މަސްވެރިންގެ ތިންމަހުގެ އާމްދަނީ ނުދީ ހިފަހައްޓާފައިވަނީ ސަރުކާރުގެ ނާގާބިލްކަމުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނިއިރު ސަރުކާރުން ބުނަމުންދަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި މަސްވެރިން ނުދީ އޮތް ފައިސާ ދީ ޚަލާސްކުރީ މިސަރުކާރުން ކަމަށެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވާތީ މަސްވެރިން އަންނަނީ ކޫއްޑޫގައި މުޒާހަރާ ކުރަމުންނެވެ.

މި އިހުތިޖާޖާ ގުޅިގެން ސަރުކާރުން ބުނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދީ ނިންމާނެ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރަމަޟާން މަސް ބޯމަތިވެފައިވާއިރު މިފްކޯއަށް މަސް ގަތުމަށް ފަހު މަސްވެރިންނަށް ދޫކުރަން ޖެހޭ 400 މިލިއަނެއްހާ ރުފިޔާ އަދިވެސް މަސްވެރިންނަށް ދޫކޮށްފައި ނުވާތީ އެ ޕާޓީން ކަންބޮޑުވާ ކަމަަށެވެ. އަދި ވީހާވެސް އަވަހަށް ރާއްޖޭގެ މަސްވެރިންނަށް ފައިސާ ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

އެމްޑީޕީން ބުނީ ކޮވިޑްގެ އެންމެ ދަތި ހާލުގައި، ސަރުކާރުގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް ދަނޑިވަޅުގައި ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ދޫކޮށްފައިވާނެ ކަމަށެވެ.

"މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވޭ ހާލަތުގައި އެ މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސް ވާއިރު ވެސް ހިފަހައްޓާފައި ވަނީ މިސަރުކާރުގެ ނާގާބިލު ކަމުން." އެމްޑީޕީން ބުންޏެެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ޑޮލަރުން ފައިސާ ދޫކުރާނެ ކަމަށް ވައުދުވެ އެ އަހުދާ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން ހިލާފުވެފައިވާ ކަމަށެވެ.

އަދި މަސްވެރިންނަށް ފައިސާ ދޫނުކުރި ކަމުގައިވީ ނަމަވެސް މި ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރަމުންދާކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން މަސްވެރި އެތަކެއް އާއިލާއެއްގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު ވެސް ސިޔާސީ މަގާމުތައް އުފައްދައި އަގުބޮޑު ޕްރޮޖެކްޓުތައް އިފްތިތާހު ކުރަމުންދާދިޔުން އެޕާޓީން ބަލައި ނުގަންނަ ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަހުގެ އަގު 17ރ. އިން 25ރ. އަށް ވަނީ ބޮޑު ކޮށްފައެވެ. މި ސަރުކާރުން ބުނަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވެގެން އުޅޭ އެއް ސަބަބަކީ ވެސް މަހުގެ އަގު ކުރީ ސަރުކާރުން ބޮޑު ކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން