މިސަރުކާރުން ބައިބަހާލިއިރު ކުޑަ ފޮއްޗެއް ލައްވާލައިގެން ސަރުކާރުގެ އެންމެ މަތިފަޑީން ތިން މަގާމެއް ލިބުނު އަދާލަތަށް ލިބުނު ބައިންވެސް މިހާރު ވަނީ އެއްބުރި “ޖަހައިގެންފަ”އެވެ. އެއީ ގަސްތުގައި ބަޔަކު ރާވައިގެން ކުރި ކަމެއްކަން ނުވަތަ ފާޑެއްގެ ވަބާއެއްފަދަ ރޯގާއެއް ލައްވާލައިގެން އެ މައިތިރި ނުކުރެވިގެން ފެއިލްވެގެން ވީ ކަމެއްކަން ދަންނަވާކަން ނޭނގެއެވެ.

ކޮންމެއަކަސް ކުއްލިއަކަށް ވަރުގަދަ ވަބާއެއް އައި ހެން އައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ވަބާއެއް މި ޤައުމަށް އަރައިގެން އައިސް މައިތިރިވީ ސިދާތާގެ ވަޒީރު ކަމުގެ މަގާމާއި ހަމައިންނެވެ. ސިދާތާ ވަޒީރު ކަމުން ދުރު ކުރުމާއެކު އެވަބާ މައިތިރިވެ މުޅިން އަޑު ކެނޑިއްޖެއެވެ. ސޯޝަލް މީޑިޔާގައި އެއޮށް ބާރަށް ދައްކަމުން އައި ވާހަކަ މިހާރު މުޅިން މައިތިރިވެ ނިމިއްޖެއެވެ.

ސިދާތާ މިސަރުކާރާއި އަލްވަދާޢު ކީ ގޮތަށް އަދާލަތަށް ސަރުކާރުން ބައިއަޅައިގެން ލިބުނު ތިން ވަޒީރު ކަމުން އެއް ވަޒީރުކަން ވެސް ހަތިމްވީއެވެ. “އެގޮލާ” ފަހުން ލައްވައިލީވެސް އެއްވެސް ޕާޓީއަކަށް ނުވާ ގޮތަށް ފާޑަކަށް “ރަށްމެދަށް” ކަމަށްވެސް މީހުން ކިޔާ އުޅެއެވެ. އޭއްޗެއް ގެއްލުނު ފަހުން ޝައިޚް އިމްރާން ދެފައި އެއްތާ ނުޖަހައި ދުވެ ޙައްޤު ހޯދަން އުޅެގެންވެސް އަދި އޭއްޗެއް އަތުވާ ގޮތެއް ނުވެއެވެ.

މިހާދިސާއެއް ހިނގާ ދިޔަތާ އަދި ރަނގަޅު މަހެއް ހަމަ ނުވެއެވެ. މިހާރު މިއުޅޭ ކޮރޯނާ ވަބާއާއި އަޅުވައިގެން ކުޑަ ކުޑަ އަމީންގެ ނަން ކިޔާއަޑު މާބާރަކަށް އިވޭން ފަށައިފިއެވެ. ހަފުތާ ނިމިގެން ދަނިކޮށް މަޖިލީހުގައި ބަހުސް ކުރެވުނު ކޮރޯނާވައިރަސްގެ ޤަރާރަށް ވާހަކަ ދެއްކެވި އެމްޑީޕީގެ އެންމެ ހަރުދަނާ އެންމެ އާރުލާ ސިޔާސީ އެއް ތަނބު ކަމަށްވާ ހަސަން އަފީފު ވަރަށް ބާރު ބާރަށް ވަރަށް ސާފުކޮށް އަމީންގެ ވާހަކަ ދައްކަވައިފިއެވެ.

އަފީފަކީ އެމްޑީޕީގެ ވަރަށް ވަރުގަދަ ސިޔާސީ ސަހުސިއްޔަތެކެވެ. 2019 ގައި މަޖިލީހަށް ވަދެވަޑައިގެންނެވި އެމްޑީޕީގެ ބޭފުޅުންގެ ތެރެއިން މަޖިލީހުގައި ވަރަށް ބޮޑަށް ހަމައާއި އަޚުލާގު ހިފަހައްޓަވާ ވަރަށް ހަރުދަނާ ވާހަކަ ދައްކަވާ ބޭފުޅެކެވެ. މަޖިލީހުގެ ރައީސަކު ހޮވުމުގެ މައްސަލައިގައި އެޕާޓީގެ ރައީސް، ރައީސް ނަޝީދާ ކޮންމެވެސް ކުންޏެއް ނުވަތަ ޚިޔާލުގެ ފުށުއެރުމެއް ކަހަލަ ކުށުވެރިކަމެއް ހިނގާ ދިޔަ ނަމަވެސް އަފީފަކީ ރައީސް ނަޝީދުގެ ވެސް އަދި ރައީސް ޞާލިޙުގެ ވެސް ވަރަށް އަރިސް، ބަސްވިކޭ ބޭފުޅެކެވެ. އެހެން ކަމުން އަފީފު މަޖިލީހުގައި އަމީނާ ބެހޭގޮތުން ނުރުހުމުގެ ބަސްފުޅެއް ވިދާޅުވުމަކީ މާ ކަމުދާ ރަނގަޅު ފާލެއް ނޫންކަމުގައި ބައެއް ސިޔާސީ ބޭފުން ވިދާޅުވެއެވެ.

ކޮރޯނާވައިރަސްއާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކޮށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައެޅި ޤަރާރަށް ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ ކޮރޯނާވައިރަސްއަށް ތައްޔާރުވުމަށް އަންނައިރު އޮތް ހަމައެކަނި ދައްޗަކީ ޖޭޕީއަށް ސަރުކާރުން ދިން ގޮނޑިއެއްގައި އިންނެވި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ ސަބަބުން އަންނަ ދައްޗެއް ކަމަށެވެ. އަފީފު ސިފަކުރެއްވީ އަމީން އެތަނުގައި ހުންނަވައިގެން ޖެއްސުން ކުރައްވަނީ ކަމުގައެވެ.

މިކަމުގައި އަމީން ވިދާޅުވާ އެއްޗެއް އަދި އަޑުއިވިފައި ނުވި ނަމަވެސް ސިދާތާއަށްފަހު އަމީނަކީ މަޑުމަޑުން ހޫނުފެނަށް ވެއްޓެމުންދާ ބޭފުޅެއްކަން މީގެ ކުރިން ލީކްވި އޯޑިއޯއަކުން ވެސް ފާހަގަ ކުރެވުނެވެ. އެ އޯޑިއޯގައި މި ސަރުކާރުގެ މިހާރުގެ އެންމެ ބާރުގަދަ ކަމަށް ބެލެވޭ ވަޒީރު، އަލީ ވަހީދު ނޫނީ ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުން ނަމަ މި ސަރުކާރުގެ “ބްރޯ”ގެ އަޑުކަމަށް ބުނާ މީހަކު ދައްކާފައިވާ އެ ވާހަކަތަކުން އަމީނަކީ އެއްވެސް މީހެއް ނޫންކަން ސިފަވެގެން ދެއެވެ. އެ އޯޑިއޯގައި އަމީނަކީ ދެ ބަނޑަށް ހެދިކާ ކާލައިގެން ފޮޓޯ ނަންގަވައިގެން މަޝްހޫރުކަން ހޯއްދަވަން އުޅުއްވާ ބޭފުޅެއްކަމަށް ބުނެއެވެ. އަދި އަމީންގެ ނާގާބިލު ކަމުގެ ވާހަކަ ރައީސް ޞާލިޙަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ކޮރޯނާވައިރަސްއަށް ސްކްރީން ކުރުމަށް ރާއްޖެ ގެނައި ކެމެރާތައް ގެނައީވެސް އަމީނަށް އެކަން ނުވެގެން އެ އޯޑިއޯގައި އެވާހަކަ ދައްކާ އަލީ ވަހީދު ކަމުގައި ވިދާޅުވެއެވެ.

އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވާ ގޮތުންނަމަ ކޯލިޝަން ކަފުން ކުރުމަށް ތައްޔާރުވަމުންދާއިރު އަދި ފަހަރަކު އެއްޗެއް ކޯލިޝަނުން “ކަތިލަމުން” ބޭރުކުރަމުން ގެންދާ ފަދަ ގޮތަކަށް ތަސައްވަރު ކުރެވެމުންދާ މި ދަނޑިވަޅުގައި އަފީފު ފަދަ ބާރުގަދަ، ނުފޫޒުގަދަ ބޭފުޅަކު މިފަދަ ބަސްފުޅެއް ވިދާޅުވުމަކީ އެއީ ސައިބޯނި ބޮތްކެއް ފަދަ އެއްޗެއް ކަމުގައި ޤަބޫލުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަފީފުގެ މި ވާހަކައަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަޙު ދިރާސާކުރައްވާ ގިނަ ބޭފުޅުން ވިދާޅުވަނީ އަމީން އަވަހަށް ކޯޓު ހިއްޕަވައިގެން ގެއަށް ވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގަންނަވަންވީ ވަގުތު ޖެހުނީ ކަމުގައެވެ. ސިދާތާ ގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެދުވަސްވަރު ހިލުނު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ވަބާގައި ޖެހިގެންނެވެ. އަމީނަށް މިއޮތީ ދުނިޔޭގައި ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާ ވަބާއާއި ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން