އިސްރާއީލު ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ބާރުއެޅިނަމަވެސް ބައިޑެންގެ ސަރުކާރުން އިސްރާއީލަށް ބޮމާއި އެހެނިހެން ހަތިޔާރު ފޮނުވުމަށް ތައްޔާރުވަމުންދާކަމަށް އެމެރިކާގެ މިހާރުގެ އޮފިޝަލުންނާއި ކުރީގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވެ އެވެ.

އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ ހަތިޔާރު ޑެލިވަރީގެ ތެރޭގައި ޕްރެސިޝަން ގައިޑެންސް އިތުރުކުރާ އެމްކޭ-82 ބޮމާއި ކޭއެމްޔޫ-572 ޖޮއިންޓް ޑައިރެކްޓް އެޓޭކް މުނިޝަންސް އާއި އެފްއެމްޔޫ-139 ބޮން ފިއުޒް ހިމެނޭ ކަމަށް ޖާނަލް އިން ރިޕޯޓްކޮށްފައިވާއިރު، އޭގެ އަގު ދިހަ މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި މިލިސްޓު ސަރުކާރުން މުރާޖައާ ކުރަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ. އަދި މުރާޖައާ ކުރުމަށްފަހު ކޮންގްރެޝަނަލް ކޮމިޓީގެ ލީޑަރުން ލިސްޓަށް ރުހުން ދިނުމުގެ ކުރިން މިލިސްޓަށް ބަދަލު އައުން އެކަށީގެންވާކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެ އެވެ.

މި ރިޕޯޓާއި ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ޑިފެންސް ޑިޕާޓްމަންޓާއި އިސްރާއީލުގެ ޑިފެންސް ފޯސަސް އަދި އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން އިން ބަހެއް ހޯދުމަށް ރޮއިޓާސް އިން އެދުމުން އަދި ޖަވާބެއް ދީފައެއްނުވެ އެވެ.

އެމެރިކާއިން އުފައްދާ ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އާންމުން މަރުވެ، އަދި ޒަޚަމްވަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށް ތުހުމަތުތައް ގިނަވަމުންދާއިރު، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ކުރިއަށް ގެންދިއުމުން ބައިޑެންގެ ވެރިކަމަށް ފާޑުކިޔުންތައް އަމާޒުވާވަރުވެސް ވަނީ އިތުރުވެފަ އެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު 28،775 އަށް މިހާރު ވަނީ އަރައިފަ އެވެ. ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މީގެ ތެރޭގައި ގިނައީ އާންމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން