އަހުމަދު މަސްނޫމް   10 ޑިސެމްބަރު 2023 - 3:51
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސަރަހައްދީ ޤައުމުތަކުން ބައިވެރިވާ ކޮލަމްބޯ ކޮންކްލޭވްގައި ރާއްޖެއިން ބައިވެރިނުވުމުން ގިނަ ބަޔަކު ސުވާލު އުފައްދައިފިއެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ބާއްވާ ކޮލަމްބޯ ކޮންކްލޭވް ކުރިއަށްދަނީ މޮރިޝަސްގައެވެ. މި ބައްދަވުމުގައި އިންޑިއާ، ލަންކާ، މޮރިޝަސްގެ ސެކިއުރިޓީ އެޑްވައިޒަރުންނާއި ސަރަހައްދީ އެހެން ޤައުމުތަކުގެ އެހެން ޑިފެންސް ދާއިރާގެ އިސް ބޭފުޅުން ބައިވެރިވިއެވެ.

ޗައިނާގެ ނުފޫޒު މި ސަރަހައްދުގައި ކުޑަކުރުމަށް އިންޑިއާއިން އިސް ނަގައިގެން 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ބައްދަލުވުންތަކުގައި މިހާތަނަށް ރާއްޖެއިންވެސް އައީ ބައިވެރިވަމުންނެވެ. ނަމަވެސް މިފަހަރުގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިނުވުމުން ވަނީ ސުވާލު އުފެދިފައެެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުން ރާއްޖެއިން ބައްދަލުވުމުގައި ބައިވެރިނުވުމުން ދޭހަކޮށްދެނީ ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އަންނަމުންދާ ބަދަލުތައްކަމަށެވެ. އެގޮތުން އިންޑިއާއާ ދުރަށް ގޮސް، ޗައިނާއާއި ތުރުކީފަދަ ޤައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރަމުންދާކަން ބައެއް ނޫސްތަކުން ފާހަގަކުރެއެވެ.

އިންޑިއާއިން އިސްނަގައިގެން ބާއްވާ މިބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެފައިނުވާއިރު، ހަމަ އެދުވަހު ޗައިނާގައި އޮތް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ބައްދަލުވުމުގައި ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިކަން އިންޑިއާގެ މީޑިއާތަކުން ދަނީ ވަރަށް ބޮޑަށް ފާހަގަކުރަމުންކަމަށް ހަބަރުތައް ބުނެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމާއެކު އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ވާނެ ގޮތެއް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ނަމަވެސް ސަރުކާރުން ބުނަނީ އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން