ނިގުޅައިގަނެފައިވާ ފަލަސްތީނު ރައްޔިތުންގެ އިންސާނީ ޚައްޤުތައް ކަށަވަރު ކޮށްދިނުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އިންސާނީ ޙައްޤުތަކާއި ބެހޭ ދުވަހުގެ މުނާސަބަތުގައި ޚާރިޖީވަޒީރު އާންމު ކުރެއްވި ވީޑިއޯ މެސެޖުގައި، ދިވެހިން މިތިބީ ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ސާބިތުކަމާއިއެކީގައި ކަމުގައި ވަނީ ވިދާޅުވެފައެވެ. މި މޭރުމުން ވާހަކަދައްކަވަމުން ޒަމީރު ވަނީ އިޒްރޭލުން ޣައްޒާގައި ހިންގާ ޖަރީމާތައް ކުށްވެރިކުރައްވާފައެވެ.

ޒަމީރު ވިދާޅުވީ އިސްރާއީލުން ބައިނަލްއަޤުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީން ހިފާފައި އޮތް އޮތުމާއި، ފަލަސްތީނުގެ މައުސޫމް އާންމުންނަށް ދޭ އަނިޔާވެރި ހަމަލާތައް ހުއްޓުވަން ޖެހޭ ކަމަށެވެ. ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް އެކަމަށް ބާރުއެޅުމަށް ލާޒިމް ކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ގޮވާލައްވާފަވެއެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކުގެ ވާހަކައަކީ އަޅުގަނޑުމެން ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ ކަމެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިންސާނީ ހައްގުތަކަކީ އެންމެންނަށްވެސް އެއް ހަމައެއްގައި ކަށަވަރުވާންޖެހޭ ޙައްޤުތަކެއް. އެހެންކަމުން، ބައިނަލްއަޤްވާމީ މުޖުތަމަޢާއި އިންސާނީ ޙައްޤުތަކާބެހޭ އިދާރާތަކާ ގުޅިގެން އަޅުގަނޑުމެންގެ ވާޖިބުތައް އަދާކޮށް، އެންމެންގެ އިންސާނީ ކަރާމާތް ކުރިއެރުވުމަށް މަސައްކަތް ކުރާނަން." މިނިސްޓަރ ޒަމީރުގެ ކުރު މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ޒަމީރުގެ މެސެޖުގައި ހުރިހާ ދިވެހިންނަށް މިހާރަށްވުރެ ސުލްހަވެރި، އަދި ފާގަތި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ވީ ވަޢުދުތައް ކަށަވަރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ޒުވާނުންނާއި އަންހެނުންނާއި އިސްރަށްވެހިންނާއި އަދި އެންމެހާ ފަރާތްތަކުގެ ހައްގުތަކަށް އިޙްތިރާމްކުރަށްވައި ވެވަޑައިގަތް ވައުދުތައް، ފުއްދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އަަހަރުގެ އިންސާނީ ޙައްޤުތަކާއި ބެހޭ ދުވަހުގެ ޝިއާރަކީ "ފްރީޑަމް، އީކުއަލިޓީ އެންޑް ޖަސްޓިސް ފޯރ އޯލް" އެވެ. މި ޝިއާރު އަލިއަޅުވާލަނީ އެންމެންނަށް މިނިވަން، ހަމަހަމަ އަދި އިންސާފުވެރި މުޖުތަމައެއް ގާއިމުވުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން