މީހާގެ އުމުރުން ދުވަސްވާ ވަރަކަށް އިސްތަށިގަނޑު ތުނިވުމަށް މަގުފަހިވެއެވެ. ޒުވާން އުމުރުގައިވެސް އެކި ސަބަބުތަކާއިހުރެ އިސްތަށިގަނޑުގެ ރީތިކަން ގެއްލިގެން ދިއުމަށް މެދުވެރިވެއެވެ. އިސްތަށިގަނޑުގެ ދުޅަހެޔޮކަމާއި ރީތިކަން ދެމެހެއްޓުމަށް އޮތް ހައްލަކީ ގަދީމީ ޗައިނާގެ އަންހެނުން ބޭނުންކުރި ޚާއްސަ ފަރުވާއެއްކަމަށް ފަހުގެ ގިނަ ދިރާސާތަކުން ދައްކައެވެ.

ތާރީޚީ ވާހަކަތައް ގެނެސްދޭ ފަރާތްތަކުގެ ލިޔުންތަކުން ދޭހަވާގޮތުގައި އޭރު ޗައިނާގައި ދިރިއުޅުނު މީހުންގެ އިސްތަށިގަނޑު ހުންނަނީ މީހާގެ އިސްކޮޅާއި އެއްވަރަށް ދިގުކޮށް ވަރުގަދަކޮށެވެ. އަދި މިފަދައިން އިސްތަށިގަނޑުގެ ދުޅަހެޔޮކަމާއި ރީތިކަން ދެމެހެއްޓުމަށް އޭރު މީހުން ބޭނުންކޮށްފައިވަނީ ވަކި ޚާއްސަ ބޭހާއި ކެމިކަލް ނުވަތަ ކެރަޓީން ޓްރީޓްމަންޓްތަކުގެ ބަދަލުގައި، ރައިސް ވޯޓަރ ނުވަތަ ހަނޑޫ ފެނެވެ.

މިއާއެކު ކޮށްފައިވާ އެކި ދިރާސާ ތަކުން ދައްކާގޮތުގައި ރައިސް ވޯޓަރ ނުވަތަ ހަނޑޫ ފެނަކީ އެކިކަހަލަ ވިޓަމިނާއި މިނަރަލް އެކުލެވިގެންވާ ފެނެކެވެ. މީގެތެރޭގައި ވިޓަމިން އީ، ބީ، އަދި އެމިނޯ އެސިޑްސް ގެ އިތުރުން އެންޓި އޮކްސިޑަންޓްސް ފަދަ މާއްދާތައް އެކުލެވެއެވެ. އަދި ބޮލުގެ ހަމުގެ ފަށަލަ ވަރުގަދަކުރުމަށް ހަނޑޫ ފެނުގައި އެކުލެވިގެންވާ އިނޮސިޓޮލް މާއްދާ އެހީތެރިވެދެއެވެ.

އެގޮތުން މިހާރުގެ ބާޒާރުންވެސް އިސްތަށިގަނޑަށް ޚާއްސަ ހަނޑޫ ފެނުގެ އެކި އުފެއްދުންތައް ލިބެން ހުރެއެވެ. ނަމަވެސް، ކެމިކަލް އަޅާފައިވާ އެ އުފެއްދުންތަކަށް ވުރެ ގޭގައި ތައްޔާރުކުރާ ހަނޑޫ ފެން މާ ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަނޑޫ ފެން ތައްޔާރުކުރުމަށް ރޭގަނޑު ނިދުމުގެ ކުރިން 2 ޖޯޑު ހަނޑޫ ފެނުލާފައި ބަހައްޓާށެވެ. އަދި އޭގެ އަނެއްދުވަހު މިހަނޑޫފެން އެތި މިސްކްޗަރަކަށް އަޅައި، މުގުރާލުމަށްފަހު ފުރޭނި ބޭނުންކޮށްގެން ހަނޑުލާއި ފެން ވަކިކުރަން ފުރާނާލާށެވެ. ތައްޔާރު ކުރި ހަނޑޫފެން އިސްތަށިގަނޑުގައި އުނގުޅާލާއިރު ދެތިން މިނެޓަށް ބޯ ރަނގަޅަށް މަސާޖް ކޮށްލުން ރަނގަޅެވެ. އަދި މުޅި އިސްތަށިގަނޑު ފޯވަންދެން މިފެން އުނގުޅުމަށްފަހު ބޯ ދޮންނާނީ 10-20 މިނެޓް ކޮށްފައެވެ.ހަފްތާއަކު އެއް ފަހަރު ހަނޑޫ ފެން ބޭނުންކޮށްގެން އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ހަނޑޫ ފެން ގަވާއިދުން ބޭނުންކުރާނަމަ އިސްތަށިގަނޑު ވަރުގަދަކޮށްދީ، ބޮލުން ހަން ފޮޅުމާއި، އިސްތަށި ފޭބުމާއިވެސް ދުރުކޮށްދޭން އެހީވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން