މި ސަރުކާރުން ވަކި ޝަރުތުތަކެއް ފުއްދުމަށް ޝަރުތުކޮށް ފުށިދިއްގަރު ފަޅު މަޝްރޫއަށް އެއްބާރުލުން ދެއްވާނެ ކަމުގައި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ފުށިދިއްގަރު ފަޅު މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުން އުނިކުރުމާއި ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް ދެއްކެވި ވާހަކައަށް ރިއާޔަތްކުރައްވާ އިކްރާމް ވިދާޅުވީ މި ސަރުކާރުން ދެ ކަމެއް ފުރިހަމަކުރާ މަތިން އޭނާގެ ފަރާތުން ފުށިދިއްގަރުފަޅު މަޝްރޫއަށް ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދީފައިވާ ގޯތިތަކަށް އަސާސީ ހިދްމަތްތަކާއި އެކު އާބާދު ވެވޭނޭގޮތް ހަމަޖައްސައިދިނުމުގެ އިތުރަށް ބްރިޖުން ގުޅާލަދިނުމަށްފަހު ފުށިދިއްގަރުފަޅު މަޝްރޫއާއިގެން ކުރިއަށް ދިއުމުން އެ މަޝްރޫއަށް ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.



އިކްރާމް މިގޮތަށް ވިދާޅުވީ މަޖިލީހުގައި މެޖޯރިޓީ އޮންނަ އެމްޑީޕީން އަންނަ އަހަރަށް ކަނޑަައަޅާފައިވާ ބަޖެޓުން ފުށިދިއްގަރުފަޅު މަޝްރޫޢު އުނިކުރުމަކީ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ޖެހުން ކަމަށް ހަމްދާން ވިދާޅުވެފައިވަނިކޮށެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގަން ރާވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ.

1200 ހެކްޓަރުގެ އެ ތަނަކީ ހުޅުމާލޭގެ ދެ ފޭސް އެއްކޮލުމުން އޮންނަ ޖާގައަށްވުރެ 3 ގުނަ ބޮޑު ސަރަހައްދެއްކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިއަހަރު އެ މަސައްކަތް ފެށުމަށް ބަޖެޓްގައިވެސް ހިމަނާފައިވެއެވެ. އެގޮތުން، މިއަހަރުގެ ބަޖެޓުގައި ފުށިދިއްގަރުފަޅު މަޝްރޫއުއަށް ބިން ހިއްކުމަށް 400 މިލިއަން ރުފިޔާ ކުރިން ހިމަނާފައި ވެއެވެ.

ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބަޖެޓް ދިރާސާކުރާ ކޮމެޓީން މިހާރު ވަނީ އެ މަޝްރޫއު ބަޖެޓުން އުނިކޮށްފައެވެ. އަދި އެ މަޝްރޫއަށް ހަމަޖައްސާފައި އޮތް ފައިސާ ވަނީ އެހެން މަޝްރޫއުތަކަށް ބަހާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ހުސޭނުބެ

11-Dec-2023

އެއީ ރައީސް ބަޖެޓުން ހަރަދުނުކޮށް ކުރައްވަން ވައުދުވި ޕްރޮޖެކްޓެކެވެ. އެހެން ނޫނަސް މާލޭ މީހުންނަށް ބޯ ހިތާވަހިކަން ދޭން ވާދޫ ކަނޑުގެ އަނެއްފަޅީގައި ފަޅެއް ހިއްކުމަކީ ބޮޑު އިސްރާފެކެވެ. ބްރިޖެއް އެޅެންނެތް ހިސާބެއްގައި ތަނެއް ހިއްކުމަށްވުރެން މިއަތޮޅު ކާށިދޫން ގޯތި ދިނަސްވާނީ އެއްގޮތެވެ.



ޓްރެންޑިން