[އަހަންނާއެކު ދިރިއުޅުމުގެ މައިދާނުގައި ހޭދަކުރާ ކޮންމެ ދުވަހެއްވެސް ދާނީ މިގޮތުގައި. އަހަރެން ތާރާއަށް އުފާ ހޯދައިދޭނަން.] އަރުފާން ތާރާގެ ގައިގައި ބައްދާލިއެވެ.

މިހާރު ތާރާ އެވަނީ ވަރަށްބޮޑު ހިތްހަމަޖެހުމެއްގެ ތެރޭގައެވެ. މީގެ ކުޑަހިނދުކޮޅެއްގެ ކުރިން އަރުފާންގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރި ބީހުންތަކަކީ އޭނާގެ ހިތުން ފިލުވަން އުނދަގޫވާވަރުގެ އިޙްސާސްތަކެއް ކުރެވުނު ބީހުންތަކެކެވެ.

[އަރުފާން...އަޅެ އަރުފާން އިތުރު ކުއްޖެއް ބޭނުންތަ؟ އަހަރެން ބޭނުން އަދި ދެކުދިން.] ތާރާ އަރުފާންގެ މޭގައި ބޯއަޅާލިއެވެ.

[ކީއްކުރަންތަ...އެހާ ބައިވަރު ކުދިން ހޯދަނީ. އަހަރެން އިތުރު ކުއްޖަކު ބޭނުމެއް ނޫން. އެންމެ ކުއްޖަކު ހުރީމާ އަހަންނަށް ފުދޭނެ.] އަރުފާން ބުންޏެވެ.

[ނޫނޭ އަރުފާން...އަދި ދެކުދިން ބޭނުންވާނެ. އެންމެ ކުއްޖަކު ހުރީމާ ގެ ފަޅެއްވެސް ނުފިލާނެ.] ތާރާ ބުންޏެވެ.

ފަހަރެއްގައި މިރެޔަކީ ތާރާއާއި އަރުފާން އެކުގައި ހޭދަކުރާނެ ފަހު ރެޔަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ހަމަގައިމުވެސް މާދަމާރޭ ރެކިމަނިކުމެންގެ މަސައްކަތް ރަނގަޅަށް ކުރިޔަށް ގެންދެވިއްޖެނަމަ، ތާރާގެ ދިރިއުޅުމުން އަރުފާން މުޅިން ދުރަށްދާން ޖެހޭނެއެވެ.

[މާދަމާރޭ އަހަރެމެންނަށް ޙަޤީޤީ މަންޒިލަށް ވާސިލުވެވޭނެތަ؟] ޝިޔާން ވާހަކަ ދެއްކީ ރެކިމަނިކާއެވެ. އޭނާ ވާހަކަ ދެއްކީ ފޯނުންނެވެ.

[އިރާދަކުރެއްވިއްޔާ މާދަމާރޭ އޭތި އަހަރެންގެ ފުރިހަމަ ބާރުގެ ދަށަށް ގެންނާނަން. އެއީ ޝައްކެއް އޮތް ކަމެއް ނޫން.] ރެކިމަނިކު ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.

[އަހަރެމެންވެސް މާލެ ދާންވީތަ؟ ތިކޮޅުގައި ތިމަސައްކަތް ކުރަންޏާ އަހަރެމެން މިރަށުގައި ތިބުމުގެ މާބޮޑު ބޭނުމެއް ނެތެއް ނޫންތަ؟] ޝިޔާން ބުންޏެވެ.

[ނޫނޭ...ޝިޔާންމެން ތިކޮޅުގައި މަޑުކުރޭ. އޭތި އަހަރެންގެ ބާރުގެ ދަށަށް ގެނެސް، އޭއްޗާއެކު އަހަރެން ތިރަށަށް ދާނަން. އޭތި ނައްތާލާނީ ތިރަށަށް ގޮސް، ތާރާމެންގެ ކުރިމަތީގައި.]

އޭނާ ވިސްނާފައިވަނީ އަރުފާންގެ ސިފައިގައި އުޅޭ ޖިންނި އޭނާގެ ބާރުގެދަށަށް ގެނެސް، އެންމެންގެ ލޯތަކަށް އޭތި ފާޅުކުރުވުމަށްފަހު ނައްތާލާށެވެ.

އޭތި ކިތަންމެވަރަކަށް ރޮއި އާދޭސް ކުރިޔަސް އޭނާ އޭތި ދުލެއްނުކުރާނެއެވެ. އޭނާ އޭއްޗަކަށް މާފެއް ނުކުރާނެއެވެ. ތާރާއާއި އޭނާގެ ޢާއިލާއިން އޭއްޗަށް މަޢާފް ކުރިޔަސް، ރެކިމަނިކު އޭއްޗަށް މަޢާފެއް ނުކުރާނެއެވެ. އޭތި އެވަނީ ރެކިމަނިކު އެންމެ ލޯބިވާ ދަރިފުޅުގެ ޢިއްފަތްތެރިކަން ނަގާލައި ގިނަކޮށްފައެވެ.

[މިރޭގެ މަސައްކަތަށް ބޭނުންވާނޭ ތަކެތި ހޯދުމުގެ މަސައްކަތް އަހަރެމެން މިހާރު މިކުރަނީ.] ރެކިމަނިކު ބުންޏެވެ.

އެރެއަށްފަހު އަރުފާން ހީކުރިއެވެ. އަފްރާ ޢާންމު ޙާލަތަށް ބަދަލުވުމުން ރެކިމަނިކު އޭނާއާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެއެވެ.

އެހެން ނަމަވެސް އޭނާ ހީކުރަނީ ކުށްހީއެކެވެ. އަރުފާނަށް އެއްވެސްވަރަކަށް ދޫދޭކަށް ރެކިމަނިކު ބޭނުމެއް ނޫނެވެ.

ޖެހިގެން އައި ދުވަހު ވިޝާލާއި ޝިޔާން މަގުމަތިން ދިމާވެގެންވެސް ތާރާގެ ބައްޕަ އެމީހުނާ ދިމާއަށް ވަރަށް އެއްޗެހި ކިޔެވެ. އަދި ތާރާގެ އުފާވެރި ދިރިއުޅުމަށް ހުރަސްނޭޅުމަށް ބުނެ ތަކުރާރުކޮށް އިންޒާރުވެސް ކުރިއެވެ.

[އަހަރެން ނޫޅެން ތާރާގެ އުފާވެރި ދިރިއުޅުމަށް ހުރަސްއަޅާކަށް. އަހަރެމެން މިމަސައްކަތް ކުރަނީ ތާރާގެ ސިއްރުން ފުރިގެންވާ ދިރިއުޅުމުގެ ސިއްރުތައް ހާމަކޮށްދީ، ޙަޤީޤީ ދިރިއުޅުމުގެ މައިދާނެއްގެ މަގު ދައްކަން.] ޝިޔާން ބުންޏެވެ.

[އަހަރެމެން ޢާއިލާގެ ތެރެއަށް ވަނުމުގެ އެއްވެސް ޙައްޤެއް ޝިޔާނަކަށް ނޯންނާނެ. ނިކަން ވިސްނާލަބަލަ...ތީ އަދި ކިޔަވާ ކުއްޖެއް. ތާރާއަކީ މީހެއްގެ އަންބެއް. އަދި މަންމައެއް. އަހަރެން މިބުނަނީ އެދިރިއުޅުމަށް ވަންނަން މަސައްކަތް ނުކުރާށޭ.] ޝަފީޤު މިހެން ބުނެފައި ގޮސް ގެޔަށް ވަދެއްޖެއެވެ.

ޝިޔާންމެންވެސް ދެއަތަކަށް ބޯހޫރާލަމުން ގޮސް ދޮރާށިން އެތެރެއަށް ވަދެއްޖެއެވެ.

އެދުވަހުގެރޭ މޫސުމް ތަން ނުދިނުމުގެ ސަބަބުން ރެކިމަނިކުމެނަށް އެއްވެސް މަސައްކަތެއް ކުރެވޭގޮތެއް ނުވިއެވެ.

އެރޭގެ މެންދަމުގެ ވަގުތެވެ. ތާރާއަށް ހޭލެވުނީ ދަރިފުޅު ޔަޒާން ހޭލައިގެން ރޯއަޑަށެވެ. ހޭލެވުމާއެކު އޭނާއަށް ލިބުނީ ބޮޑު ޙައިރާންކަމެކެވެ. އަރުފާނެއް ނެތެވެ.

[އަރުފާން...އަރުފާން...] ކުޑަދަރިފުޅު އުރާލައި މަސަލަސް ކުރަމުން ތާރާ ފިރިމީހާއަށް ގޮވަމުން ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ.

ނަމަވެސް ބޭރުތެރެއަކުން އަރުފާނެއް ފެންނާކަށް ނެތެވެ. ނަމަވެސް ދަރިފުޅު ރޯތީ އޭނާއަކަށް ބޭރަކަށް ނުނިކުމެވުނެވެ.

އޭނާ ފުރަތަމަ މަސައްކަތް ކުރީ ދަރިފުޅު މަސަލަސްކޮށް ނިންދެވޭތޯއެވެ. ނަމަވެސް ދަރިފުޅު ހީވަނީ ތަނަކަށް ތަދުވާތީ އުޅޭހެންނެވެ. ތާރާ މަސަލަސްކުރަން އުޅެއުޅެވެސް މަސަލަސް ކުރެވޭގޮތެއް ނުވިއެވެ. ބައެއްފަހަރު ކޮންމެވެސް މީހަކު ދަރިފުޅަށް އަނިޔާ ކުރަމުންދާހެންވެސް ހީވެއެވެ.

[ކޮބައިތަ އަރުފާން...މި ދަންގަޑީގައި ކޮންތާކަށްތަ އެދިޔައީ...އަރުފާން އަނެއްކާވެސް ހޫނުއަރާތީ ގިފިއްޔަށް ވަނީކީ ނޫންބާ؟] ތާރާ ހިތާހިތާ ވާހަކަ ދެއްކިއެވެ. ކުޑަދަރިފުޅު އެވަރަށް ރޮމުންދާއިރުވެސް އެގޭ އެހެން މީހަކަށް ހިލަންވެސް ނުވަނީކަންނޭނގެއެވެ.

ތާރާގެ މަންމަވެސް އަދި ބައްޕަވެސް ހެއެއްނުލައެވެ. ތާރާ މަސައްކަތް ކުރާތާ އެތައް އިރެއްވީފަހުން ދަރިފުޅަށް ނިދުނީ ތާރާ އެސޮރުގެ މުޅި ގައިގައި ބާމް އުނގުޅާ މަސާޖް ކުރީމައެވެ. ދަރިފުޅަށް ނިދުމާއެކު ތާރާ ގޮސްވަނީ ގިފިއްޔަށެވެ. އެތާކުވެސް އަރުފާނެއް ނެތެވެ.

ދެން އޭނާ ގޮސް މަންމަމެންގެ ކޮޓަރީގައި ޓަކިޖަހާލިއެވެ. ތަކުރާރުކޮށް ޓަކިޖަހައި އެތައްފަހަރަކު ގޮވީމާވެސް ޞަފޫރާމެންގެ ކޮޓަރިއަކުން ޚަބަރެއްނުވިއެވެ. އެގޮތަށް އެތައްއިރެއް ވަންދެން މަންމަމެނަށް ގޮވުމަށްފަހު، މަންމަމެންގެ ކޮޓަރި ދޮރު އޭނާ މަޑުމަޑުން އެތެރެއަށް ކޮއްޕާލިއެވެ. އެޔާއެކު ޙައިރާންކަމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

[މަންމާ...ބައްޕާ...އަނެއްކާ މަންމަމެން އެދިޔައީ ކޮންތާކަށްބާ؟] ތާރާ އަވަސް އަވަހަށް އެ ފުރަމެންދަމުގެ ވަގުތުގައި ބޭރަށް ނިކުމެއްޖެއެވެ.

މަގަށް ނިކުމެ ދެކޮޅުހޯދާ ބަލައިލުމާއެކު އޭނާއަށް ފެނުނީ އޭނާގެ މަންމައާއި ބައްޕަ ރަށުގެ މީހުން ނޫޅޭ ސަރަޙައްދާ ދިމާޔަށް ހިނގަމުންދާ ތަނެވެ. ވަގުތުން އޭނާ އެމީހުނަށް ގޮވިވެސްމެއެވެ. ނަމަވެސް އެމީހުނަކަށް އޭނާގެ އަޑެއް ނީވެއެވެ. އެމީހުން ފަސްއެނބުރި ބަލައެއްވެސްނުލައެވެ. ތާރާ ނިކަން ބާރަށް މަންމަމެންގެ ފަހަތުން ހިނގައިގެންފިއެވެ.

އެވަގުތު އަނެއްކާވެސް އޭނާގެ ގޭތެރެއިން ދަރިފުޅު ރޮއިގަތް އަޑު އިވުނެވެ. ހީވީ މީހަކު އެކުއްޖާގެ ކަރުގައި ހިފިހެންނެވެ. ތާރާ އެނބުރި އައިކޮޅަށް ދުއްވައިގެންފިއެވެ. ނަމަވެސް އޭނާއަށް ވަދެވުމާއެކު ދަރިފުޅު ރުއިން ހުއްޓާލައިފިއެވެ.

[މަންމަމެން އެދިޔައީ ކޮންތާކަށްބާ؟ އަހަރެންގެ....އަނެއްކާ މަންމަމެން އަރުފާންގެ ފަސްބަލައިގެން ދަނީކީ ނޫންބާ؟] ދަރިފުޅު ނިންދަވަން ހުރެ ތާރާ ހިތާހިތާ ވާހަކަ ދެއްކިއެވެ.

ދެންވެސް ދަރިފުޅު ނިދުމާއެކު އޭނާ ގެއިން ނިކުމެއްޖެއެވެ. އޭނާޔަށް މިފަހަރުވެސް މަންމަމެން ފެނުނެެވެ. ވަަރަށް މަޑުމަޑުން އެއް އެއްމިޞްރާބަކަށް ހިނގަމުން ދަނިކޮށެވެ.

[ބައްޕާ....މަންމާ....] ތާރާ ނިކަން ބާރަށް އެދިމާއަށް ހިނގައިގަންނަމުން މަންމަމެނަށް ގޮވައިފިއެވެ. ނަމަވެސް އެމީހުނަށް އެ އަޑު އިވުނުހެނެއް ހިއެއްނުވެއެވެ. އެމީހުން ފަސްއެނބުރި ބަލައެއްވެސްނުލައެވެ. އެހެންވުމާއެކު ބައެއްފަހަރު އެމީހުން ހިނގަމުންދަނީ އެހެން މީހެއްގެ ބާރުގެ ދަށުންހެންވެސް ހީވެއެވެ. އެހެން ނަމަވެސް އެދެމަފިރިން ހިނގަމުންދިޔައީ އަތުގައި ހިފައިގެން ވަރަށް ގާތުގައި ތިބެގެންނެވެ.

[މަންމާ...ބައްޕާ މަޑުކޮށްބަލަ.] ތާރާ އެމީހުންގެ ފަހަތުން ދުއްވައިގެންފިއެވެ. އެކަމަކު އޭނާ ކިތަންމެ ބާރަށް ދުވި ކަމުގައިވިޔަސް، އޭނާއަކަށް އެމީހުނާ އެއްވެސްވަރަކަށް ކައިރިއެއް ނުވެވެއެވެ. ހިނގަމުންދާއިރުވެސް އެއްދުރުމިނެއް ހުރެއެވެ.

ނަމަވެސް މަންމައާއި ބައްޕަ އަތުވޭތޯ އޭނާ ދުވަމުން ދިޔައީ އެއިން އެއްވެސް ކަމަކާމެދު ވިސްނާފައެއް ނޫނެވެ. އެގޮތަށް އޭނާ ދުވެދުވެ ހުއްޓާ އެހިސާބުގަނޑުގައި ޕާކްކޮށްފައި އޮތް ޕިކަޕަކާ ނިވާވެ، އޭނާގެ މަންމައާއި ބައްޕަ ކުއްލިއަކަށް ގެއްލުނެވެ. ތާރާ މަންމައާއި ބައްޕަގެ އިތުރުން އަރުފާނަށް ގޮވަމުން ގޮސް އެ ޕިކަޕާ އަރާހަމަކޮށްފިއެވެ. އެޔާއެކު އޭނާއަށް ލިބުނީ ކުރިއަށްވުރެންވެސް ބޮޑު ޙައިރާންކަމެކެވެ.

އެދިމާގައި އޮތް ގޯޅިއަކުން މަޑުމަޑުން ކުރިއަށް ގޮސްގޮސް ހުރީ އޭނާގެ ފިރިމީހާ އަރުފާނެވެ. އޭނާ ހިނގަމުންދިޔައީ ފިސާރި ބާރަށެވެ.

[އަރުފާން...މަޑުކޮށްބަލަ އަރުފާން...] ތާރާ އަޑުގެކޮޅަށް އަރުފާނަށް ގޮވިއެވެ. މިފަހަރު އޭނާ ފަސްއެނބުރި ބަލައިލިއެވެ. ނަމަވެސް އޭނާ ތާރާއަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.

[އަޅެ އަރުފާން...މަޑުކޮށްބަލަ...މިހާ ދަންވަރު ކޮންތާކަށްތަ ތިދަނީ....] މިހާރު ތާރާއަށް އަރުފާނާ ފަންސާހަކަށް ފޫޓް ކައިރިވެވިއްޖެއެވެ. ނަމަވެސް އަރުފާން މަޑެއްނުކުރެއެވެ. އޭނާގެ މިޞްރާބުހުރީ ސީދާ މީހުން ނޫޅޭ ފަޅު ސަރަޙައްދާ ދިމާޔަށެވެ.

ޢާންމުކޮށް މީހުން ދިރިނޫޅުނު ކަމުގައިވިޔަސް، އެސަރަޙައްދަކީ އެރަށުގެ ދަނޑުވެރިން ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރަމުންދާ ސަރަޙައްދުކަމުން، ހިސާބަކަށް މީހުން އެސަރަޙައްދުގައި އުޅެމުންދެއެވެ.

[ތާރާވެސް އަހަންނާއެކު އާދޭ....ބާރަށް އާދޭ....އަހަރެން މިދަނީ ފިނިކޮށްލަން.] އަރުފާން ފަސްއެނބުރި ތާރާއަށް ބަލައިލަމުން ބުނެލިއެވެ. އެއަށްފަހު އޭނާގެ ހިނގުން ކުރިޔަށްވުރެންވެސް ބާރުވިއެވެ. ހިނގަމުން ގޮސް އޭނާ ހުއްޓުނީ އެރަށުގެ ތުނޑިމައްޗަށެވެ. ތާރާއަށް އޭނަޔާ އަރާހަމަކުރެވުނީ އޭނާ ދޮންވެލިގަނޑުމަތީގައި އިށީނީމައެވެ.

[އަރުފާން...ހޫނުވިޔަސް ފިނިކޮށްލާށޭ ކިޔާފައި މިހާ ހިސާބަށް އަންނަންވޭތަ؟ ދަރިފުޅުވެސް ރޯނެ މިހާރު.....ހިނގާ ދާން.] ތާރާ އަރުފާންގެ ފަހަތުން ގޮސް އޭނާގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެޔާއެކު އަރުފާން ސިހިފައި ކަހަލަ ގޮތަކަށް ތާރާއާ ދިމާއަށް އެނބުރުނެވެ.

ހަމައެޔާއެކު ބާރުބާރަށް ހަޅޭއްލަވައިގަތުމާއެކު ތާރާ ދުއްވައިގެންފިއެވެ. އޭނާގެ ގާތުގައި އެހުރީ އަރުފާނެއް ނޫނެވެ. އެއީ ނާމާން ސިފައެއްގައި ހުރި ޖިންނިއެކެވެ. އެވަގުތު ތާރާ ގަތީކީ އަމަށަކު ބިރެއް ނޫނެވެ. އޭނާއަށް އަޑުގެކޮޅަށް ހަޅޭއްލަވައިގަނެވުމާއެކު ސަލާމަތަށް އެދި ގޮވަމުން ދުއްވައިގަނެވުނެވެ.

ނާމާން އެހެނަސް ޙަޤީޤަތް ދައްކުވައިދިން މިހުވަފެނަށްފަހު، ތާރާއަށް ހޭލެވުނީ ބާރު އަޑަކާ އެކުގައެވެ. ހޭލެވުމާއެކު އޭނާ ވަށައިގެން ހޯދާލިއެވެ. އޭރު އޭނާ އޮތީ ދާހިއްލާފޯވެފައެވެ. ނަމަވެސް ގާތުގައި އަރުފާން ނިދާފައި އޮތުމުން އޭނާއަށް ހިސާބަކަށް ހަމަޖެހުން ލިބުނެވެ. ނަމަވެސް އޭނާ އެވަނީ ފެނުނު ބިރުވެރި ހުވަފެނުގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަނެ ހާސްވެފައެވެ.

[އަރުފާން....އަރުފާން...] ބިރުގެންފައި އިނދެ ތާރާ އަރުފާންގެ ގައިގައި ކޮއްޓާލިއެވެ. އަރުފާން ފުންމައިގެން ތެދުވިއެވެ.

[ކިހިނެއްވީ؟ ތާރާ...ހާދަ ހާސްވެފައި....މުޅި މީހާ ތިހުރީ ދާހިއްލާ ފޯވެފައެއްނޫންތަ.] އަރުފާން ތާރާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ނަމަވެސް ތާރާ އިނީ އަރުފާންގެ ދެލޮލަށް ބަލަހައްޓައިގެން ގަބުއަރާފައެވެ. ހީވާކަހަލައެވެ. އޭނާއަށް އަރުފާންގެ މޫނުމަތިން ފެންނަމުންދަނީ ހުވަފެނުގައި ފެނުނު ނާމާން ސޫރައެވެ.

[ތީ އަރުފާންތަ؟ ތީ އަރުފާނެއް ނޫން...އަހަރެން ބިރުގަނޭ....] ތާރާ އަރުފާނާ ދުރަށްޖެހެން ފެށިއެވެ. ތާރާގެ އެޙަރަކާތުގެ ސަބަބުން އަރުފާން ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވިއެވެ. އެވަގުތު އޭނާ ހީކުރިއެވެ. ތާރާއަށް ޝިޔާންމެން އޭނަޔާބެހޭ މަޢުލޫމާތުދީގެން އުޅެނީއެވެ. ނޫނީ އެހެން ކޮންމެވެސް ބަޔަކު ތާރާގާތު ވާހަކަތަކެއް ދައްކައިގެން އުޅެނީއެވެ.

[ތާރާ!؟ މީ އަރުފާނޭ.....ކިހިނެއްތަ ވެގެން ތިއުޅެނީ....އަނެއްކާ ކާކު ކީކޭ ކިޔައިގެންތަ ތިއުޅެނީ.] އަރުފާން އަނެއްކާވެސް ތާރާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

އޭރުވެސް ތާރާހުރީ ކަޅިޖަހާނުލާ އަރުފާނުގެ މޫނަށް ބަލާށެވެ. ދެން ފެނުނީ އޭނާ އަރުފާންގެ ހަށިގަނޑުގައި އޮޅުލައިގަތް މަންޒަރެވެ.

[އަރުފާން...އަހަންނަށް ފެނުނީ ވަރަށް ބިރުވެރި ހުވަފެނެއް.....] ތާރާ އަރުފާނުގެ މޭގައި ބޯއަޅައިގެން އިނދެ އޭނާއަށް ފެނުނު ހުވަފެން އަރުފާނަށް ކިޔައިދީފިއެވެ.

[ސާބަސް ތާރާއަށް....ހުވަފެނެއް ފެނުނީމާ...ބިރުން ތިއުޅެނީ. އިހަކަށްރޭ އަހަންނަށް ފެނުނު މާހެއްވާ ހުވަފެނެއް. އެނގޭތަ...އޭގައިވާގޮތް.] އަރުފާން ހީގަންނަމުން ބުންޏެވެ.

[ކިހިނެއްވީ....އަޞްލު އަހަރެން ކިރިޔާ ބިރުން ހަލާކުނުވީ...ވަރަށް ބިރުގަތް.] ތާރާ ހަމަޔަކަށް އެޅުނެެވެ.

[އަހަންނަށް ފެނުނު ހުވަފެނުގައި ވާގޮތަކީ ތާރާއަށްވެސް ނޭނގި، އަދި ޝިޔާންގެވެސް ބާރުވެރިކަމަކާނުލާ ތިދެމީހުންގެ ދެމެދުގައި ވަރަށް ގާތް ގުޅުންތަކެއް އުފެދުނީ. އެގުޅުމުގެ ސަބަބުން ތާރާއަށް ކުއްޖަކުވެސް ލިބޭ. އަހަރެން މިހުވަފެން ކުރިން ކިޔައިނުދިނީ ތާރާ މިކަމާ ވިސްނައި ޝިޔާނަށް ލޯބި ޖެހިދާނެތީ ބިރުން.] ހުވަފެނެއްގެ ސިފައިގައި އޭނާ ކިޔައިދިނީ ޙަޤީޤަތެކެވެ.

[އަޞްލު އެކަމަކު ތީ ކިހިނެއްވާނެ ކަމެއް. އެއީ އަހަންނަށްވުރެން މާބޮޑަށްވެސް ކުޑަ ކުއްޖެއް. އޭނަޔަށް އަދި ވިހިއަހަރުވެސް ނުވާނެ. އަހަރެންގެ ޢުމުރުން މީ ބާވީސްވަނަ އަހަރު.] ތާރާ އަނެއްކާވެސް ނިދުމަށްޓަކައި އޮށޯވެއްޖެއެވެ. ތާރާގެ ގާތުގައި އަރުފާންވެސް އޮށޯވެއްޖެއެވެ.

[ދެން އެކަމާ ވިސްނާކަށް ނުވާނެ. އެގޮތަށް ހުވަފެން ފެނިދާނެ...ޝިޔާން ތާރާއާމެދު ވިސްނަމުންދިޔަޔަސް. އޭނާ ކޮންމެ ގޮތަކުންވެސް ތާރާ ޙާޞިލް ކުރަން ވަރަށް އެބަ މަސައްކަތް ކުރޭތާ.] އަރުފާން ތާރާގެ ގައިގައި ބައްދާލައި ލޯބިކޮށްލަމުން ބުންޏެވެ.

ޙަޤީޤަތުގައި އޭނަޔަށް ނޭނގުނަސް، މި ހިނގަމުންދާ ރެޔަކީ އޭނަޔަށް ތާރާއާއެކު ހޭދަކުރެވޭނޭ އެންމެފަހު ރެޔެވެ. ރެކިމަނިކުމެން މިހާރު އެވަނީ އެކަމަށްޓަކައި އެންމެ ފުރިހަމައަށް ތައްޔާރުވެފައެވެ.

[އަރުފާން....އަހަރެންގެ ހިތަށްއަރަނީ....އަރުފާނާ ނުލާ އަހަރެންނަށް އުފާވެރި ދިރިއުޅުމެއްގައި ކުރިއަށް ދެވިދާނެބާއޭ؟.....ނުދެވޭނެ...މިހާރުވެސް އަހަންނަށް އަރުފާނާ ވަކިން ހޭދަވާ ވަގުތު ވެގެންދަނީ ވަރަށް ފޫހި ވަގުތުތަކަކަށް...އަޅެ...އަރުފާން...އަހަރެންގެ ހިތަށްއަރާ...ހަމަ އަރުފާންވެސް އަހަރެންދެކެ ހަމަ އެވަރަށް ލޯބިވޭބާއޭ.] ތާރާ އަރުފާންގެ މޭގައި މޫނު ފޮރުވާލަމުން ބުންޏެވެ.

[އަހަރެން ތާރާދެކެ ލޯބިވާ ވަރަކަށް އެއްވެސް މީހަކަށް ލޯތްބެއް ނުވެވޭނެ. ތާރާގެ ލޯތްބަށްޓަކައި އަހަރެން ހާދަ ބޮޑެތި ޤުރްބާނީތަކެއް ވެއްޖައީމޭ. އަހަންނަށް ޔަޤީން...އެއްވެސް މީހަކަށް އަހަރެންމިވާ ތެދުވެރި ލޯބި ތާރާދެކެ ނުވެވޭނެ.] އަރުފާން ތާރާ ކުރިއަށްވުރެންވެސް އޭނަޔާ ގާތަށް ލަފާލިއެވެ.

[އަހަރެން އަރުފާންގެ ލޯތްބާމެދު އެއްވެސް ޝައްކެއް ނުކުރަން. ހިތަށްއަރަނީ އަހަރެމެން ވަކިވާން ވެއްޖެއްޔާ އަހަންނަށް ކުރާނޭ އަސަރު. އިރާދަކުރެއްވިއްޔ އެފަދަ ދުވަހެއް ނުދައްކަވާށި.] ތާރާ ބުންޏެވެ.

އަރުފާނަކީ ތާރާގެ ޙަޔާތަށް ލޯބީގެ ގޮތުން އައި ފުރަތަމަ އަދި އެންމެފަހުގެވެސް ބައިވެރިޔާއެވެ.

ތާރާއާއި އަރުފާނާ ފުރަތަމަ ދިމާވެފައިވަނީ ތާރާގެ ޢުމުރުން ބާރަވަރަކަށް އަހަރުގައި މީދޫ ކޯގަންނަ ޤަބުރުސްތާނާ ދިމާއިންނެވެ. ކޯގަންނަ ޤަބުރުސްތާނަކީ ރާއްޖޭގެ ވަރަށް ތާރީޚީ ތަނެކެވެ.

އޭރު އަރުފާންވެސް ވަރަށް ކުޑަވާނެއެވެ. ނަމަވެސް އެދުވަހުވެސް އަރުފާން ވަނީ ތާރާގެ ހަނދާންގެ ބިންވަޅު ނެގޭފަދަ ހަނދާނީ ވެދުމެއް ތާރާއަށް ދީފައެވެ. އޭގެފަހުން އެދެމީހުން ބައްދަލުވީ ދެމީހުންގެވެސް ތަޢުލީމީ ޙަޔާތް ނިމުނުފަހުންނެވެ.

[އަރުފާން...ހަނދާން އެބަހުރިތަ...އެއްކަލަ ދުވަހު އަހަންނަށް ހުސްނުހީނާ މާބޮނޑި ދިނީ...އަޞްލު ކީކޭ ހިތަށް އަރައިގެންތަ؟ އޭރުވެސް އަހަންނާމެދު ވިސްނަންތަ؟] ކުރީގެ މާޒީ ހަނދާންކުރަމުން ތާރާ އެއްސެވެ.

[ކޮންދުވަހަކު ދިން މާބޮނޑިއެއްގެ ވާހަކަ ތިދައްކަނީ...އަހަރެން ހަނދާނެއްނުވޭ.] އަރުފާން ދެއަތަކަށް ބޯހޫރާލިއެވެ.

[ސާބަސް...އަހަރެން މިދައްކަނީ މީގެ އަށެއްކަ އަހަރު ކުރީގެ ވާހަކަ. އަށެއްކަ އަހަރެއްވެސް ނޫން...ދިހަވަރަކަށް އަހަރު ކުރީގެ ވާހަކަ މިކިޔަނީ.] އަރުފާނާ ދިމާއަށް ބަލައިލަމުން ތާރާ ހަނދާންކޮށްލަދިނެވެ.

[އަންޒަމާނުގެ ވާހަކަ ދައްކާނެ ކަމެއް ނޭނގޭނެއެއްނު. އަހަރެން ހީކުރީ ފަހުގެ ވާހަކައެއް ދައްކަނީ ކަމަށް. ތީ އަހަރެމެން ކުޑައިރުގެ ވާހަކައެއްނު.] އަރުފާން އޮޅުވާލިއެވެ. ޙަޤީޤަތުގައި އެ މާބޮނޑިއެއްގެ ވާހަކައަކީ އޭނާ ދެނަހުރި ވާހަކަތަކެއް ނޫނެވެ.

[ތިވަރަށް ހަނދާންބަލި މީހަކަށް ހަނދާންނެތިދާނެ އަނބިމީހާވެސް...އަނެއްކާ އަހަންނަކީ ކާކުކަން އެނގޭތަ؟] ތާރާ އަރުފާންގެ ނޭފަތުގައި ހިފާ އަނބުރާލިއެވެ.

[އެކަމަކު ތާރާގެ މަތިން ހަނދާންނެތޭނެތަ....ތާރާ ތީ އަހަރެންގެ ހުރިހާވެސް އުފަލަކީ. ދެން ހިނގާބަލަ ނިދަމާ. މިހާރު މާބޮޑަށް ދަންވެއްޖެ. ތާރާ....މާދަމާ މަންމަމެނާ ވާހަކަ ދައްކައްޗޭ، ރާއްޖެއިން ބޭރަށް ދިޔުމާ ބެހޭގޮތުން. މިހާރު ތާރާއަށްވެސް އެނގޭނެ...އަހަންނަކީވެސް ބަލި މީހެއްކަން. އަހަރެން އިންޑިޔާ ކަހަލަ ތަނަކަށްގޮސް ދައްކާލަން ޖެހޭނެކަން.] އަރުފާން މިހެން ބުނެފައި ނިދޭތޯ ދެލޯ މަރާލިއެވެ.

ޖެހިގެން އައި ރެއެވެ. މިހާރު ރެކިމަނިކާއި އޭނާގެ ބައިވެރިން މަސައްކަތަށް ތައްޔާރުވެ، ދުންމުށިގަނޑުވެސް ގެނެސް މަސައްކަތަށް ހުސްކުރެވިފައިވާ ކޮޓަރިއަށް ވައްދައިފިއެވެ. މަސައްކަތް ފެށުމުގެ ކުރިން ރެކިމަނިކުގެ އަންހެނުން މުއުމިނާ، އެތެރެ ފެންނަ ޒާތުގެ ބޮޑު ފުޅިއެއް ގެނެސް ރެކިމަނިކުގެ ކުރިމަތީގައި ބެހެއްޓިއެވެ. އެއީ ލަކުޑި އުނގުރިއެއް ޖަހާފައިވާ ބޮޑު ފުޅިއެކެވެ. ޑޮންޑޮން ފުޅިއަށްވުރެން ސައިޒްގެ ގޮތުން ބޮޑަސް، އެފުޅީގެ އަނގަ ޑޮންޑޮން ފުޅިއެއްގެ ސައިޒެވެ.

[މިހާރު ދެން މިހުރިހާ ކަމެއްގެ ނިމުމުގެ ވަގުތު މިޖެހެނީ. އިރާދަކުރެއްވިއްޔާ އަހަރެން އޭއްޗަށް ސާބިތުކޮށްދޭނަން...އިންސާނުންނަށްވެސް އެފަދަ ރޫޙާނީ ބާރުތައް މައިތިރި ކުރަން އެނގޭނެކަން.] ރެކިމަނިކު ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.

އޭރު ކިޔެވެލި ކިޔަވާ މީހުންވެސް އައިސް މަސައްކަތަށް ތައްޔާރުވެއްޖެއެވެ.

އެވަގުތެވެ. ތާރާއާއި އަރުފާން ރޭގަނޑުގެ ކެއުމަށްފަހު ކޮޓަރިއަށް ވަނީ ހިސާބަކަށް ވިއްސާރަވެސް ރެޔަކަށްވުމުން ނިދުމަށްޓަކައެވެ.

[މިރޭ ދުނިޔެމަތި އޮތީ ވަރަށް ބަނަކޮށް. ބޭރަށް ނިކުމެއްޖެއްޔާ ވިއްސާރައިގައި ޖެހޭނެ. މިރޭ ވިއްސާރަ ނޫންނަމަ، އަހަރެން ނިންމައިގެން ހުރީ މަހަށްވެސް ދާންކަމަށް.] ހެދުން ބަދަލުކުރުމަށްފަހު އެނދުގައި އޮށޯވެލަމުން އަރުފާން ވާހަކަ ދެއްކިއެވެ. އެވަގުތު އެކޮޓަރި ދޮރުން އެތެރެއަށް ވަރަށް ތުއްތު ފިރިހެން ކުއްޖަކު ފާޅުވިތަން އަރުފާނަށް ފެނުނީ އޭނާ އޮށޯތް ވަގުތެވެ. އެމަންޒަރު ފެނުމާއެކު އޭނާއަށް ބަލައިލެވުނީ ތާރާގެ މޫނަށެވެ. ނިކަން ހާސްވެ ކަންބޮޑުވެފައި ހުރެމެއެވެ.

[އަރުފާނަށް ކިހިނެއްވީ؟ ކުއްލިއަކަށް ހާދަ ހާސްވީ.] ތާރާ ކޮޓަރިތެރެއަށް ވަށައިގެން ނަޒަރު ހިންގާލިއެވެ.

[ކަމެއްނުވޭ....ދޮރުގައި މީހަކު ޓަކިޖެހިހެން ހީވީ. ތާރާއަކަށް އަޑެއްނީވޭތަ؟] އަރުފާން ދޮރުމަތީގައި ހުރި ކުއްޖާއަށް ބަަލަން ހުރެފައި ވާހަކަ ދެއްކިއެވެ.

[ނީވޭ އަޑެއް...ތިނުވާނެ މިގެއިން އިވުނު އަޑަކަށް....އަރުފާން ގޮސް ބޭރު ބަލާލަބަލަ...އަހަރެން މިއޮތީ ވަރަށް ވަރުބަލިވެފައި.] ތާރާ މިހެން ބުނީމާ ލިބުނު އުފަލާއެކު އަރުފާން ތެދުވެގެން ގޮސް ކޮޓަރިން ނިކުމެއްޖެއެވެ.

އޭނާގެ ފަހަތުން އެކުއްޖާވެސް ނިކުތެވެ. ހަމަގައިމުވެސް އެއީ އަރުފާނާ ގުޅުންހުރި ކުއްޖެކެވެ.

[ބައްޕާ...ބައްޕާ....އަހަރެން ސަލާމަތްކުރޭ. އެމީހުން އަހަރެން މަރާލަން އުޅެނީ.] އެކުއްޖާ އަރުފާންގެ ކުރިމައްޗަށް ހުއްޓުނެވެ. އަރުފާން ފިސާރި ލޯތްބާއެކު ދަރިފުޅު އުރާލާ ލޯބިކޮށްލިއެވެ.

[ކާކުތަ؟ ކޮންބައެއްތަ...ދަރިފުޅު މަރާލަން މަސައްކަތް ކުރަނީ....] އަރުފާން ދަރިފުޅު އުރާލައިގެން ބޭރަށް ނިކުތެވެ.

މިހާރު އެކުއްޖާ ނޫން އެހެން އެއްވެސް މީހަކަށް އަރުފާނެއް ނުފެންނާނެއެވެ. އަދި އަރުފާން ނޫން މީހަކަށް އެކުއްޖާވެސް ނުފެންނާނެއެވެ. އޭނާ ދަރިފުޅު އުރާލައިގެން ދިޔައީ އެގެޔާ ދިމާ ވަލުތެރެޔަށެވެ. އޭރުވެސް ތާރާ ވަރުބަލިފިލުވާލުމަށްޓަކައި އޮތެވެ.

[ބައްޕާ...އެމީހުން ބައްޕަވެސް ހައްޔަރު ކުރާނެ. ކޮއްކޮވެސް ހައްޔަރު ކުރާނެ.] އެކުއްޖާއަށް ހުރީ ރޮވޭގޮތްވެފައެވެ.

[ދަރިފުޅާ...ހާސްނުވޭ...ބައްޕަ ދަރިފުޅު ސަލާމަތްކުރާނަން. އެމީހުން ބޭނުންވާ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ.] އަރުފާން އެކުއްޖާގެ ލޯ ފޮހެދިނެވެ.

އެއީ ރެކިމަނިކުމެން މަސައްކަތް ފެށި ވަގުތެވެ. ދިހަމީހުން ކިޔެވެލި ކިޔަވަން ތިބިއިރު ރެކިމަނިކު ތަވީދުތައް އަންދައި، އަކަ ކުރަހަމުން ދަނީއެވެ. ކުރިމަތީގައި ހުރި އަލިފާން މުށިގަނޑަށް އެކަކު ހުރެމެ ކުމުންޒާނިއާއި އެނޫންވެސް ވަސްހުރި ބޭހުގެ ބާވަތެއް އަޅައި މުޅި މާޙައުލު އެއްވަސް ކުރުވަމުންދަނީއެވެ.

[ކަލޭމެން އެއްވެސް މީހަކު ބިރުނުގަންނާތި....އޭތި މިތަނަށް ފާޅުވާއިރު މުޅި ގެޔަށްވެސް ލޮޅުން އަންނާނެ. އެންމެންވެސް ސަމާލުވާންވާނެ.] ރެކިމަނިކު ވަރަށް ހުޝިޔާރުކަމާއެކު އޭނާގެ އަތުގައި އޮތް މަސްދަތްފިޔޮހި، ކުރިމަތީގައި އޮތް ލަކުޑިގަނޑަކަށް ހަރާލިއެވެ.

އޭރުވެސް އެއްއަޑަކަށް ކިޔެވެލި ކިޔަވާ މީހުންގެ އަޑުތައް ހުއްޓެވެ.

މިރެޔަކީ ރެކިމަނިކު، އޭނާގެ ބާރުގެ ދަށަށް ޖިންނި ގެންނަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. އިންސާނުންނަށް އަނޔާވެރިކަމާއެކު ކުރިމަތިލާފައިވާ ޖިންނީންނަށް މީގެކުރިން އެތައްފަހަރަކު އޭނާވަނީ އެއްބައިފަހަރު ނަޞޭޙަތްތެރިވެ، އަލުން އިންސާނުންނަށް ގޯނާ ނުކުރުމަށް ހުވާކުރުވާފައި ރަށުން ބާލާފައެވެ.

އެހެން ނަމަވެސް މިފަހަރު އެގޮތަށް ދޫކުރާވަރަށްވުރެން އޭނާ މައިތިރިކުރަން މަސައްކަތްކުރާ ޖިންނި މާ ބާރުގަދަކަން ފާހަގަކުރެވެއެވެ. މީގެކުރިން ދުވަހަކުވެސް މިމަސައްކަތުގެ މައިދާނުގައި އޭނާ ހޭދަކުރި ވިއްސަކަށް އަހަރު ދުވަސް ތެރޭގައިވެސް އޭނާގެ އުފަން ދަރިއަކަށް އެފަދަ ނުރައްކާތެރި ކަމެއް މެދުވެރިވެފައެއް ނުވެއެވެ.

ނަމަވެސް މިހާރު އަރުފާންގެ ސިފައިގައި ތާރާއާއި ތާރާގެ ޢާއިލާއަށް އޮޅުވާލައިގެން ދިރިއުޅެމުންދާ ޖިންނިއަކީ އެތައް އިންސާނުންނެއްގެ ފުރާނަ ދުއްވާލާފައިވާ ނުރައްކާތެރި ޖިންނިއެކެވެ.

ހަމަގައިމުވެސް އޭނާގެ ފަރާތުން އަނިޔާއާއި ހިތްދަތިކަން ލިބިފައި ވަނީ އެއްވެސް ކުށެއްނެތް ޢާއިލާތަކަކަށެވެ. ޚާއްޞަކޮށް، ރެކިމަނިކުގެ ހަގު ދަރިފުޅު އަފްރާއަކީ އެއްވެސް ކުށެއްނެތް އަންހެން ކުއްޖެކެވެ. އެކުއްޖާވަނީ އޭތީގެ ސަބަބުން މުޅި ރާއްޖެއަށް ގިނަވެ ބާކީވެފައެވެ. ހަށިގަނޑަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ނަފްސާނީ ގޮތުންވެސް ކުއްޖާއަށް ވަނީ ބަލިކަށިކަމެއް އައިސްފައެވެ. އޭނާ އެމީހަކުދެކެ ލޯބިވާ ބައިވެރިޔާ ފިޔާޒާ އޭނާގެ ގުޅުންވެސް އޭތީގެ ސަބަބުން ވަނީ ކެނޑިގެން ގޮސްފައެވެ. އަފްރާއަކީ ޖިންނި އަވަލާފައިވާ ޖިންނި މޮޔަވެފައިވާ އަންހެން ކުއްޖެއް ކަމަށް ބުނެ ފިޔާޒްވަނީ އަފްރާގެ ޙަޔާތާ ނުގުޅެން ނިންމައި ދުރަށް ގޮސްފައެވެ.

[ދަރިފުޅާ ދޭ...ގޮސް އެމީހުންގެ މަސައްކަތް ދާގޮތް ބައްޕަ ގާތު ބުނާތި....] އަރުފާންގެ ސިފައިގައި ހުރި ޖިންނި، އޭނާގެ ދަރިފުޅު ގާތު ބުންޏެވެ. ނަމަވެސް އެވަގުތު އޭނާގެ ހަށިގަނޑަށް އާދަޔާ ޚިލާފަށް ހޫނުވާން ފެށުމުން އޭނާ ދަރިފުޅުގެ ގައިގައި ހިފެހެއްޓިއެވެ. ހީވަނީ ބަޔަކު އޭނާގެ ގައިގައި އަލިފާން ޖައްސަމުންދާހެންނެވެ. ބައްޕަޔަށް ހޫނުގެ އަސަރު ކުރިޔަސް، އެކުއްޖާއަކަށް އޭގެ އެއްވެސް އަސަރެއް ނުކުރެއެވެ.

[ކިހިނެއްވީ ބައްޕާ.....] އެކުއްޖާވެސް ތެޅިގަތެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން