ޑރ. މުޙައްމަދު ޞާލިޙް
ޑރ. މުޙައްމަދު ޞާލިޙް
ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ސަރޖަން ކަމުގައިވާ، ޑރ. މުޙައްމަދު ޞާލިޙް، ބުރާސްފަތި ދުވަހުން ފެށިގެން މެޑިކާ ހޮސްޕިޓަލުގައި ސާޖަރީ ހައްދަވަން ފައްޓަވާނެ ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ސިއްހީ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، އަދި ގިނަ ބައެއްގެ އިހުތިރާމާއި އިތުބާރު ލިބިފައިވާ ޑރ. ޞާލިޙް މިދާއިރާއާއި ގުޅިވަޑައިގެންނެވީ މަޖީދިއްޔާ ސްކޫލާއި ސައިންސް އެޑިއުކޭޝަން ސެންޓަރުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު 1982 ވަނަ އަހަރު މެޑިކަލް ކްލާކްގެ މަގާމުންނެވެ. އެއަށްފަހު އިންޑިއާއިން މަތީ ތަޢުލީމު ހާސިލުކުރަށްވައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި 1994 ވަނަ އަހަރު ސެންޓްރަލް ހޮސްޕިޓަލާއި ގުޅިވަޑައިގެންނެވިއެވެ.

ސެންޓްރަލް ހޮސްޕިޓަލްގެ އިތުރުން، ޑރ. ޞާލިޙް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، އެކި ރަށްރަށުގެ ހެލްތު ސެންޓަރތަކުގައިވެސް މަސައްކަތް ކުރައްވާފައެވެ.

އެގޮތުން ސާޖަރީ ދާއިރާއިން ސްޕެޝަލައިޒް ވުމަށް މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، ޑރ. ޞާލިޙް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސަރޖަން އެއްގެގޮތުގައި ފެނިގެން ދިޔައެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސަރޖަންއެއްގެ ގޮތުގައި ގިނަ ދިވެހިންނަށް އާންމުވެގެން ދިޔަ ޑރ. ޞާލިޙަކީ ސޮސައިޓީ އޮފް އެމެރިކަން ގޭސްޓްރޯއިންޓެސްޓިނަލް އެންޑް އެންޑޯސްކޯޕިކް ސާޖަންސް އަދި އެސޯސިއޭޝަން އޮފް މިނިމަލް އެކްސެސް ސާޖަންސް އޮފް އިންޑިއާ ފަދަ ބައިނަލްއަގްވާމީ ސާޖިކަލް ޖަމިއްޔާތަކުގެ މެންބަރެއްވެސްމެއެވެ.

2001 ވަނަ އަހަރުން ފެށިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ޚިދުމަތް ކުރެއްވުމަށްފަހު، 2012 ވަނަ އަހަރު އައިޖީއެމްއެޗް ހޮސްޕިޓަލުން އިސްތިއުފާ ދެއްވިއިރު، ޑރ. ޞާލިޙު ވަނީ އެހޮސްޕިޓަލުގެ ހެޑް އޮފް ޑިޕާޓްމަންޓް އޮފް ސާޖަރީ، ޑިރެކްޓަރު ޖެނެރަލް އަދި އެގްޒެކެޓިވް ޑިރެކްޓަރ ފަދަ މުހިންމު މަގާމުތައް ފުރުއްވާފަ އެވެ. އެއަށްފަހު ޑރ. ޞާލިޙު ވަނީ މެޓްރޮމެޑިކާ ޕްރައިވެޓް ލިމިޓެޑާ ގުޅިވަޑައިގެން މާލޭގައި މެޑިކާ ހޮސްޕިޓަލް އުފައްދައި ގާއިމް ކުރައްވައި، މެޑިކާ ހޮސްޕިޓަލުގެ ޗީފް ސާޖަންގެ މަގާމުގެ އިތުރުން ސީއީއޯ އަދި އެމްޑީގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި އޭގެ ފަހުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމާއި ކޮންސަލްޓަންޓް ސާޖަންގެ މަގާމުވެސް ޑރ. ޞާލިޙު ފުރުއްވާފައިވެއެވެ.

ޑރ. ޞާލިޙު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ މަގާމާ ހަވާލުވެވަޑައިގަތީ ސަރުކާރުގެ އެދުމުގެ މަތިން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށެވެ. އެގޮތުން ތިން އަހަރުގެ މުއްދަތެއްގެ ތެރޭގައި ޑރ. ޞާލިޙު ވަނީ ކާމިޔާބުކަމާއެކު އައްޑޫ ސިޓީއާއި، އަދި އެހެން ރަށްރަށުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ ޓާޝަރީ ހޮސްޕިޓަލެއްގެ ޚިދުމަތް ދެވޭނެ ފެންވަރަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ތަރައްގީކުރައްވާފަ އެވެ.ޑރ. ޞާލިޙަކީ ބަލިމީހުން އިތުބާރުކުރާ ކާމިޔާބު ސަރޖަންއެއްގެ އިތުރުން، ލެޕަރޮސްކޯޕިކް ސާޖަރީ ހިމެނޭހެން މިދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޢުލީމު ހާސިލުކުރަށްވައި ތަމްރީނު ލިބިވަޑައިގެންފައިވާ ޑޮކްޓަރެކެވެ. އަދި ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ފުޅާ ކުރުމަށް ހެލްތުކެއާ މެނޭޖްމަންޓް ދާއިރާއިންވެސް ތަޢުލީމު ހާސިލު ކުރައްވާފައިވާ ޑޮކްޓަރެކެވެ.

އެގޮތުން ޑރ. ޞާލިޙު ވަނީ ނޮޓިންހަމް ޔުނިވާސިޓީން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވައި، ޖަޕާނުގައި ހޮސްޕިޓަލް އެންޑް ހެލްތު ސާވިސަސް މެނޭޖްމަންޓް ކޯހެއްގެ އިތުރުން، ސިންގަޕޫރުން މެޑިކަލް އެންޑް ހިއުމަނިޓޭރިއަން އިމަޖެންސީ މެނޭޖްމަންޓާއި ދަ ޖޮބް އޮފް ދަ ޗީފް އެގްޒެކެޓިވް ކޯހެއްވެސް ފުރިހަމަ ކުރައްވާފައެވެ.

މީގެއިތުރުން، ޑރ. ޞާލިޙަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފައުންޑަރ މެންބަރުންގެ ތެރެއިން އެއް މެންބަރެވެ. މި ޖަމިއްޔާއަކީ މެޑިކަލް ދާއިރާގެ ސިއްޙީ ޚިދުމަތްދޭ ޑޮކްޓަރުން ސެލްފް ރެގިއުލޭޓްކުރުމާއި، ސިއްޙީ ޚިދުމަތް ދިނުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ދެމެހެއްޓުމާއި، ޑޮކްޓަރުންނާ ގުޅުންހުރި މައްސަލަތަކާއި، ސިއްހީ ދާއިރާއިން ކަންބޮޑުވުން ހުރި މައްސަލަތަކުގައި އަޑު އުފުއްލުމެވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ޖަމިއްޔާއެކެވެ.

މީގެއިތުރުން ޑރ. ޞާލިޙު ވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ޑރ. ޞާލިޙަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސްގެ މިހާރުގެ ރައީސް އެވެ.

ފާއިތުވި 28 އަހަރު ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ޑރ. ޞާލިޙަކީ މިދާއިރާ އިތުރަށް ފުޅާ ކުރުމުގައި އިސްދައުރެއް އަދާކުރަށްވާފައިވާ ޑޮކްޓަރެއްވެސް މެއެވެ.

އެގޮތުން، ޤައުމީ އަދި ބައިނަލްއަޤްވާމީ ގޮތުންވެސް ފާހަގަކޮށްލެވޭ ޑރ. ޞާލިޙު ވަނީ ސިއްހީ ދާއިރާއަށް ޚިދުމަތް ކޮށްދިނުމުން އެތައް އެވަރޑެއްވެސް ހާސިލުކުރަށްވާފައެވެ. މީގެ ތެރޭގައި؛ ސްރީލަންކަން ކޮލެޖް އޮފް ސާޖަންސްގެ އޮނަރަރީ ފެލޯޝިޕް، އެސޯސިއޭޝަން އޮފް ސާޖަންސް އޮފް އިންޑިއާގެ ފަރާތުން ލިބިވަޑައިގެންނެވި އަގުވަޒަންކުރުމުގެ އެވަރޑް، އިންޑިއަން އެސޯސިއޭޝަން އޮފް ގޭސްޓްރޯއިންޓެސްޓިނަލް އެންޑޯސަރޖަންސް އިން ދީފައިވާ ސެޓްފިކެޓް އޮފް އެޕްރިޝިއޭޝަން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ހެލްތު ސެކްޓަރ ޑިވެލޮޕްމަންޓް ދާއިރާއިން ހާސިލު ކުރެއްވި ޤައުމީ އިނާމު ފާހަގަކޮށްލެވެއެވެ.

18 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުން ފެށިގެން މެޑިކާ ހޮސްޕިޓަލުގައި ސާޖަރީ ހައްދަވަން ފައްޓަވާ ޑރ. މުޙައްމަދު ޞާލިޙަށް ދެއްކެވުމަށް އެޕޮއިންޓްމަންޓް ހެއްދެވުމަށް މެޑިކާ ހޮސްޕިޓަލުން މިހާރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން މެޑިކާ ހޮސްޕިޓަލުގެ ފޯނު ނަންބަރު 3002255، ވަޓްސްއެޕް ނަންބަރު 9748013، ނުވަތަ ވައިބާ ނަންބަރު 7280622 އަދި 7280626 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދެވޭނެ ކަމަށް މެޑިކާ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން