ސެޗުރޭޓެޑް ފެޓްސްގެ ނުރައްކާތެރިކަމާއި އެއިން ދުރުހެލިވުމުން ސިއްޙަތަށް ލިބޭ ފައިދާ ތަކަކީ ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެވެ. އަދި މާގިނައިން އެވާހަކައެއް ނުދެއްކިއަސް، ހަށިގަނޑަށް މުހިންމު "ހެލްތީ ފެޓްސް" އާއި ބެހޭގޮތުން މަޢުލޫމާތު އެނގުމަކީ ވެސް މުހިންމު ކަމެކެވެ.

އެގޮތުން ސިއްހަތަށް ފައިދާ ހުރި ފެޓްސް ގެ ގޮތުގައި ފާހަގަކޮށްލެވޭ އޮމެގާ-3 ފެޓީ އެސިޑްސް މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް ބޭނުންތެރި މާއްދާއެކެވެ. އޮމެގާ-3 ހިމެނޭ ކެއުމުގެ ބާވަތްތަކަކީ ސިއްހަތަށް ފައިދާ ހުރި ރަނގަޅު ޑައިޓެއްގައިވެސް ބޭނުންކުރުން މުހިންމު މާއްދާއެކެވެ.

ޗިއާ ސީޑްސް، ފްލެކްސް ސީޑް އަދި ސެމަން މަހަކީ އޮމެގާ-3 އިން މުއްސަނދި ބާވަތްތަކެކެވެ. މި ލިޔުމުގައި މި ބަލާލަނީ އޮމެގާ-3 ހިމެނޭ މާއްދާތަކުން ހަށިގަނޑަށް ލިއްބައިދޭ ބައެއް ފައިދާތަކުގެ މައްޗަށެވެ.

ހިތުގެ ދުޅަހެޔޮކަން

އޮމެގާ-3 އަކީ ހިތް ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމާއި ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭން އެހީތެރިވެދޭ މާއްދާއެއްކަން ފަހުގެ ދިރާސާތަކުން ހޯދިފައިވެއެވެ. އޮމެގާ-3 ގެ ސަބަބުން ލޭގައި ދައުރުވާ ފެޓުގެ މިންވަރު ދަށްކުރުމާއި، ލޭގެ ޕްރެޝަރ ކޮންޓްރޯލް ކުރުމާއި، ލޭހޮޅިތަކަށް ލިބޭ އެކި ގެއްލުންތަކުގެ ނުރައްކާ ދައްކޮށް ދިނުމާއި، ހަށިގަނޑަށް ބޭނުން ނޫން ކޮލެސްޓްރޯލް ދަށްކުރުމުގެ އިތުރުން ހަށިގަނޑަށް ފައިދާހުރި ކޮލެސްޓްރޯލް (އެޗްޑީއެލް) އުފެއްދުމަށް އެހީތެރިވެއެވެ. މިއާއެކު ހިތުގެ އެކި ނުރައްކާތެރި ބަލިތަކާއި ދުރުކޮށްދިނުމަށް ބާރުއެޅިގެން ދެއެވެ.

ލޮލުގެ ދުޅަހެޔޮކަން

މުޅި ހަށިގަނޑަށް އޮމެގާ-3 އިން އެކި ފައިދާތައް ކުރާއިރު، އޮމެގާ-3 އެންމެ ފާހަގަކޮށްލެވެނީ ލޮލުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ބޭނުންތެރި މާއްދާއެއްގެ ގޮތުގައެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑުގައި އޮމެގާ-3 މަދުވެއްޖެނަމަ، ލޮލުގެ ފެނުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މިހެންކަމުން ސިއްހަތަށް ފައިދާހުރި ފެޓްސް ބޭނުންކުރުމަކީ އުމުރުން ދުވަސްވާ ވަރަކަށް ކުރިމަތިވާ ލޮލުގެ މައްސަލަތައް ކުޑަކޮށްދޭ ކަމެކެވެ.

ނަފްސާނީ ދުޅަހެޔޮކަން

މޭޖަރ ޑިޕްރެޝަން ޑިސްއޯޑާ (އެމްޑީޑީ)، އަދި ދަރިން ވިހެއުމަށްފަހު މައިން ތަހައްމަލު ކުރާ ޕޯސްޓް ޕާޓަމް ޑިޕްރެޝަންގެ އިތުރުން މީހާ މާބޮޑަށް ހާސްވުމާއި އެންޒައިޓީ ފަދަ ކަންކަމަށް ފަރުވާ ދިނުމުގައި އޮމެގާ-3 ސަޕްލިމެންޓްގެ ޑޯޒް ވެސް ފައިދާހުރި ކަމަށް ދިރާސާތަކުން ދައްކައެވެ.

ގައިގައި ރިއްސުން ފަސޭހަކޮށްދޭ

އޮމެގާ-3 އަކީ ހަށިގަނޑުގެ އެކި ސަރަަހައްދަށް އަރާ ތަދު ފިލުވައިދޭން އެހީތެރިވެދޭ މާއްދާއެކެވެ. މީގެ ތެރޭގައި ދިގުދެމިގެންދާ ރިހުން، އާރްތުރައިޓިސް ނުވަތަ ހުޅުތަކުގައި ރިހުން، އަދި މައްސަރު ކަންތައްތަކުގައި ތަހައްމަލު ކުރާ ރިހުންވެސް ހިމެނެއެވެ. އެކި ކަންކަމުގެ ސަބަބުން ގައިގައި ރިހޭ ކަނޑުވައިދޭން އެހީ ތެރި ވެދެނީ އޮމެގާ-3 ގައި ހިމެނޭ އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީތަކާއި، ހަށިގަނޑުގެ ތެރޭގައި ޕްރޯ-އިންފްލެމެޓަރީ ޕްރޮޓީން އުފެއްދުން މަދުކޮށްދޭން އެހީ ތެރިވެދޭތީއެވެ.

މީގެއިތުރުން ކަށިތައް ވަރުގަދަކުރުމަށް ހަށިގަނޑަށް ބޭނުންވާ ކެލްސިއަމް އުފައްދައި ދިނުމަށްވެސް އޮމެގާ-3 މާއްދާ އިސްދައުރެއް އަދާ ކުރެއެވެ. މިހެންކަމުން ގައިގެ ރިހުންތައް ކަނޑުވާލަން އެހީވުމުގެ އިތުރުން ކަށިތައް ވަރުގަދަކޮށްދީ ދުޅަހެޔޮކޮށްދިނުމުގައިވެސް އޮމެގާ-3 ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން