ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އެންމެ ޟަރޫރީ ޚަރަދުތައް ނޫނީ ނުކުރުމަށް ސަރުކާރުގެ ވުޒާރާތަކަށާއި ކުންފުނިތަކަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފަރެސް މާތޮޑާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު މިއަދު ވިދާޅުވީ ކޮންމެހެން ކުރަން ޖެހޭ ކަންކަން ނޫނީ ނުކުރަން ހުރިހާ މިނިސްޓްރީތަކަށާއި، ކުންފުނިތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

އެހެންނަމަވެސް ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހޭ ހަރަދުތައް ސަރުކާރުން ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން ލިބިގެންދާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

"ހުރިހާ މިނިސްޓްރީތަކާއި ހުރިހާ ކުންފުނިތަކަށް އަންގާފައި އޮންނާނީ ހުރިހާ ފަރާތްތަކުންވެސް އެންމެ ޒަރޫރީ ހަރަދުތައް ނޫނިއްޔާ ނުކުރަން" ރައީސް މިއަދު ވިދާޅުވި އެވެ.

ރައީސް ޑރ. މުޢިއްޒު މިއަދު މިމޭރުމުން ވިދާޅުވެފައިވާއިރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ސަރުކާރުން ބުނެއެވެެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ ކުރީ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕްކުރުމުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ދާދިފަހުން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ މި ސަރުކާރުގެ އިގުތިޞާދީ އެޖެންޑާއަށް އައިއެމްއެފްގެ އިތުބާރު އޮތް ކަމަށާއި، ސަރުކާރުން އަޅަމުންގެންދާ އިސްލާހީ ފިޔަވަޅުތަކަށް އައިއެމްއެފުން ތަޢުރީފް ކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން