ދުޅަހެޔޮ ނިޔަފައްޗަކީ ހަށީގެ ދުޅަހެޔޮކަމުގެ އަލާމާތެކެވެ.
ދުޅަހެޔޮ ނިޔަފައްޗަކީ ހަށީގެ ދުޅަހެޔޮކަމުގެ އަލާމާތެކެވެ.
ނިޔަފަތި ފަޅައިގެންދިޔުމަކީ ވަރަށް އާންމުކަމެކެވެ. އިންފެކްޝަނެއްގެ ސަބަބުން ނުވަތަ އަނިޔާއެއް ލިބުމުގެ ސަބަބުންވެސް ނިޔަފަތި ފަޅައިގެން ހިނގައިދާނެއެވެ. މީގެއިތުރުން ތެތްވެފައި މާގިނައިރު ހުރުމުންނާއި އެއްވެސް ކަމަކާނުލައިވެސް ނިޔަފަތި ފަޅައިގެން ގޮސްފާނެއެވެ.

ސީދަލަށް އަދި ހުރަހަށްވެސް ނިޔަފަތި ފަޅައިގެންދެއެވެ. އަދި ނިޔަފަތީގެ މެދުން ރެނދުވެސް ލާފާނެއެވެ. ނިޔަރޮއްޖާއެކު ވެސް އަދި ނިޔަފަތީގެ ކޮޅާހަމައިންވެސް ނިޔަފަތި ފަޅައިގެން ގޮސްފާނެއެވެ. ނިޔަފަތި ފަޅައިގެން ދިޔުމާއެކު ނިޔަފަތި ތުނިވެ މަޑުވުމަކީވެސް އާންމުކޮށް ދިމާވާކަންކަން ކަމުގައިވާއިރު، މިއީ އާންމުގޮތެއްގައި އުމުރުން 50 އަހަރުން މަތީގެ ފިރިހެނުންނަށްވުރެ ގިނައިން އެއުމުރުގެ އަންހެނުންގެ ފަރާތުން ފެންނަ އަލާމާތްތަކެކެވެ.

ދުޅަހެޔޮ ނިޔަފައްޗަކީ ހަށީގެ ދުޅަހެޔޮކަމުގެ އަލާމާތެކެވެ. އެގޮތުން، މިބަލާލަނީ ނިޔަފަތި ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމުގެ މައްޗަށެވެ.

ނިފަތި ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކުރަންވީ ކަންތައް

- ނިޔަފަތި ރަނގަޅަށް ކެނޑުން

- ނިޔަފަތި ރަނގަޅަށް ފެންހިއްކައި، ސާފުކުރުން

- އަޅައިގަންނަ ގޮތަށް ނުވަތަ ތޫނުކޮށް ހުންނަ ބައިތައް އެމެރީ ބޯޑަކުން ގާނައި އެއްވަރުކުރުން

- ނިޔަފަތި އަނގައިގެ އެތެރެއަށް ލައި ނުހެފުން

- ނިޔަފަތި ބޭނުންކޮށްގެން އެއްޗެހީގެ މަތި ނުހުޅުވުން

- ކަންވަންނަ ނިޔަފަތިތައް ކޮނެގެން ނަގަން މަސައްކަތްނުކުރުން އަދި ކަމާބެހޭ ފަރާތަކުން ސިއްހީ ފަރުވާ ހޯދުން

އުސޫލެއްގެ ގޮތުން، ފަޅައިގެންދާ ނިޔަފައްޗަކީ އެއަށް ފަރުވާކުރަން ޖެހޭއެއްޗެކެވެ. މިގޮތުން، ނިޔަފަތީގެ ކޮޅުން ފަޅައިގެންދާ ނިޔަފަތި ކަނޑާލެވުނު ނަވަމެސް، ނިޔަފަތީގެ މެދުބަޔާއެކުގައި ނުވަތަ ބުޑުން ފަޅައިގެންދާ ނިޔަފައްޗަށް ފަރުވާ ހޯދަން ޖެހެނީ ތަފާތު ގޮތަކަށެވެ.

ތެތްކަން ބޮޑުވުމުގެ ސަބަބުން މަޑުވެގެން ފަޅައިގެންދާ ނިޔަފައްޗާއި، ކެމިކަލްތައް، ޑިޓަރޖެންޓް އަދި އެސިޓޯން ފަދަ މާއްދާތައް ޖެހިގެން ފަޅައިގެންދާ ނިޔަފަތީގައި ސާފު ހުދު ނެއިލް ޕޮލިޝްއެއް ހަފްތާއަކު އެއްފަހަރު ހާކައިގެން ރަނގަޅުކުރެވިދާނެއެވެ. ނައިލޮން ފައިބަރ އެކުލެވޭ ނެއިލް ޕޮލިޝްއެއް ބޭނުންކުރުމަކީ ނިޔަފަތި ވަރުގަދަވާ ކަމެކެވެ.

ހިކިކަން ބޮޑުވެގެން ފަޅައިގެންދާ ނުވަތަ ކުރަކިވާ ނިޔަފަތީގައި އަލްފާ-ހައިޑްރޮކްސީ އެސިޑް ނުވަތަ ލެނޯލިން އެކުލެވޭ ލޯޝަނެއް ބޭނުންކުރުމުން ފަސޭހަވެއެވެ.

ތަތްކުރާ ސިލްކް ނެއިލް ރެޕެއް ބޭނުންކޮށްގެންވެސް ފަލައިގެންދާ ނިޔަފަތި ރަނގަޅުކުރެވެއެވެ. މި ރެޕަކީ ހަލާކުވެފައިވާ ނިޔަފަތީގައި ހަރުކޮށް، ނިޔަފައްޗާއި އެއްވަރަށް ކަފައި، ހެޔޮވަރުކުރުމަށްފަހު ޖެލް ނެއިލް ރެސިން ބޭނުންކޮށްގެން ތަތްކުރާ އެއްޗެކެވެ.

ސިއްހީ ބައެއް ސަބަބުތަކާއި ހެދިވެސް ނިޔަފަތި ފަޅައިގެންދެއެވެ. މިގޮތުން، ފަންގަލް އިންފެކްޝަނެއް ދިމާވެއްޖެނަމަ އެންޓި-ފަންގަލް ބޭހުން އެކަމަށް ފަރުވާ ހޯދިދާނެއެވެ. ވިޓަމިން ޑެފިޝެންސީއެއް ހުރެގެން ނިޔަފަތި ފަޅައިގެންދާ މީހުންވެސް މަދެއްނޫނެވެ. ބަޔޯޓިންއާއި ކެލްސިއަމާއި އަޔަން މަދުވެގެން ނިޔަފަތި ފަޅައިގެންދާ މީހުން އެތަކެތި އެކުލެވޭ ބޭސް ބޭނުންކުރަން ފެށިދާނެއެވެ. މީގެއިތުރުން، ސޮރަޔަސިސް ހުންނަ ފަރާތްތަކުން ޓޮޕިކަލް ކޯޓިކޯސްޓެރޮއިޑެއް، ކެލްސިޕޮޓްރިއޯލް ނުވަތަ ޓެޒެރޮޓީން ބޭނުންކޯށްގެން ފަރުވާ ހޯދިދާނެއެވެ.

ފަޅައިގެން ގޮސްފައި ހުންނަ ނިޔަފަތި ރަނގަޅު ނުވާނަމަ ދެން އޮންނާނީ ސިއްހީ މާހިރެއްގެ ލަފާ ހޯދުމެވެ. އަތުގެ އިނގިލިތަކާއި، ފައިގެ އިނގިލިތަކުގެ އެއްނިޔަފައްޗަށްވުރެ ގިނަ ނިޔަފަތި ފަޅައިގެންދާނަމަ އެއީ ސިއްހީ މައްސަލައަކާއި ގުޅިގެން ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ. ވީމާ، އެފަދަ ހާލަތެއްގައި، ސީދާ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން