ބިންޓީ ޖުއާ އެކުއްޖާ ވެއްޓުނު މަންޒަރު ފެނުމުން އުނގުތެރެއަށް ކުއްޖާލައި އުރާލި
ބިންޓީ ޖުއާ އެކުއްޖާ ވެއްޓުނު މަންޒަރު ފެނުމުން އުނގުތެރެއަށް ކުއްޖާލައި އުރާލި
1996 ވަނަ އަހަރު، އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ މަންމަގެ ގާތުން ދުރަށް ޖެހި، ބެރުގަނޑެއްގެ މައްޗަށް އަރައި އުޅުމުގެ ތެރޭގައި، ތިރީގައިއޮތް ގޮރިލާ އެންކްލޯޝަރއެއްގެ ތެރެއަށް ވެއްޓުނެވެ.

20 ފޫޓު މަތިން ވެއްޓުނު މިކުއްޖާގެ އަތް ބިންދައިގެން ދިޔުމުގެ އިތުރުން، މޫނުގެ އެއްފަރާތް ވަރަށް ބޮޑަށް ފަޅައިގެންގޮސް އެތައް ލެޔެއް ފޭބިއެވެ.

އިލިނޮއީގެ ބްރުކްފީލްޑް ޒޫގެ މި އެންކްލޯޝަރގައި ހަތް ގޮރިލާ ދިރިއުޅެމުން ގެންދިޔައެވެ. އަދި ގޮރިލާއަކީ އޭތި ދިރިއުޅޭ ތަންތަނާއިމެދު ވަރަށް ރައްކާތެރިވާ ޖަނަވާރެކެވެ. އަމިއްލަ އާއިލާގެ ދިފާއުގައި ގޮރިލާ މަރުވާންދެންވެސް ހަނގުރާމަކޮށްފާނެއެވެ.

އެހެންނަމަވެސް، ބިންޓީ ޖުއާ ނަމަކަށް ކިޔާ ގޮރިލާއަކަށް އެކުއްޖާ ވެއްޓުނު މަންޒަރު ފެނުމުން އެކުއްޖާގެ ގާތަށް ގޮސް އުނގުތެރެއަށް ލައި އުރާލިއެވެ. އަދި އެއިރު އޭނާގެ ދަރިފުޅުވެސް އޭނާގެ ބުރަކަށި މައްޗަށް އަރައި އުޅޭ މަންޒަރު ވީޑިއޯ ފުޓޭޖުން ފެނެއެވެ. ދެން، އެންކްލޯޝަރގެ އެއްފަރާތަށް ގޮސް ޒޫ ބަލަހައްޓާ މީހަކު އަންނަންދެން އެކުޑަކުއްޖާގާތުގައި ބިންޓީ މަޑުކުރިއެވެ. އަދި ޒޫބަލަހައްޓާ މީހަކު އައުމުން އޭނާއާއި ކުއްޖާ ހަވާލުކުރުމަށްފަހު އެހެން ގޮރިލާތަކުގެ ގާތަށް ބިންޓީ އެނބުރި ދިޔައެވެ.

ބިންޓީގެ މިއަމަލުގެ ސަބަބުން މުޅި ދުނިޔެއަށް އޭނާ މަޝްހޫރުވެގެން ދިޔައެވެ.

މި ހާދިސާގައި އަނިޔާވި ކުޑަކުއްޖާއާއި އޭނާގެ މަންމަ އަކީ ކާކުކަން ދެނެގަނެވިފައި ނުވިނަމަވެސް، ފަރުވާ ހޯދުމަށްޓަކައި އެކުއްޖާ 4 ދުވަސް ހޮސްޕިޓަލުގައި ހޭދަކޮށްފައިވާކަމަށް ޚަބަރުތަކުން ބުނެއެވެ.

ބިންޓީއަކީ ވެސްޓަން ލޯލޭންޑް ގޮރިލާއެކެވެ. މިވައްތަރުގެ ގޮރިލާތަކަކީ މަޑުމައިތިރި ރަކި މިޒާޖެއްގެ ޖަނަވާރެކެވެ. 17 މާރިޗު 1988 ގައި އުފަންވި ބިންޓީއަކީ އެޒުލުގައި އިންސާނުންގެ އަތްމަތީގައި ބޮޑުވި ގޮރިލާއެއްކަމަށްވާއިރު، އޭނާގެ މަންމަ ވަނީ ވިހެއުމަށްފަހު އޭނާ ދޫކޮށްލާފައެވެ. އިންސާނުންގެ ކުޑަކުއްޖަކާއި މެދުގައި އޭނާ އަމަލުކުރީ އޭނާ ހެދިބޮޑުވި ގޮތާއި އޭނާގެވަށައިގެންވާ މާހައުލުން އިންސާނުން ދައްކަމުން އައި ހަމްދަރުދީއާއި ލޯތްބާއި އަޅާލުމުގެ ނަތީޖާކަމަށް ގިނަބަޔަކު ގެންދިޔައީ ބުންމުންނެވެ.

އެހެންނަމަވެސް، ބިންޓީގެ ފަރާތުން ފެނުނު ރަހުމުގެ މިއަމަލަކީ ގޮރިލާފަދަ ޖަނަވާރުންގެ ފަރާތުން އާންމުކޮށް ފެންނަ މަންޒަރެކެވެ. އެތައް ފަހަރެއްގެ މަތީން ގޮރިލާތަކުގެ ފަރާތުން އިންސާނުންނާއި ދޭތެރޭގައި ކަމޭހިތުމުގެ އަމަލުތައް ފެނިފައިވެއެވެ. އެގޮތުން، ޖާރޒީ ޒޫގައި ހުރި ޖެމްބޯ ނަމަކަށް ކިޔާ ފިރިހެން ގޮރިލާއެއް ވަނީ އޭނާ ދިރިއުޅޭ އެންކްލޯޝަރ ތެރެއަށް ވެއްޓުނު އުމުރުން 5 އަހަރުގެ ކުއްޖަކުވެސް މިގޮތަށް ހިމާޔަތްކޮށް ސަލާމަތްކޮށްދީފައެވެ.

މިފަދަ ހާދިސާތަކުން، ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ފެނިގެންދާ ވިސްނުންތެރިކަމާއި ހަރުދަނާކަމާއި އަދި އިންސާނިއްޔަތުކަން ނުވަތަ ހުލްޤުހެޔޮކަމަކީ އަޅުގަނޑުމެން އިންސާނުން މިކަމާމެދު ނުހަނު ސުވާލު އުފެދިގެންދާ ކަމެކެވެ.

އެގޮތުން، ބިންޓީގެ ހާދިސާގެ ސަބަބުން އެއީ އޭނާ ބޮޑުކުރި ގޮތުގެ ސަބަބުން އޭނާގެ ފަރާތުން ފެނުނު މަންޒަރެއްތޯ ނުވަތަ އޭނާ އުފެދުމުގައިވެސް ހުރި ކަމެއްގެ ސަބަބުން ފެނުނު މަންޒަރެއްތޯ ބަހުސްވެސް ކުރެވިފައިވާއިރު މިއަދާއި ހަމައަށްވެސް ދިރާސާވެރީން އަންނަނީ މިހާދިސާ ދިރާސާކުރަމުންނެވެ.

އިންސާނުންފަދައިން ގޮރިލާއަކީވެސް ވަރަށް ވަރުގަދަ އާއިލީ ގުޅުންތަކެއް ބިނާކުރާ ޖަނަވާރެކެވެ. އެގޮތުން، މި ހާދިސާއިން ގޮރިލާގެ ކިބައިން ފެންނަ މައިވަންތަކަމުގެ ކުލުނުގެ ބާރުގަދަކަމާއި، ކުދީން ރައްކާތެރިކުރުމުގެ އިހްސާސްތައް ވަނީ ފާހަގަވެގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން