ދެއިރު ދެދަޅަޔަށް ކުލަ ބަދަލުކުރާ މީހަކަށް ނުވާނެކަމަށް ވިދާޅުވެ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެކަމަނާގެ ގާބިލުކަން ސާބިތުކޮށްދެއްވައިފިއެވެ.

މަޖިލިސް އިންތިހާބަށް ކުޑަތަންވަމުން އަންނައިރު، ޕީއެސްއެމުން މިހާރު ފަށާފައިވާ ކެންޑިޑޭޭޓުންގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން، ނަހުލާ ވިދާޅުވީ، `އެކަމަނާއަކީ ތެދުވެރި، އަމާނާތްތެރި އިހުސާންތެރި އަދި އޯގާތެރިވާނެ ބޭފުޅެއްކަމަށެވެ. އަދި އެއީ މިހާތަނަށް ވެސް އަންގައިދީފައިވާނޭ ކަމެއްކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، ދެއިރު ދެދަަޅައަށް ކުލަ ބަދަލުކޮށް ޕާޓީ ބަދަލުކޮށް ދުވާ މީހަކަށް ވެސް އެކަމަނާ ނުވާނެކަމަށެވެ. އެއް އަޒުމެއްގައި ހުންނަވާނެ ކަމަށާއި އަބަދުވެސް އިސްވާނީ ރައްޔިތުންނަށް ހެޔޮގޮތް ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

"އެންމެ ނިކަމެތި މީހާގެ ހާލު، ހިތާއި ހަމައަށް ހަމަ ޔަގީނުން ވެސް ފޯރާނެ." ނަހުލާ ވިދާޅުވިއެވެ.

ބަހުސްގެ ތެރެއިން ނަހުލާ ވަނީ، މިދިޔަ ސަރުކާރުގެ މިނިސްޓަރު ކަމުގައި ހުންނެވިއިރު، މަޖިލީހަށް ހާޒިރުކޮށް އިރުއިރުކޮޅުން ސުވާލުކުރިކަން ވެސް ފާހަގަ ކުރައްވާފައެވެ. ޖޭޕީއާއި އެމްޑީޕީގެ ކޯލިޝަނަށް އިޝާރާތް ކުރައްވާ ނަހުލާ ވިދާޅުވީ، އޭރުގެ ސަރުކާރުގެ ދޮންދަރިއެއްގެ ގޮތުގައި މިނިސްޓަރެއްގެ ގޮތުގައި ހުންނަވަންޖެހުމުން، ދެއިރު ދެދަޅައަށް ކާ ބޭހެއްހެން މަޖިލީހަށް ހާޒިރުކުރި ކަމަށެވެ.

ކިތަންމެ ވަރަކަށް މަޖިލީހަށް ހާޒިރުކުރި ނަމަވެސް ސާބިތުކަމާއެކު ޖަވާބުދާރީވެވަޑައިގެންފައި ވާނެކަމަށާއި ހައްގަށް ބަސްވިދާޅުވެފައިވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހަވާލުވި ޒިންމާއެއް އެކަމަނާގެ އިހުމާލަކުން ފުރިހަމަ ނުވެ ނޯންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނަހުލާއަކީ، ނިމިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ދިމާވި ޕްރެޝަރުތަކާއިއެކު ވެސް މަސައްކަތް ކުރައްވައި މިނިސްޓްރީގެ ހިދުމަތްތައް ޒަމާނީކޮށް އޮންލައިން ކުރުމާއި ކޮރަޕްޝަން ނައްތާލަން ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން