އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު (ވ)
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު (ވ)
ވަކިބަޔަކު ބޭނުންވީމާ ވަކިގޮތެއް ހެދުމަކީ ޑިމޮކްރަސީ ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެކުލަވާލާފައިވާ ޤައުމީ ލަފާދޭ ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި ފުއާދު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފުއާދު ވިދާޅުވީ ޑިމޮކްރަސީގެ އެންމެ އަސާސީ ސިފައަކީ ވަކިގޮތަކަށް ކަމެއް ކުރުމަށް ކަނޑައަޅައިފިނަމަ ހަމަހަމަކަމާއި ތަފާތު ކުރުމެއްނެތި އެކަމެއް ކުރުން ކަމަށެވެ.

އެގޮތުން ވަކި ބަޔަކު ބޭނުންވުމުން ވޯޓުލާ ދުވަސް ބަދަލުކުރުމަކީ ޑިމޮކްރަސީ ނޫން ކަމަށާއި އެންމެ ހިތާމަކުރައްވަނީ ޑިމޮކްރަސީއަށް ވަކާލާތުކުރައްވާ ބޭފުޅުންގެ ފަރާތުން އެފަދަ ޢަމަލުތައް ފެންނާތީކަމަށް ފުއާދު ވިދާޅުވިއެވެ.

"ބޭނުންވިޔަސް އަޅުގަނޑުމެން އެކަން ކޮށްގެންނެއް ނުވާނެ. ގާނޫނަށް އަޅުގަނޑުމެން ތަބާވާން ޖެހޭނެ." ފުއާދު ވިދާޅުވިއެވެ.

ފުއާދު މިމޭރުމުން ވިދާޅުވެފައިވާއިރު އިންތިޚާބެއްގެ ތާރީޚް ރޯދަ މަހާ ދިމާވާނަމަ، އެއިންތިހާބެއް ރޯދަމަސް ނިމުމަށްފަހު 10 ދުވަސް ފަހުން ބޭއްވުމަށް އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައި ވަނީ މާޗު މަހުގެ 17 ގައެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާއެވެ.

ރައްޔިތުންގެ މަޖިލީހުން އިންތިޚާބު ފަސްކުރުމަށް ފާސްކުރި ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މަޖިލީސް އިންތިޚާބު އޮންނާނީ މާޗު 17 ގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން