އަންހެނުންނަށް ޖެހޭ ބަލިތަކުގެ ތެރޭގައި ހިމެނޭ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް)އާއި އެންޑޮމެޓްރިއޯސިސްގެ ހުރިހާ ފަރުވާއެއް އާސަންދައިން ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ މީގެ ކުރީގައި އާސަންދަ ސިއްހީ އިންޝުއަރެންސް ނިޒާމުގެ ތެރެއިން ބޭސްފަރުވާ ނުކުރެވޭ މި ދެ ބައްޔަކީ ރާއްޖޭގައި ވަރަށް ޢާންމުކޮށް ބޭސްކުރަން ޖެހިފައިވާ ދެ ބަލި ކަމަށެވެ. ފާއިތުވީ ދެ އަހަރު މި ބައްޔަށް ބޭސްކުރައްވާ ފަރާތްތައް ގިނަވެފައިވާއިރު، އެއަށް ބޭނުންވާ ފަރުވާއަށް އާސަންދައިން ފުލް ކަވަރޭޖް ނުލިބޭކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

"މި މައްސަލައަކީ އޭގެ ޒާތުގައި މިދިޔަ ހަފްތާގެ ކެބިނެޓް ބައްދަލުވުމުގައި ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން އިތުރަށް ފަހި ކޮށްދިނުމާއި، އައިވީއެފް ޓްރީޓްމެންޓް ހިމެނިގެންދާ ގޮތަށް އާސަންދައިގެ ކަަވަރޭޖް ފުޅާ ކުރުމަށް ނިންމި ނިންމުމުގެ ތެރެއިން އެއަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައި އެއަށް އިތުރުވެގެން އަންނަ ސިޔާސަތެއް ކަން އަޅުގަނޑު ފާހަގަކޮށްލަން." ފިރުޒުލް ވިދާޅުވިއެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، މި ސަރުކާރުން މީގެކުރިން ވަނީ ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ މީހުންނަށް އައިވީއެފް މަރުހަލާއަށްވެސް އާސަންދައިގެ ފުލް ކަވަރޭޖް ލިބިގެންދާނެކަން އިޢުލާންކޮށްފައެވެ. މިއީވެސް މީގެ ކުރީގައި އާސަންދަ ކަވަރޭޖް ނުލިބޭ، ޚަރަދު ބޮޑު ފަރުވާއެކެވެ. ފިރުޒުލް ވިދާޅުވީ އައިޔޫއައި އަދި އައިވީއެފްއަށް ޚާއްސަ އުސޫލެއް ވަރަށް އަވަހަށް ގެޒެޓްގައި ޢާންމުކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން