ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު ކަށަވަރުކޮށްދިނުމަށް އެދި ހަފްތާއެއްހާ ދުވަސް ކުރިން ފެށި މުޒާހަރާ އާއި ގުޅިގެން އިންޑިއާގެ ދަނޑުވެރިންނަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމާ ދެކޮޅު ހަދައި، ދަނޑުވެރިން ކުރަމުންދާ މުޒާހަރާ ވެރިރަށް ނިއުދިއްލީއަށް އަމާޒުހިފާފައިވާކަމަށް މުޒާހަރާވެރިން ބުނެފިއެވެ.

ސަރުކާރުން ހުށައަޅާފައިވާ ފަސް އަހަރުގެ ކޮންޓްރެކްޓް މުއްދަތަކަށް ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށް ދެމެހެއްޓުމަށް ދިން ގެރެންޓީ އަށް ދެކޮޅު ހަދާކަމަށް މުޒާހަރާ ކުރަމުންދާ ދަނޑުވެރިން ބުނެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އެހުށައެޅުމަކީ ދަނޑުވެރިން ބަލައިގަންނަ ހުށައެޅުމެއް ނޫންކަމަށް މުޒާހަރާ ލީޑް ކުރަމުންދާ އެއް ދަނޑުވެރިއެއްކަމަށްވާ ޖަގްޖިތު ސިންގް ދައްލެވާލް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް މަޢުލޫމާތުދެމުން ފާހަގަކޮށްފައިވެއެވެ.

ދަނޑުވެރިން ވަނީ އެމީހުންގެ މައްސަލަތައް ސަރުކާރުން ހައްލުކޮށް ނުދެވޭނަމަ ބެރިކޭޑްތައް ނަގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

މިއީ މިފަދަ މުޒާހަރާއެއް އިންޑިއާގެ ދަނޑުވެރިން ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މީގެ ދެ އަހަރު ކުރިންވެސް ވަނީ ދަނޑުވެރިން ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. އެއް އަހަރު ދުވަހަށް ވުރެ ގިނަދުވަހަށް ދިގުލައިގެންދިޔަ އެ މުޒާހަރާގައި ދިހަ ހާހަށް ވުރެއް ގިނަ ދަނޑުވެރިން ބައިވެރިވެފައިވެއެވެ.

މިހާރު ދަނޑުވެރިން ކުރަމުންދާ މުޒާހަރާގައި މައިގަނޑުގޮތެއްގައި ގޮވާލަނީ ދަނޑުވެރިކަމުގެ ހުރިހާ އުފެއްދުންތަކަށް ސަޕޯޓު ކުރަން ބާރުއަޅައި، އެއުފެއްދުންތަކުން ނަގާ އަގުތައް ކަށަވަރުކޮށްދޭނެ ގާނޫނުތަކެއް އެކުލަވާލުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން