ކުރީގެ ރައީސް ޔާމީންއާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންކާރުކުރައްވައިފި އެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން ރައީސް ޔާމީން މިހާރު ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވާފައެވެ. ރައީސް ޔާމިންގެ އެ ނިންމެވުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ތަކުރާރުކޮށް ރައީސް މުއިއްޒުއާ ސުވާލުތައް އަމާޒު ކޮށްފައެވެ.

އެހެން ނަމަވެސް އެ ސުވާލުތަކަށް ސާފު ޖަވާބެއް ދެއްވަން ރައީސް ވަނީ އިންކާރުކުރައްވާފައެވެ. އެ ސުވާލު ތަކުގެ ޖަވާބު ނުދެއްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހުންގެ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކުރީން ވެސް އަދި ފަހުން ވެސް އެކަން އޮންނާނީ އެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އިރަކު މިއަދާ ހަމައަށް އައި އިރުވެސް އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫން. ނޯންނާނެ ދައްކާފައެއް މިހާތަނަށް ވެސް،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ނޫސްވެރީން ފަހުން ވަނީ ޔާމީނާއި ގުޅޭގޮތުން ވާހަކަ ދައްކަވަން ބޭނުންފުޅު ނުވަނީތޯ ރައީސާ ސުވާލު ކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެ ޖަވާބުގައި އިޝާރާތް ކުރެއްވީ ހަމައެެކަނި ޔާމީނަށް ނޫން ކަމަށެވެ. އެއީ ހުރިހާ ބޭފުޅުންނަށް އިޝާރާތް ކުރައްވައި ވިދާޅުވި ވާހަކަފުޅެއް ކަމަށްް ރައީސް ވިދާޅުވިއެެވެ. އަދި އެއްވެސް މީހެއް ނުވަތަ ބޭފުޅެއްގެ ޒާތީ ކަންކަމުގައި ވެސް އަދި އެ ނޫން ކަމެއް ވެސް މީހަކާ ގުޅުވައިގެން ވާހަކަފުޅު ދައްކަވާ ބޭފުޅަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން