ރައްޔިތުންގެ މަޖިލީހުގެ މައިކްރޯ ފޯނަކަށް ގެއްލުންދީފައިވާތީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ މައްސަލަ މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ މަޖިލީސް ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މަޖިލިސް ތަޅުމުގައި ހުރި މައިކްރޯ ފޯނަކަށް ގެއްލުންދީފައިވާތީ މެންބަރަށް ފިޔަވަޅު އެޅުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ޖާބިރު އިއްޔެގެ ޖަލްސާގައި މައިކްރޯ ފޯނަށް ގެއްލުން ދިނުމުގެ ސަބަބުން އެ ބަދަލުކުރަން ޖެހިފައިވާ ކަމަށާއި، އޭގެ އަގު 5100 ރުފިޔާއަށް އަރާކަމަށެވެ. ހަމައެއާއެކު މަޖިލީހުގެ މުދަލާއި ތަކެއްޗަކީ ދައުލަތުގެ މުދަލާއި ތަކެތިކަމަށާއި، އެތަކެއްޗަށް ގެއްލުން ނުދިނުމަށްވެސް އަސްލަމް ވަނީ މެންބަރުންނަށް އިލްތިމާސްކުރައްވާފައެވެ.

އޭގެ އިތުރުން އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މެންބަރުން ސުލޫކީ މިންގަނޑާއި ހިލާފު ކަމެއް ކޮށްފިކަމަށް ތުހުމަތު ކުރެވިއްޖެނަމަ އެކަމެއް ބަލައި ތަހުގީގުކޮށް އިސްލާހީ ފިޔަވަޅު އެޅުމަށް މަޖިލީހުގެ ރައީސަށް ލަފާ އެރުވުން ހިމެނޭކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރު ޖާބިރުގެ ނަން އިއްވެވި ނަމަވެސް މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގެންފައިނުވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން