ޕީޕީއެމް ސަރުކާރުގައި، ފްލެޓް ލިބުނު ކަމުގެ ލިޔުން ލިބި، އެމްޑީޕީ ސަރުކާރުގައި ފްލެޓް ނުލިބުނު މީހުންނަށް، މި ސަރުކާރުން އެންމެ އަވަހަށް ހިންގާ ސޯޝަލް ހައުސިންގް ޕްރޮޖެކްޓެއްގެ ތެރެއިން ފްލެޓް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ރައީސްގެ ޖަވާބު"ގެ ނަމުގައި ރައީސް އޮފީހުން ސޯޝަލް މީޑިޔާގައި ގެނެސްދޭ ސިލްސިލާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ގދ. ގައްދޫ، މާފެހި، މުޙައްމަދު ޝުހައިލް ސުވާލު ކޮށްފައި ވަނީ ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދިނުން އޮތް ގޮތާ ބެހޭގޮތުންނެވެ.

ޝުހައިލް ބުނީ، ޑރ. މުއިއްޒުގެ ހައުސިންގް މިނިސްޓަރުކަމުގައި، ހިޔާ ސަރަހައްދުން ދީފައިވާ ފްލެޓްތަކަށް މިނިސްޓްރީގެ ތައްގަނޑާއެކު ލިޔުން ދިން ނަމަވެސް ޝުހައިލް ފަދަ އެތައް މީހަކަށް ފްލެޓް ލިބިފައި ނުވާ ކަމަށެވެ.

އަދި މި ސަރުކާރުން އެންމެ ފުރަތަމަ ދޭ ފްލެޓްތަކުގެ ތެރެއިން އެފަދަ މީހުންނަށް ގޮތެއް ހޯދައިދެއްވާނެކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައިވާ ބަސްކޮޅަށް އިޝާރާތްކޮށް ޝުހައިލް އަހާފައި ވަނީ، އެފަދަ މީހުންނަށް ގޮތެއް ހޯދައިދެއްވާނީ ކޮންއިރަކުންތޯއެވެ.

ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެންމެ އަވަހަށް ފެށޭ ސޯޝަލް ހައުސިންގް އެއްގެ ތެރެއިން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

"އަޅުގަނޑު ވައުދުވި ގޮތަށް އެކަން ހަމަ ފުއްދަދޭނަން. މި ސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިންގް މަޝްރޫއުގެ ތެރެއިން، ކުރީގަ ފްލެޓް ލިބޭނެ ކަމަށް ގެޒެޓްގަ ނަން ހިމެނިފަ، އެހެން ނަމަވެސް ފްލެޓް ނުލިބޭނެ ކަމަށް ފަހުން ކަނޑައެޅި ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ ފްލެޓް ހަމަޖައްސަދޭނަން. އެކަމުގެ ޔަގީންކަން ދެން." ޑރ. މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން