ސަރުކާރުގެ "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ސިޔާސަތުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 18 އަހަރުން ދަށުގެ ކުޑަކުދިން ބަލަހައްޓަދޭނެ އާއިލާތަކާއި ހަވާލުކުރަން ސޯޝަލް މިނިސްޓްރީން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ސޯޝަލް މިނިސްޓްރީގެ ނައިބު އާމިނަތު ނަމްޒާ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު 164 ކުދިން އެބަތިބި ކަމަށެވެ.

ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައިދިނުމުގެ މަގްސަދަކީ އެކި ޙާލަތްތަކާއި ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުދިންނަކީ އާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ރައްކާތެރިކަމާއި، އުފާވެރިކަން ލިބިގެންދާ ކުދިންތަކަކަށް ހެދުން ކަމަށް ނަމްޒާ ވިދާޅުވިއެވެ.

މިމައުޟޫގައި ވާހަކަ ދައްކަވަމުން ސޯޝަލް މިނިސްޓްރީގެ ސީނިއާ ލީގަލް ކައުންސެލަރު އާއިޝަތު އިފާދާ ވިދާޅުވީ އެކި އެކި ސަބަބުތަކާއި ގުޅިގެން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަކީ ވަގުތީ ގޮތުން ގެނެވޭ ކުދިން ކަމަށެވެ. އޭނާ ވިދާޅުވީ އެކުދިން އެގޮތަށް ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާއަށް ގެންނަނީ އާއިލާ ބިނާކުރުމަށް ފަހު ނުވަތަ މައްސަލަތައް ހައްލު ކުރުމަށް ފަހު، ކުއްޖާ އާއިލާއާ އަލުން ހަވާލުކުރާ ގޮތުގެ މަތިން ކަމަށެވެ.

އެކަމަކު އެއާއި ޚިލާފަށް އާއިލާގެ ޙާލަތު ގޯސްވުމާއި ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ދިގު މުއްދަތަކަށް ދިރިއުޅެން ޖެހޭ ކުދިން ތިބޭ ކަމަށް ފާހަގަކުރައްވައި، އެ ކުދިން ފޮސްޓަރ އާއިލާތަކާއި ހަވާލުކުރުމަކީ މި ޕްރޮގްރާމްގެ އަމާޒު ކަމަށް އިފާދާ ވިދާޅުވިއެވެ. އެފަދަ ކުދިން ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ބަލަން ބޭނުންވާ އާއިލާތަކަށް ކުއްޖާ ހަވާލުކުރާނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށް ނަމްޒާ ވިދާޅުވެފަވެއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އިފާދާ ވިދާޅުވީ ވަގުތީ ގޮތުން ކުއްޖާ ބަލަން ބޭނުންވާ ފަރާތްތަކާއި ހަވާލުކުރާނީ ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހު ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި، އުފަން އާއިލާއަށް އެ ކުއްޖާއަށް އަނބުރާ ދެވޭނެ ގޮތް ހުރިތޯ ބަލައި މިނިސްޓްރީން އެކަމަށް މަސައްކަތް ކުރާނެ ކަމަށް އިފާދާ ވިދާޅުވިއެވެ. އުފަން އާއިލާއާއި ހަވާލު ކުރެވޭނެ މަގުފަހިނުވާނަމަ، ކުއްޖާއާއި ވަގުތީ ގޮތުން ހަވާލުވެފައިވާ އާއިލާއަށް އެ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ ގޮތަކަށް ކުދިން ފޮސްޓާ އާއިލާތަކާއި ހަވާލުކުރުމަށްފަހުވެސް މިނިސްޓްރީން އެކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށް ޚާއްސަ ފިޔަވަޅުތައް އަޅާނެ ކަމަށް އިފާދާ ވިދާޅުވިއެވެ. އެގޮތުން، ކުއްޖާ އުފަން މައިންބަފައިންނާއި ބައްދަލުވާން ފުރުޞަތު ފަހިކޮށްދެއްވި ނަމަވެސް އެ ފުރުޞަތުން ބޭރުގައި ކުއްޖާއާއި ބައްދަލުނުކުރެވޭނެ އުސޫލުތަކަށް މިނިސްޓްރީން އަމަލުކުރާނެއެވެ. އަދި އުފަން އާއިލާއިން ކުއްޖާއާއި ހަވާލުވާން ބޭނުންވާ ޙާލަތެއްގައި ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހަޅައި އެއީ ކުއްޖާއަށް އެންމެ ރަނގަޅު ގޮތްކަން ސާބިތުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާނެ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މިކަމާއި ގުޅުންހުރި އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސެޝަންތަކެއް ވަރަށް އަވަހަށް ގްރޭޓާ މާލެ އޭރިއާގެ އަވަށްތަކުގައި ކުރިއަށްގެންދާނެ ކަމަށް ދެބޭފުޅުން ވިދާޅުވެފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން