އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ރަތް ކަނޑު ކައިރިން ދަތުރު ކުރާ އިސްރާއިލާ ގުޅުން އޮންނަ ބޯޓުތަކަށް ޔަމަނުގެ ހޫތީން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ސުއޭޒް ކެނެލުން ދަތުރުކުރާ ބޯޓުތައް މަދުވެ ލިބޭ އާމްދަނީ 50 ޕަސެންޓް ދަށްވެފައިވާ ކަމަށް މިސްރުން ބުނެފި އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވީ ސުއޭޒް ކެނެލުން އަހަރަކު މިސްރަށް 10 ބިލިއަން ޑޮލަރު ލިވޭ ކަމަށެވެ. ނަމަވެސް މިހާރު އެ އާމްދަނީ 50 ޕަސެންޓް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރާބީ ވިދާޅުވީ މިދިޔަ އަހަރު ޖެނުއަރީ މަހު 804 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް މި އަހަރު ޖެނުއަރީ މަހު ލިބުނީ 428 މިލިއަން ޑޮލަރު ކަމަށެވެ.

ސުއޭޒް ކެނެލުން ލިބޭ އާާމްދަނީ ދަށްވި އިރު މިސްރަށް މިހާރު ވަނީ މިއިން ޒަމާނަކުވެސް ނުދެކޭ ފަދަ އިގްތިސާދީ ތަދަކާވެސް ކުރިމަތިވެފަ އެވެ. އަދި އެއާއެކު ތަކެތީގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ.

އެ ގައުމުގެ ފައިސާގެ އަގު ވެއްޓިފައިވާ އިރު މިސްރުގެ ބޭރުގެ ދަރަނިވެސް ވަނީ 164 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.

ހޫތީން ދެމުންދާ ހަމަލާތައް ހުއްޓުވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތަށް ނާކާމިޔާބުވެފައިވާ އިރު ކުރިއަށް އޮތް މަސްތަކުގައި ވެސް އެ މައްސަލައަށް ހައްލެއް ލިބޭނެކަމުގެ އުއްމީދެއް ނުފެނެ އެވެ. އެހެންވެ އަދިވެސް ސުއޭޒް ކެނެލްގެ އާމްދަނީ ދަށަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން