ކޮންމެ މަޔަކާއި ބަފަޔަކުވެސް އެދޭނީ އެމީހުންނަށް ލިބޭ ދަރީންނަކީ ސިއްޙަތު ރަނގަޅު ދަރީންނަށް ވުމެވެ. މައިންބަފައިންގެ އެންމެ ބޮޑު އެދުމަކީ ދަރިފުޅުގެ ސިއްހަތު ސަލާމަތުން ހުރުމެވެ. އަދި ދަރިފުޅުގެ އުމުރު ދިގުވުމެވެ. އުމުރުން 4 އަހަރުގެ ޖީލާންގެ މައިންބަފައިންވެސް އެދުނީ ސިއްހަތު ރަނގަޅު ދަރިއެއް ހޯދުމަށެވެ. އެހެން ނަމަވެސް، މާތް ރަސްކަލާނގެ އެދެމަފިރިންނާއި ކުރިމަތިކުރުވީ ހަޔާތުގެ އެންމެ ބޮޑު އިމްތިހާނެވެ.

ޖީލާންއަކީ އުފަންވީއިރުއްސުރެ މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމުގައިވާ ޓްރީޗާރ ކޮލިންސް ސިންޑްރަމް ތަހައްމަލުކުރަމުންދާ ކުއްޖެކެވެ. މި ބަލި ތަހައްމަލުކުރަމުންދާ ކުދިންގެ ބޮލާއި މޫނުގެ ތަންތަން އުފެދުމުގައި އުނިކަމެއް ހުރެއެވެ. އެކަމުގެ ސަބަބުން ކުއްޖާގެ ނޭވާލުމުގެ ނިޒާމާއި ކަންފަތަށް އަޑުއިވުމާއި ކެއުމުގެ ނިޒާމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރެއެވެ.

"އެޑެނޮއިޑްސް ދާނީ ކުއްޖާ ބޮޑުވާވަރަކަށް ބޮޑުވަމުން. ދަރިފުޅު ވިހެއިއްސުރެ އަނގައިގައި ހޮޅިއެއް ލައްވާފައި ހުރޭ. 6 މަހުގައި ބަނޑު ތޮރުފާފައި މިކީ ބަޓަން ބަނޑަށް ބަދަލުކޮށްފައި ކާން އަޅަނީ ކޮންމެ އިރަކު. މިހާރު ދަރިފުޅުގެ ނޭވާލާ ހޮޅި ބްލޮކް ވަމުން އަންނާތީ މިވަގުތު އެކަމަށް ބޭނުންވާ ފަރުވާ ކުރެވޭތޯ މި މަސައްކަތްކުރަނީ. އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ އޮޕަރޭޝަނަށް ބޭނުންވާ ސާމާނުތައް ޖަރުމަނުން ހޮސްޕިޓަލަށް ގެންނަންދެން" ޖީލާންގެ މަންމަ ކިޔާދީފަވެއެވެ.

ޖީލާންގެ މަންމަ ކިޔާދީފައިވާގޮތުގައި އޭނާގެ ދަރިފުޅުގެ ކަންފަތުގެ މައްސަލައިގެ އިތުރަށް ވާހަކަދެއްކުމުގައިވެސް ދަތިތަކެއް ހުރެއެވެ. "ކަންފަތް ބްލޮކްވެފަ ހުރީމަ ދަރިފުޅަށް އަޅުގަނޑުމެން ދައްކާ ވާހަކަ އެއްވެސް ވަރަކަށް ނޭނގޭ. އެހެންވެ ދަރިފުޅު ބައެއްފަހަރު ރުޅިވެސް ގަދަވޭ" ޖީލާންގެ މަންމަ ބުނެފަވެއެވެ.

އާއިލާއިން ވަނީ ޖީލާންގެ މި ބަލީގެ އުނދަގޫތައް ވީހާވެސް ކުޑަކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ޖީލާންގެ ބޭސްފަރުވާއަށްޓަކައި ވިހެއީއްސުރެ އިންޑިއާއަށް 9 ފަހަރުމަތިން އާއިލާއިން ދަތުރުކޮށްފިއެވެ. އެގޮތުން، 2021 ވަނަ އަހަރު ތަލީގެ ސާޖަރީ ކުރުމަށްފަހު ޖީލާންއަށް ކޮންމެވެސް ވަރަކަށް މަޑު ކާއެއްޗެހި ކެވޭ ކަމަށް ޖީލާންގެ ބައްޕަ ހަސަން ޒަރީރު ބުނެއެވެ. 2019 ވަނަ އަހަރުން ފެށިގެން ޖީލާނަށް ކާއެއްޗެހި ކާންދެނީ މިކީ ބަޓަންގެ އެހީގައެވެ.

މިހާރު ޖީލާންގެ އެއާވޭ ބްލޮކްވުމުގެ ސަބަބުން ނިދާ ގަޑީގައި ގުގުރި ދެމޭތީ ނިދަން އުނދަގޫވާކަން ފާހަގަވެފަވެއެވެ. މި ސާޖަރީ ކުރާއިރުގައި ޖީލާންގެ އެޑަނޮއިޑްސް ބޮޑުވަމުންދާތީ އެވެސް ނަގަން ޖެހޭ ކަމަށް ޑޮކްޓަރުންވަނީ ލަފާދެއްވާފައެވެ. މި އަހަރުގެ ސެޕްޓެމްބަރ މަހުވެސް ދަތްދޮޅީގެ ސާޖަރީއެއް (ބައިލެޓްރަލް މެންޑިބިއުލާ ޑިސްޓްރެކްޝަން ސާޖަރީ) ވީހާވެސް އަވަހަށް ކުރުމަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ފަރުވާދެއްވާ ޑޮކްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ. މި ސާޖަރީއަށްފަހު ޖީލާންއަށް ހަރު ކާއެއްޗެހި ކެއުމަށް މަގުފަހިވެގެންދާނެކަމަށް ޑޮކްޓަރުން ބުނެފަވެއެވެ.

އެ އާއިލާއިން ބުނިގޮތުގައި 17 ސެޕްޓެމްބަރުން ފެށިގެން ހޮސްޕިޓަލަށް ދައްކަމުންދިޔަނަމަވެސް ސާޖަރީއަށް ބޭނުންވާ ސާމާނު ނުލިބޭތީ ބޭސްފަރުވާ ކުރެވެމުންދަނީ ވަރަށް ލަސް ސްޕީޑެއްގައެވެ. އާސަންދައިން އޮޕަރޭޝަންގެ ހުރިހާ ޚަރަދެއް ކަވަރ ކުރިނަމަވެސް މާލީ ޙާލަތު ތަންނުދޭތީ، ޖީލާންއާއި އޭނާގެ މަންމައަށް އިންޑިއާގައި ކެއިންބުއިމާއި ހުރުމުގެ ޚަރަދުތައް އުފުލަންވަނީ ދަތިކަމަށްވެފައެވެ. ސާޖަރީއަށްފަހު 5 މަސް ދުވަހަށް އިންޑިއާގައި މަޑުކުރަން ޖެހޭއިރު މިހާ ދުވަހު އިންޑިއާގައި އުފުލަންޖެހޭ ޚަރަދުތައް ބޮޑުވަމުންދާނެއެވެ.

" ސާޖަރީއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވީނަމަވެސް މިވަގުތުވެސް ދަރިފުޅާއި ދަރިފުޅުގެ މަންމަ ވީ އިންޑިއާގައި. ލަސްތަކެއްވާތީ އެހޭދަވާ މުއްދަތުގައި ޑޮކްޓަރަށް ދެއްކުމާއި ދަތުރުފަތުރު އަދި ޖީލާންގެ މަންމަ މި ހުންނަން ޖެހެނީ ނޯ ޕޭ ލީވްގައި. އަޅުގަނޑުވެސް ސާޖަރީ ކުރަން ވާއިރަށް އިންޑިއާއަށް ދިއުމަށްޓަކައި އަލުން ނޯ ޕޭ ލީވް ނަގަން ޖެހޭ. އެހެންވީމާ، ޚަރަދުތަކަށް ބޭނުންވާ ފައިސާ ލިބޭނެ އެއްވެސް ގޮތެއް ނެތް. އާއިލާ އަދި ޖީލާންގެ ޚަރަދުތައް ބަލަހައްޓަން ދަތިވޭ. އަދި ސާޖަރީ ކުރެވޭނެ ދުވަހެއްވެސް ނޭނގޭ. އެހެންވީމާ، އިންޑިއާގެ 4-5 މަސް ހޭދަވާނެ ކަމަށް ލަފާ ކުރެވޭއިރު، ޚަރަދުތައް ވަރަށް ބޮޑުވާނެ" ޖީލާންގެ ބައްޕަ ޙަސަން ޒަރީރު ކިޔައިދިނެވެ.

ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި ޖީލާންގެ އުމުރުން 14 އަހަރު ފުރުމުން އޭނާގެ ކަންފަތުގެ އޮޕަރޭޝަނެއް ކުރަން ޖެހެއެވެ. އަދި އެ އޮޕަރޭޝަން ކުރުމުގެ ކުރިން އިތުރު ސާޖަރީއެއް ކުރުމަށްވެސް ޑޮކްޓަރުންވަނީ ލަފާ ދެއްވާފައެވެ. އުމުރުން 14 އަހަރުގައި ކުރާންޖެހޭ އޮޕަރޭޝަން ކޮށްގެން ނޫނީ ޖީލާނަށް ވާހަކަނުދެއްކޭނެ ކަމަށްވެސް ޑޮކްޓަރުން ލަފާދެއްވާފަވެއެވެ. މީގެ އިތުރަށްވެސް، ލޯ ކައިރީގައި ހުންނަ ކަށިކޮޅު އަޑީގައި ހުންނާތީ ޖީލާންގެ އުމުރުން 9 އަހަރު ފުރުމުން އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފަވެއެވެ.

ޖިލާންގެ އާއިލާއިން އެދެނީ ދަރިފުޅުގެ ވޭނީ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދާދިނުމަށް ޢާންމުންގެ ފަރާތުން ދީލަތި އެހީއެއް ވެދެއްވުމެވެ. އެއީ މިވަގުތު އެއާއިލާގެ އޮތް ހަމައެކަނި އުންމީދެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވައިބަރ ނަމްބަރ 7613708 އަށް ގުޅާލައްވާށެވެ.

ޖީލާންއަށް އެހީވުމަށް ފައިސާ ފޮނުވާނީ:

ޙަސަން ޒަރީރު

MVR) 77011 39523 101)

265961 0000 773 (USD)

ރަސްއޮންލައިން އެދެނީ ޖިލާންގެ ބައްޔަށް އަވަސް ޝިފާއެއް މާތް ﷲ މިންވަރުކޮށްދެއްވުމެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން