އިޒްރޭލަށް ވަންނަން ދަތުރުކުރި ހުރިހާ ބޯޓުތައް ޔަމަނުގެ ހަނގުރާމަވެރި ހޫތީން ހުއްޓުވައިފިއެވެ.

ހޫތީން މި ނިންމުން ނިންމީ ހަނގުރާމަ ހުއްޓާލައި ރަހީނުކޮށްފައިވާ ހުރިހާ މީހުން ވަގުތުން ދޫކޮށްލުމަށް ޔޫއޭއީއިން ހުށަހެޅި އދ.ގެ ގަރާރަށް އެމެރިކާއިން ވީޓޯކުރުމާއި ގުޅިގެންނެވެ. އދ. ގެ ސެކިއުރިޓީ ކައުންސިލުގައި ހިމެނޭ 13 ގައުމަކުން ތާއީދުކުރި ގަރާރަށް އެމެރިކާއިން ދެކޮޅު ހެދުމުން ރަޝިޔާއާއި ޗައިނާއިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިވެސް ކޮށްފައެވެ.

ހޮނިހިރު ދުވަހު ޔަމަނުގެ ހޫތީން ވަނީ އިސްރާއީލަށް ދާ ހުރިހާ ބޯޓުތަކުގެ ގައުމިއްޔަތަށް ބެލުމެއް ނެތި ހިފަހައްޓާނެ ކަމަށް ބުނެފައެވެ. ވީމާ އިސްރާއީލުގެ ބަނދަރުތަކާ މުއާމަލާތް ނުކުރުމަށް ބައިނަލްއަގްވާމީ ހުރިހާ ބޯޓު ކުންފުނިތަކަށް ހޫތީން ވަނީ އިންޒާރު ދީފައެވެ.

"ޣައްޒާއަށް ބޭނުންވާ ކާނާއާއި ބޭސް ނުލިބިއްޖެ ނަމަ، ރަތް ކަނޑުގައި އިސްރާއީލުގެ ބަނދަރުތަކަށް ދަތުރުކުރާ ހުރިހާ ބޯޓުތަކެއް، އެ ބޯޓުތަކުގެ ގައުމިއްޔަތަށް ބެލުމެއްނެތި، އަހަރެމެންގެ ހަތިޔާރު އެޅި ސިފައިންގެ އަމާޒަކަށް ވެގެންދާނެ." ހޫތީންގެ ތަރުޖަމާނު ބުނެފައި ވެއެވެ.

ހޫތީން ވަނީ ރަތް ކަނޑާއި ދުނިޔޭގެ ތެލުގެ ބޮޑު ބައެއް ދަތުރުކުރާ ކަނޑުގެ ސަރަހައްދެއް ކަމަށްވާ ބާބް އަލް މަންދަބް ސްޓްރެއިޓްގައި އިސްރާއީލާ ގުޅިފައިވާ ބައެއް ބޯޓުތަކަށް ހަމަލާދީ އަތުލައިގަނެފައެވެ. އެއާއެކު، އިސްރާއީލަށް ބެލިސްޓިކް މިސައިލްތަކާއި ހަތިޔާރު އެޅި ޑްރޯންތައްވެސް ހޫތީން އަމާޒުކޮށްފައި ވެއެވެ.

މިދިޔަ ހަފްތާގައިވެސް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ތިން އާގުބޯޓަށް ހޫތީން ވަނީ ހަމަލާދީފައެވެ. އޭގެ އިތުރަށްވެސް، ހޫތީން ވަނީ އިސްރާއީލުގެ ކުންފުންޏަކާ ގުޅުން އޮންނަ އިނގިރޭސިވިލާތުގެ އާގުބޯޓެއްވެސް މިދިޔަ މަހު އަތުލައިގެންފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާއިން ހޫތީންނާ މެދު ފިޔަވަޅު ނާޅާނަމަ އިސްރާއީލުން ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަރިހުގައި ބުނެފައެވެ. އެހެން ނަމަވެސް، މަސްރަހު ދިރާސާކުރާ އިރާންގެ ޚަބަރު ފަތުރާ ވަސީލަތަކުން ބުނެފައިވާ ގޮތުންނަމަ ނަތަންޔާހޫއަށް ހޫތީންނާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ. އެއީ އޭނާ ޔަމަނާއި ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ ޔަމަނުން އިޒްރޭލަށް ދަތިކުރުމަށް ރެޑް ސީގައި މައިންތައް ބަހައްޓާނެތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން