ނަޒާޙަތްތެރިކަމެއް ނެތް މީހުން މަޤާމުތަކަށް ކުރިމަތިލުމަކީ ކަންބޮޑުވުމެއް ކަމަށް މިހާރު ޢަމަލުކުރަންދާ ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިއަދު ވިދާޅުވީ، ރާއްޖޭގެ ޙާލަތު މިހާރު އޮތީ، ހިތާމަކުރަންޖެހޭފަދަ ޙާލަތެއްގައި ކަމަށެވެ. އެގޮތުން ބޮޑެތި ކުށްކުށުގެ ތުހުމަތުގައި ދަޢުވާ އުފުލިފައިވާ މީހުނާއި، ޙުކުމް ކުރެވިފައިވާ މީހުން، އެއްވެސް ޖެހިލުމެއްނެތި ބޮޑެތި މަޤާމްތަކަށް އިންތިޚާބުތަކުގައި ކުރިމަތިލަމުން ގެންދާކަމަށް އިބްރާ ވިދާޅުވިއެވެ.

ހަމައެއާއެކު އެފަަދަ ތުހުމަތުތައް ކުރެވޭ މީހުން ރައްޔިތުންގެ ކުރިމައްޗަށް ނުކުތުމުން އެމީހުންގެ ފަހަތުގައި ރައްޔިތުންވެސް އުޅޭކަމަށާއި ވޯޓްވެސް ދޭކަން އިބްރާ ފާހަގަކުރެއްވިއެވެ.

"މިދަރަޖައަށް މުޖުތަމަޢެއް ވެއްޓުނީމައި މި ދައުލަތުގައި ދެން އޮންނާނީ ކޮން ނަޒާޙަތްތެރި ކަމެއް؟" އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ، ހެޔޮގޮތުގައި ދައުލަތެއް ހިންގައި، ޤައުމަށް ހިމޭންކަން ގެނެވޭނީ ދައުލަތުގެ ތިން ބާރުގެ މަޤާމްތަކުގައި ތިބޭ މީހުނަކީ ރައްޔިތުންގެ އިތުބާރާއި، އިޙްތިރާމް ލިބިފައިވާ، ރައްޔިތުންނަށް ރަނގަޅަށް އެނގޭ، ސިޔާސީ ބުރަދަންހުރި މީހުނަށް ވެގެން ކަމަށެވެ.

"ތިމާ ވޯޓްލައިގެން ހޮވާ މީހާއަށް ބަރޯސާވެގެން ދިރިއުޅެންޖެހޭ މީހުން ގިނަވެއްޖެނަމަ، ހަމަޔާ އުޞޫލު ހިފަހައްޓާ ޢަދުލުވެރިން މަޤާމްތަކަށް އިންތިޚާބުވުން ދުރުވާނެ." އިބްރާ ވިދާޅުވިއެވެ.

އިބްރާ މިމޭރުމުން ވިދާޅުވެފައިވާއިރު، އެމްޑީޕީ އުފެއްދި މަޤްސަދާއި އެޕާޓީގެ އަސްލު ސިފަތައް މިހާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ މިދިޔަ އޯގަސްޓްމަހުގެ 12 ވަނަ ދުވަހު އޭނާ ވަނީ އެޕާޓީން ވަކިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން