ބ. ދަރަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ކޮންޓްރެކްޓް އުސޫލުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ ނިމިފައިވާކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އެމްޓިސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 30,504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4126 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުމާއި، 2301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 352 މީޓަރުގެ ސަރަަޙައެއްގައި ބޭރުތޮށި ލުމާއި، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

ހަމައެއާއެކު 248 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 24 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 140 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.

މި މަޝްރޫއަކީ 55.48 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން