ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުދޫ ތަރައްޤީ ކުރުމަށް ރަށުކުލުނާއެކު އެދާއިރާއަށް ވާދަކުރަށްވާނެކަން ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް އިޢުލާނު ކުރަށްވައިފިއެވެ.

އިންތިޚާބުގައި ވާދަކުރަށްވާނެކަން މީސްމީޑީއާގައި ހާމަކުރަށްވަމުން މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މިމަހު 23 ގައި އޮންނަ، ޕީއެންސީ ކޯލިޝަނުގެ ޕްރައިމަރީގައި ސ.ހުޅުދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަން ނިންމަވާފައިވާކަމަށެވެ.

އެހެންކަމުން ޝަރީފް ވަނީ ޕިޕިއެމް، ޕީއެންސީ، އެމްއެންޕި، އަދި އެމްޑިއޭގެ މެންބަރުންގެ ތާޢީދަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި މިފަހަރު ބަދަލަކަށް ޝަރީފަށް ފުރުސަތެއް ދެއްވުމަށާއި ސަރުކާރާ ގުޅިގެން ހުޅުދޫގެ ތަރައްޤީއަށް މަސައްކަތް ކުރަށްވާނެ ކަމުގެ ޔަޤީންކަން ޝަރީފް ވަނީ ދެއްވާފައެވެ.

“މިސަރުކާރުގެ ތެރެއިން އަޅުގަނޑަށް ނުކުރެވޭނެ ވަކި ކަމެއް އަޅުގަނޑާ ވާދަކުރާ އެހެން ކެނޑިޑޭޓަކަށް ވެސް ނުކުރެވޭނެ، ހުޅުދޫ ތަރައްގި ކުރެވޭނީ ޒަމާނި ފިކުރަށް އަދި ތައުލިމީ ގާބިލު އަލަށް ކުރިމަތިލާ ހުޅުދޫގެ ދަރިންނަށް ފުރުސަތުދީގެން.” ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފަކީ އައްޑޫގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ފަރާތެކެވެ. އެގޮތުން އެ މަސައްކަތްތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށްޓަކައި ހުޅުދޫ ގެ މަޖިލީހުގެ ގޮނޑިއަކީ ސިޔާސީ ލީޑަރަކަށް ތަބާވާ އަޅަކު ހޫނުކުރާ ގޮނޑިއަކަށް މިފަހަރު ހަދައިގެން ނުވާނެ ކަމަށާއި ހުޅުދޫގެ ގޮނޑި ހުޅުދޫގެ ރައްޔިތުންގެ ބާރުހިނގާ ގޮނޑިއަކަށް މިފަހަރު ހަދަންވާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފްގެ އިތުރުން އެދާއިރާއަށް ކުރީގެ މެންބަރު މުޙައްމަދު ޝާހިދުވެސް ވާދަކުރައްވާނެކަން މިހާރު ވަނީ އިއުލާން ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން