އަހުމަދު ޝާހް   10 ޑިސެމްބަރު 2023 - 23:20
ސަރުކާރުގެ "ހަފުތާ 14" ގައި ވާގޮތަށް، މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލައި އެދަފުތަރުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށެވެ.

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލައި، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައިވެސް ހިމަނާފައިވާ ކަމެކެވެ.

“މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއްބޭނުމެއްގެ ގޮތުގައި މި ކަރުދާހުގައި ފާހަގަކުރައްވާފައިވަނީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތް ދަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.” ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ހަމައެއާއެކު މިފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްކަން އެކަރުދާހުގައި ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން އެދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ ފަރާތަކީ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އާމުދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ ނުވަތަ އާމުދަނީގެ ބޮޑުބައެއް ޙިއްޞާކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީންކަމުގައި ހިމެނޭ ފަރާތަކަށް ވާންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ.

ރައީސް އޮފީހުން ބުނީ މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުން މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތްނަމަވެސް މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވާލާފައި ނުވާކަމަށެވެ.

އަދި މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރު އެކުލަވާލާއިރު ފާނައިގެ މަސްވެރިކަންފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް އެކަރުދާހުގައި ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން