ދައުލަތުގެ މާލީ ހާލަތަށްބަލައި ހަރަދު ކުޑަ ކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.

ހަރަދު ކުޑަކުރަން ސަރުކާރުގެ އިދާރާތަކަށް އަންގާފައިވަނީ ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައެވެ.

އެ ސާކިއުލާގައިވާ މުހިންމު ކަންކަމަށް ބަލާއިރު، ސަރުކާރުގެ އިދާރާތަކަށް މިހާރު ނަގާފައިވާ މުވައްޒަފުންގެ އިތުރުން އިތުރު މުވައްޒަފުން ނެގުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ލިޔުމުން ހޯދުމާއި ކޮންމެހެން ކަމެއް ކުރަންޖެހިގެން ނޫނީ މުވައްޒަފުން ލައްވާ އިތުރު ގަޑީގައި މަސައްކަތް ނުކުރުވުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން 35000 ރުފިޔާއަށްވުރެ ބޮޑެތި ހަރަދުތައް ކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަަންޖެހޭގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

އޭގެ އިތުރުން، ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރާ ނަމަ ހުއްދަ ހޯދުމަށާއި މިހާތަނަށް ހުއްދަ ދީފައިވާ ކަންކަން ފިޔަވައި އިތުރު ތަނެއްގެ މަރާމާތަށް ރިކަރަންޓް ބަޖެޓުން ހަރަދު ނުކުރުމަށް ވެސް ސާކިއުލާގައި އަންގާފައި ވެއެވެ.

މި ސާކިއުލާގައި މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމަށް ވެސް ސާކިއުލާގައިވަނީ އަންގާފައެވެ.

ހަރަދުކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިމިވަނީ، ރާއްޖޭގެ ދަރަނީގެ ހާލަތު އޮތީ ނުރައްކާތެރި ހާލަތެެއްގައިކަމަށް މާލީ އިދާރާތަކުން ބުނެފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން