މާ ގިނަ ތަކެއްޗަށް އެލާޖިކް ރިއެކްޝަން އުފެދުން ނުވަތަ ޖީ6ޕީޑީގެ އުނދަގޫތައް ތަހައްމަލުކުރާ މީހުން މަދެއް ނޫނެވެ. އެހެން ނަމަވެސް، އެމެރިކާގެ ކެންޓް ސްޓޭޓަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ބެތް ސެންގަރީޑްސް ވަނީ ސިއްހީ މާހިރުން ސިއްސުވާލާފައެވެ. ބެތަށް ދިމާވެފައިވާ އާދަޔާ ޚިލާފު ބަލި ދިރާސާ ކުރުމަށް އޭނާއަށް ފަރުވާކުރަމުންދިޔަ ޑޮކްޓަރުން ވަނީ ނުކުޅެދިފައެވެ.

މީހެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖެހޭނެ އިރެއް ބުނެދޭކަށް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ޒުވާން އުމުރުފުރާގައި ވަޒީފާ ދޫކޮށް ލޯބިވެރިޔާގެ މަދަދުގައި ދިރިއުޅެން ޖެހިފައިވާ ބެތުގެ ހަޔާތަކީ ވޭންހުރި ދިރިއުޅުމެކެވެ. އޭނާގެ ހަޔާތުގެ ގިނަ ވަގުތު ފާއިތުވަނީ ހޮސްޕިޓަލް އެނދެއްގައެވެ. އޭނާގެ ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ދިޔައީ އެލާޖީއެއްގެ ސަބަބުން އެކަންޏެއް ނޫނެވެ.



މޭކަޕް ކުރުމަށް ލޯބިކުރާ މި ޒުވާނާއަށް ފުރާވަރުގައި އެކަންތައް ދޫކުރަން މަޖުބޫރުވިއެވެ. މޫނުގައި މޭކްއަޕްގެ ބާވަތެއް ބޭނުންކޮށްފިއްޔާ އޭނާ މުޅި ދުވަސް ހޭދަކުރަންޖެހުނީ ސްކޫލުގައި ކުދިންގެ މަލާމާތާއި އެއްކޮށެވެ. އޭރުގައި "ޕިއްޒާ ފޭސް"ގެ ނަމުން ވަނަމެއް ދެވުނު ބެތް މިހާރު ވަނީ ޑޮކްޓަރުންގެ ލަފަޔާއިއެއްކޮށް އެހެން މީހުންނެކޭ އެއްގޮތަށް މޭކަޕް ކުރަންވެސް ފަށާފައެވެ. މޭކަޕް އިން މަހުރޫމްވުމަށް ޙައްލެއް ލިބުނު ނަމަވެސް، ބެތްގެ ޖަޒުބާތުތައް މޫނުމަތިން ދައްކައިފިއްޔާ އެކަމުންވެސް ނޭދެވޭ އަސަރުތައް އަންނަން ފެށިއެވެ. ބެތް ބުނީ އޭނާ ކިރިޔާވެސް ރޯލިޔަސް ނުވަތަ ހީލިޔަސް، އޭނާގެ މުޅި ހަންގަނޑު ރަތްވެ، ބިހިނަގާ ހިސާބަށް ދާ ކަމަށެވެ. އެއާއެކު، ހަންގަނޑުގައި ފާރުލާ ކަމަށްވެސް ބެތް ބުންޏެވެ.

"އަހަރެންނަށް ރޮވުނަސް، ނުވަތަ ހެވުނަސް މުޅި މީހާ މޫނަށް އެސިޑް ޖަހާފައި ހުރިހެން ހީވަނީ. އެންމެ ފުރަތަމަަ އަހަރެން ހީކުރީ ކާއެއްޗެއްސަށް އެކަނި ކަމަށް އެލާޖިކް ވަނީ. ކާންވެސް ޖެހެނީ ވަރަށް ބަލައިގެން. މިވެނި ކާއެއްޗެއްގެ ވަސް ޖެހުނަސް، ނޭވާލާން އުނދަގޫވެފައި މޫނަށް ގޮތްގޮތްވޭ" ބެތް ބުނެފަވެއެވެ.

ބެތް ބުނީ އާއިލާއާއި ގާތް މީހުން އޭނާގެ އެ ޙާލަތަށް "އަމިއްލަ ނަފްސަށް އެލާޖިކް" މީހެއްގެ ގޮތުގައި ނިސްބަތްކޮށް އުޅޭ ކަމަށެވެ. އެހެން ނަމަވެސް، ފުރާވަރު ފަހަނައަޅަމުންދަނިކޮށް ބެތްއަށް އިތުރު ކަމަކާއިވެސް ކުރިމަތިލާންޖެހުނެވެ. މިހާރު އޭނާ ވަނީ ޕޮސްޓަރަަލް އޯތޮސްޓެޓިކް ޓެކައިކާރޑިއާ ސިންޑްރޯމް (ޕޮޓްސް) ބަލީގެ ޝިކާރައަކަށްވެފައެވެ. މިއީ ޢާންމުކޮށް މާބަނޑުވުން، ސާޖަރީ ނުވަތަ ޓްރޯމާއެއްގެ ސަބަބުން ވަރަށް މަދު ޙާލަތެއްގައި ކުރިމަތިވާ ބަލިއެކެވެ. މި ބަލި ޖެހޭ މީހުންނަށް އެންގްޒައިޓީ، ނޭވާ ކުރުވުން، ބޮލުގައި ރިއްސުން ކަހަލަ އެކި އުނދަގޫތައް މެދުވެރިވާނެއެވެ. ބެތް މި ބަލީގައި ދިރިއުޅޭތާ ތިން އަހަރު ފާއިތުވެއްޖެއެވެ.

"މި ބަލި ނުޖެހުނުނަމަ، އަހަރެންގެ ދިރިއުޅުން ކިހާ ތަފާތުވާނެބާއޭ ހިތަށް އަރާ" އެހެން މީހުން ގޮތަށް ޚިޔާލެއް ފިކުރެއްނެތި ދިރިއުޅެން ބޭނުންވާކަމަށް ބެތް ބުނެފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން