މާލޭ ކްލާސާ ފިހާރާގައި ހިންގި މާރާމާރީއާ ގުޅިގެން، ދަޢުލަތުން ދެމީހެއްގެ މައްޗަށް ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، 24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ އެ ފިހާރަތެރޭގައިހުރި ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދުދީދީ އަށް ތޫނު ހަތިޔާރުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ. އަދި އެ ޙަމަލާގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން މުޙައްމަދު އަޙްމަދުދީދީއަށް ލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ޕީޖީއޮފީހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށް ދަޢުވާ ކުރުމަށް 30 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ، އެ ދެމީހުންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ ކަމަށެވެ.

މިމައްސަލާގައި ދަޢުވާ އުފުލާފައިވާ ދެމީހުންވެސް ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައި ކަމަށާއި، މައްސަލާގައި ދަޢުވާއުފުލި ފައިހު ކުރިން ބަންދުގައި ހުރީ ޑެ ޕަބްލިކް ކެފޭތެރޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ކަމަށާއި، ނަމަވެސް މިހާރު ބަންދުގައި ހުރީ މި މައްސަލައާ ގުޅިގެން ކަމަށް ޕީޖީން މަޢުލޫމާތުދެއެވެ.

ކްލާސާ ފިހާރަ ތެރޭގައި ހިންގި މާރާމާރީގެ މަންޒަރު ދުށް ބައެއް މީހުން ބުނީ އެ ފިހާރަ ތެރެއަށް މުޙައްމަދު އަޙްމަދުދީދީ ވަނީ ބަޔަކު މީހުން އޭނާ ހޯދަން އަންނާތީ ފިލަންވެގެން ކަމަށެވެ. ނަމަވެސް އެ ފިހާރައަށް ވަނުމުން ސައިކަލެއްގައި އައި ދެ މީހަކު ވަދެ ވަޅިން ހަމަލާ ދިނީ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެމައްސަލާގައި ވިދާޅުވީ، އެ މާރާމާރީ އަކީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި 2023 ވަނަ އަހަރުގެ ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށެވެ. އެގޮތުން އެއީ ކުޑަހެންވޭރޭ' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' އޭ ކިޔައިގެން އުޅޭ ބައެއް ހިންގި މާރާމާރީއެއް ކަމަަށް ހަމީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން