރަހައްދީ ފެންވަރުގެ ހިދުމަތްތައް އިހަވަންދޫގައި ގާއިމުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިހަވަންދޫގައި މަސްކިރާ ފެންޓްރީއެއް ގާއިމުކުރުމުގެ ހުވަފެން މި ސަރުކާރުން ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށާއި އަދި ފެކްޓްރީ ވެގެންދާނީ ސަރަހައްދީ ފެންވަރުގެ މަސް ފެކްޓްރީއަކަށް ކަމަށެވެ.

އަދި އެ ސަރަހައްދަށް ދެމެހެއްޓެނިވި ދާއިމީ ހައްލެއް ގެނެވޭނީ ލާޖް ސްކޭލް ޕްރޮޖެކްޓަކުން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ 10 މިލިއަން ޑޮލަރު ނުވަތަ 150 މިލިއަން ރުފިޔާގެ މަސްކިރާ ފެކްޓްރީއެއްގެ ޕްރޮޖެކްޓެއް ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓް ފުލް ސްކޭލްގައި މިއަހަރު ފަށާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ބައެއްކަންކަން ބަޖެޓުގައި ހިމަނާފައިވަނީ އެކަން ކުރަން ނޫންކަމަށާއި ބަޖެޓުގައި ހިމަނާފައި އޮންނަނީ ކުޑަ އަދަދެއްކަމުން އެކަންކަން ކުރިއަށް ނުދާކަމަށެވެ. ހާއްސަކޮށް އުތުރުގެ މަސްވެރިކަން ފުޅާވެގެންދާ މިންވަރަށް ބަލާއިރު، އެހާ ކުޑަ ސްކޭލެއްގެ ޕްރޮޖެކްޓެއް ހިންގައިގެން ސަރުކާރުން ބޭނުންވާ އަމާޒާ ގާތަށްވެސް ވާސިލްނުވާނެކަމަށާއި އެހެންކަމުން މި ސަރުކާރުގެ ތަޞައްވުރަކީ ކޮންޓްރެކްޓަރ އިންވެސްޓް އުސޫލުން، 10 މިލިއަން ޑޮލަރުގެ މަޝްރޫއެއް ގެނައުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އިހަވަންދޫއާއި ހޯރަފުށްޓަކީ އެ ސަރަހައްދުގެ އަރބަން ސެންޓަރުތަކުގެ ގޮތުގައި ބަލާ ތަންތަން ކަމަށާއި އެހެންކަމުން މިސަރަހައްދަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ހިނގަންޖެހޭނީވެސް ފުޅާދާއިރާއެއްގައި ނުވަތަ ލާރޖް ސްކޭލުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން