މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ނާޒިމް ޕީޕީއެމް ކޯލިޝަންގެ މަޖިލީސް ޕްރައިމަރީގައި ދިއްގަރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

ނާޒިމް މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް، ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ހަމައެއާއެކު މިއަދަކީ އޭނާގެ ސިޔާސީ ހަޔާތުގައި މުޙިއްމު ނިންމުމެއް ނިންމާފައިވާ ދުވަހެއް ކަމަށާއި ދިއްގަރު ދާއިރާގެ ރައްޔިތުންނަކީ ދެގޮތެއްނުވެ އޭނާއާއި އެންމެ ގާތުގައި، ތިބޭ ބައެއްކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

“ދިއްގަރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި، ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް، އަޅުގަނޑު ފޯމު ހުށަހަޅައިފީމެވެ.” ނާޒިމް ވިދާޅުވެފައިވެއެވެ.



ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނާޒިމް ވަނީ ދަޢުލަތުގެ އިސްމަޤާމުތަކެއް ފުރުއްވާފައެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމާއި ހާއްސަ މަޖިލިހުގެ މެންބަރުކަންވެސް އޭނާ ކުރައްވާފައިވާ ބޭފުޅެކެވެ.

18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނަވަނިކޮށް އެ ދާއިރާގެ ގޮނޑި 2015 ވަނަ އަހަރު ނާޒިމަށް ގެއްލިފައިވަނީ އޭނާއާ ދެކޮޅަށް ދަޢުލަތުން ހުށައެޅި ހިޔާނާތުގެ މައްސަލައެއް ސާބިތުވެ 25 އަހަރުގެ ޖަލު ޙުކުމެއް ސުޕްރީމް ކޯޓުން އިއްވުމާ ގުޅިގެންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން އެ ހުކުމް ރިވިއު ކުރުމަށްފަހު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެ ހުކުމް ވަނީ ބާތިލު ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސްކަން ކުރެއްވި އަޙްމަދު ނާޒިމަކީ ކުރީގެ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން