---ފޮޓޯ: ރީސަރޗިފައި
---ފޮޓޯ: ރީސަރޗިފައި
ޔުރިނަރީ ޓްރެކްޓް އިންފެކްޝަން ނުވަތަ އާންމުކޮށް މީހުން ދަންނަ ގޮތުންނަމަ ޔޫޓީއައި އަކީ ހަށިގަނޑުގެ ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަނެކެވެ. ކިޑްނީއާއި، ކުޑަކަމުދާ ތަކެތި ރައްކާކުރާ ބްލެޑާއާއި، ކުޑަކަމުދާތަކެތި ނުކުންނަ ހޮޅި ހިމެނޭގޮތަށް ކުޑަކަމުދާ ނިޒާމުގެ ކޮންމެ ގުނަވަނަކަށް ޖެހޭ އިންފެކްޝަންވެސް ހިމެނޭނީ ޔޫޓީއައިގެ ތެރޭގައެވެ.

އާންމުގޮތެއްގައި ޔޫޓީއައި ޖެހެނީ ބެކްޓީރިއާގެ ސަބަބުން ކަމަށްވުމުން، އެންޓިބައޮޓިކްސް ނެގުމުން ރަނގަޅުވާނެއެވެ. އެހެންނަމަވެސް، އެންޓިބައޮޓިކް އަކީ ހަށިގަނޑުގެ ގުދުރަތީ ބަޔޯމީ މުގުރާލައި، ހަޖަމުކުރާ ނިޒާމުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ޒާތުގެ ބޭސްތަކެކެވެ. ވީމާ، ގިނަގިނައިން ޔޫޓީއައި ޖެހޭމީހެއްނަމަ، އެންޓިބައޮޓިކްސްގެ ސަބަބުން ނުކުމެދާނެ ނުރައްކަލަކަށް ރައްކާތެރިވުމަށްޓަކައި ގުދުރަތީ ފަރުވާތަކުގެ އަޖުމަ ބަލާލުން ވަރަށްވެސް މުހިއްމެވެ.

ޔޫޓީއައި އަށް އޮތް ގުދުރަތީ ފަރުވާތަކުގެ ތެރޭގައި ހިމެނޭ ފަތްޕިލާވެލީގެ ބައެއް ބާވަތްތަކަކީ ގަވާއިދުން ބޭނުންކުރާނަމަ ޔޫޓީއައި ޖެހުމުން ދުރުވެސް ކޮށްދޭ ބާވަތްތަކެވެ. ވީމާ، އާންމުކޯށް ޔޫޓީއައިގެ އުނދަގޫވާ މީހުން އާންމު ދިރިއުޅުމުގައި އެފަދަ ހާބްތައް ބޭނުންކުރުމަކީ އެންމެ އެދެވޭކަމެކެވެ.

ޔޫޓީއައި ޖެހިގެން އުޅޭއިރު އާންމުކޮށް ބޮއެ އުޅޭވަރަށްވުރެ ގިނައިން ފެންބޯންޖެހެއެވެ. ބްލެޑާ ހުސްކުރެވޭނީ އޭރުންނެވެ. ކުޑަކަމުދާ ނިޒާމު ސާފުވާނީ ދިޔާއެއްޗެހި ބުއިވަރަކަށެވެ. އަދި ފަތްޕިލާވެލީގެ ފަތުން ސައި ތައްޔާރުކޮށްގެން ބޭނުންކުރުމުން ހަށިގަނޑަށް ފެން ލިބުމުގެ އިތުރުން، އެ ހާބްތައް ބޭނުންކުރުމުން ހަށިގަނޑަށް ފައިދާހުރި ތަފާތު އިތުރު މާއްދާތައްވެސް ލިބޭނެއެވެ.

1. ޔޫވާ ޔުރްސާއީ

އާންމުކޮށް ދަންނަ ނަމުންނަމަ، ބެއަބެރީއަކީ ކޮންމެވެސް މިންވަރެއްގެ ޑައިޔުރެޓިކްއެކެވެ. ޑައިޔުރެޓިކްތަކަކީ ހަށިގަނޑުން ފެނާއި ލޮނު ފަދަ ދިޔާ ތަކެތި ބޭރުކޮށްލައި، ހަށިގަނޑު ސާފުކޮށްލުމަށްޓަކައި ބޭނުންކުރާ ބޭސްތަކަށް ކިޔައި އުޅޭނަމެކެވެ.

އޭގެއިތުރުން، ޔޫވާ ޔުރްސާއީ އަކީ އޭގައި އެންޓިމައިކްރޯބިއަލް ސިފަތަކެއް ހުންނަ އެއްޗަކަށްވާއިރު، އޭގައި އެކުލެވޭ އާބިއުޓިން އަކީ ގުދުރަތީ އެންޓިސެޕްޓިކްއެކެވެ. އަދި ތަދުކެނޑުވުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ.

2. ޕާސްލީ

ޕާސްލީއަކީވެސް ގުދުރަތީގޮތުން ޑައިޔުރެޓިކް ސިފަތަކެއް އެކުލެވޭ އެއްޗަކަށް ވުމާއެކު، ޔޫޓީއައިއަށް ބޭނުންކުރެވިދާނެ އާބަލް ފަރުވާއެކެވެ. މިގޮތުން، ޕާސްލީގައި ހުންނަ އެނޓިބެކްޓީރިއަލް މާއްދާއިން ހަށިގަނޑުގައި ހުންނަ ވިހަ ބެކްޓީރިއާތައް ނައްތާލުމަށް އެހީތެރިވެދެއެވެ. އަދި ޕާސްލީއަކީ ޔޫޓީއައިއިން ރަނގަޅުވުމަށް އެހީތެރިވެދޭ އެއްޗެއްކަން ދިރާސާތަކުން ވަނީ ދައްކާފައެވެ.

3. ޖުނިޕާ ބެރީސް

ޖުނިޕާ ބެރީސް އަކީ ޔޫޓީއައި އަށް ގުދުރަތީ ފަރުވާއެކެވެ. މި ލިސްޓުގައި ހިމެނޭ އެހެން ފަތްޕިލާވެލިތައް ފަދައިން، ޖުނިޕާ ބެރީސްއަކީވެސް ގުދުރަތީގޮތުން ޑައިޔުރެޓިކް ސިފަތަކެއް އެކުލެވޭ އެއްޗެއްކަމުން، ހަށިގަނޑުގައި ހުންނަ ބެކްޓީރިއާ ދުއްވާލުމަށް ނުވަތަ ފްލަޝްކޮށްލުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.

މީގެއިތުރުން، ޖުނިޕާ ބެރީސް އަކީ އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް ސިފަތަކެއް ހުންނަ އެއްޗެކެވެ. އަދި ކުޑަކަމުދާ ހޮޅިއާއި ކިޑްނީގެ ބަލިތަކަށް ފަރުވާކުރުމަށްޓަކައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ގުދުރަތީ ފަރުވާއެކެވެ.

4. ގޯލްޑެންސީލް

ގޯލްޑެންސީލްއަކީ، އެއްފަހަރު ޔޫޓީއައި ޖެހުމަށްފަހު ދެވަނަ ފަހަރަކު ޔޫޓީއައިއެއް ޖެހުމުން ދުރުވުމަށް ގޭގައި ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ.

ފަތްޕިލާވެލީގެ މި ބާވަތުގައި އެކުލެވޭ ބަރބެރައިން ކިޔާ މާއްދާއަކީ، ކުޑަކަމުދާ ނިޒާމުގެ ހޮޅިތަކުގައި ބެކްޓީރިއާ ހަރުލުމުން ދުރުކޮށްދޭ މާއްދާއަކަށްވާއިރު، ގޯލްޑެންސީލްގައި ހުންނަ ދައިޔުރެޓިކް ސިފަތަކުގެ ސަބަބުން އިންފެކްޝަން ޖެއްސުމުގެ ކުރިން އެޖަރާސީމުތައް ހަށިގަނޑުން ބޭރުވެސް ކޮށްދެއެވެ.

5. ވިޓަމިން ސީ

ތެދެކެވެ. ވިޓަމިންސީއަކީ ހާބެއްނޫނެވެ. ނަމަވެސް، ވިޓަމިން ސީ ހިމަނައިގެން ނޫނީ ޔޫޓީއައި އަށް ކުރެވިދާނެ ގުދުރަތީ ފަރުވާތަކުގެ މިލިސްޓު ފުރިހަމައެއްވެސް ނުވާނެއެވެ.

ދިރާސާތަކުން ދައްކާފައިވާގޮތުގައި، ހަށިގަނޑުގައި ވިޓަމިން ސީ ހުންނަ މިންވަރު އިތުރުނަމަ ތަކުރާރުކޮށް ޔޫޓީއައި ޖެހުމުން ރައްކާތެރިކޮށްދެއެވެ. އަދި ކްރޭންބެރީއިން ޔޫޓީއައި އަށް ފަރުވާ ހޯދެނީ މިސަބަބަށްޓަކައިކަމަށް ގަބޫލުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން