ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގދ. ގައްދޫއަށް ވަޑައިގެން ކައުންސިލާ ބެހޭގޮތުން ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަަމަށް ބުނެ ގައްދޫ ކައުންސިލުން، އެކަން ކުށްވެރިކޮށްފިއެވެ.

ގައްދޫ ކައުންސިލުގެ ބަޔާނުގައި ރައީސް ދެއްކެވި ވާހަކަފުޅު ހަގީގަތާ ޚިލާފު ކަމަށް ބުނި ނަމަވެސް އެމަނިކުފާނު ހަގީގަތާ ޚިލާފަށް ދެއްކެވީ ކޮން ވާހަކަފުޅެއްކަން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ރައީސް ގައްދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅާ ގުޅިގެން އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނީ، ރައީސް އެރަށަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވަކި މަންފާއެއް ހާސިލު ކުރުމަށްޓަކައި، ހަގީގަތާ ހިލާފަށް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. އަދި އެއީ އެކައުންސިލު ބަދުނާމުކޮށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ގައްދޫ ކައުންސިލުން ބުނީ، ރައީސްގެ ގައްދޫ ދަތުރުފުޅުގައި ރައީސް އޮފީހާއި ގައްދޫ ސަރުކާރު އޮފީސްތައް އަދި ކުންފުނިތަކުން އެކަށީގެންވާ އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.

އަދި ކައުންސިލް ރައީސްގެ ވާހަކަފުޅު ވަކި ގޮތަކަށް ބައްޓަން ކުރުމަށް ވަޒީރުން އެންގެވިކަމަށް ތުހުމަތުކޮށް ގައްދޫ ކައުންސިލުން ބުނީ، އެއީ ރައްޔިތުންގެ ފަރާތުން އެ ކައުންސިލުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ގައްދޫ ކައުންސިލުން ބުނީ، އެ ކައުންސިލްގެ އިދާރާއަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ބުނެ، އެ އިދާރާގައި ބޭއްވުމަށް ހަމަޖެހުނު ބައްދަލުުން އެހެން ތަނަކަށް ބަދަލުކޮށް، އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ރައީސް ސޮއި ކުރައްވާފައި ނުވާ ކަމަށެވެ.

"ހަމައެޔާއެކު، މި ކައުންސިލްގެ ނައިބު ރައީސް ޚަދީޖާ އަޙްމަދު ޣަޒާލު، ޗުއްޓީގައި ހުންނަވަނިކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ، ކައުންސިލްގެ ނައިބު ރައީސަށް ގުޅައި، މި ޙަރަކާތުގައި ބައިވެރިވުމަށް މަޖުބޫރު ކޮށްފައިވޭ." ގައްދޫ ކައުންސިލުން ބުންޏެވެ.

ނަމަވެސް ރައީސްގެ އިސްތިގުބާލުގައި ބައިވެރިވުމަކީ އެ ކައުންސިލަރެއްގެ އަމިއްލަ ކަމެއް ކަމަށާއި އެއީ ކައުންސިލްގެ ގަދަރު ކުޑަ ވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ގައްދޫ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ގައްދޫ ކައުންސިލުން ބުނީ، ލޯކަލް ގަވަމަންޓް އޮތޯރެޓީ މެދުވެރިކޮށް ބިރުދައްކަނީ އެ ކައުންސިލާއި ރައްޔިތުން ބަލިކަށި ކޮށްލުމަށް ކަމަށެވެ. އަދި އެކަން ހުއްޓާލުމަށް އެ ކައުންސިލުން ރައީސަށް ދަންނަވާފައިވާ ކަމަށް ވެސް ކައުންސިލުގެ ބަޔާނުގައި ވެއެވެ.

ނަމަވެސް ރައީސް ކައުންސިލާ ބެހޭގޮތުން ދެއްކެވި ހަގީގަތާ ޚިލާފު ވާހަކަފުޅު ތަކަކީ ކޮބައި ކަމެއް ކައުންސިލުގެ ބަޔާނުގައި ބުނެދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކައުންސިލުގެ ބަޔާނުގައި ދައްކާފައި ވަނީ މާބޮޑު ހުއްޖަތެއް ނެތް ސިޔާސީ ވާހަކަތަކެއްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން