އައްޑޫސިޓީގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގެ މައްސަލާގައި އިތުރު ދެމީހުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އާދިއްތަ ދުވަހުގެ މާރާމާރީއާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

އާދިއްތަ ދުވަހު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ 20 އަހަރުގެ މީހެކެވެ. އޭނާއަށް ގްރޫޕަކުން ހަމަލާދިނީ ގޭގެ ސިޓިން ރޫމް ތެރޭގައި ހުއްޓައެވެ.

އައްޑޫގައި ދެ ގްރޫޕެއް ދެމެދު މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އެ މާރާމާރީގައި އެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން އޭނާގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާއިރު، އޭނާ ގައިގެ އެހެން ތަންތަނުގައި ޒަހަމްތައް ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.

ހުކުރު ދުވަހުގެ މާރާމާރީއާ ގުޅިގެން ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އައްޑޫގައި މިދުވަސްވަރު ހިންގަމުންދާ ސިލްސިލާ މާރާމާރީތަކާއި ގުޅިގެން އައްޑޫސިޓީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އައްޑޫ ސިޓީއަށް އިތުރު ޓީމްތަކެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން