---ފޮޓޯ: އެލީޓްކެއަރ އެމަޖެންސީ ހޮސްޕިޓަލް
---ފޮޓޯ: އެލީޓްކެއަރ އެމަޖެންސީ ހޮސްޕިޓަލް
ވިހެއުމަށްފަހު ކޮންމެވެސް ވަރަކަށް އެރޮބިކް ކަސްރަތުކުރާނަމަ ޕޯސްޓްޕާޓަމް ޑިޕްރެޝަނުން ދުރުކޮށްދޭކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ޖުމްލަ 2800 މީހުން ހިމެނޭ 26 ދިރާސާއެއްގެ ނަތީޖާ އަޅައިކިޔާ ޝާއިއުކުރި މެޓަ-އެނަލިސިސް ރިޕޯޓެއްގައި ބުނެފައިވަނީ އެރޮބިކް ކަސްރަތު ކުރުމުން ޕޯސްޓްޕާޓަމް ޑިޕްރެޝަނަށް ފަރުވާކުރެވޭކަމަށާއި، ޕޯސްޓްޕާޓަމް ޑިޕްރެޝަން އަށް ދިޔުމަށް ރައްކާތެރިވެސް ކޮށްދޭކަމަށެވެ.

އެގޮތުން، މާބަނޑުއިރު އަދި ވިހުމަށްފަހުގައިވެސް ހަފްތާއަކު ތިން ދުވަހު ނުވަތަ ހަތަރު ދުވަހު 35 މިނެޓު ނުވަތަ 45 މިނެޓު ވާންދެން މެދު މިނުގެ އިންޓެންސިޓީގައި ކަސްރަތުކުރުމުން ނަތީޖާ ފެންނަކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ. އެއީ އެކަނި ނުވަތަ އެހެން ބަޔަކާއި އެކުގައި ކަސްރަތު ކުރިނަމަވެސް މެއެވެ.

ތަފާތު އެކި ދިރިއުޅުމުގެ ވައްޓަފާޅިތަކަށް އެރޮބިކް ކަސްރަތު ހެޔޮވަރުކުރެވިދާނެއެވެ. މިގޮތުން، ހިނގުމާއި ޖޮގްކުރުމާއި ސްޓްރެޗްކުރުން ހިމެނޭގޮތަށް ކަސްރަތުގެ ވަގުތު ބައްޓަންކޮށްގެންނާއި، މޫދު އެރޮބިކްސް ކްލާހަކަށް ގޮސްގެންނާއި، ސްޓްރޯލާ ހިފައިގެން ހިނގައިގެން އަދި ނަށައިގެން ނަމަވެސް ކަސްރަތަށް ވަގުތު ހޯދިދާނެއެވެ.

ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި ވިހައިގެން އުޅޭ ކޮންމެ 8 އަންހެނުންގެ ތެރެއިން އެކެއްގެ ފަރާތުން ޕޯސްޓްޕާޓަމް ޑިޕްރެޝަންގެ އަލާމާތްތައް ފެނެއެވެ. އެހެންނަމަވެސް، އެމީހުންގެ ބަލި ދެނެނުގަނެވި، ފަރުވާނުކުރެވި ދޫކޮށްލެވުމަކީ ވަރަށް އާންމު ކަމެކެވެ. މިގޮތުން، މާޔޫސްވުމުގެ އަލާމާތްތައް ހުންނަ 60 އިންސައްތަ އަންހެނުންނަށް ކްލިނިކަލް ޑައިގްނޯސިސް އެއް ނުލިބޭއިރު، ޑައިގްނޯޒް ކުރެވޭ އަންހެނުންގެ ވެސް 50 އިންސައްތަ މީހުންނަ އެއްވެސް ފަރުވާއެއް ދީފައިނުވާކަން ސީޑީސީގެ ރިޕޯޓުތަކުން އެނގެއެވެ.

ވިހެއުމަށްފަހު މާޔޫސްވުމަކީ ސިއްހީ އެތައް މައްސަލައެއް އޭގެ ސަބަބުން ނުކުންނަ ކަމެކެވެ. މިގޮތުން، މި ގަލީގެ ސަބަބުން އަސަރުކުރަނީ މައިމީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އެކަންޏެއް ނޫނެވެ. ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ވީމާ، ވިހެއުމަށްފަހު އަންނަ މާޔޫސްކަމުން ސަލާމަތްވެވޭނޭ ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމުން ރައްކާތެރިވުމަށާއި ފަރުވާ ކުރުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޕޯސްޓްޕާޓަމްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ، އާއިލާއާއި ގާތްމީހުންނާއި ދުރުވުމާއި، ގިނަގިނައި ރުއިމާއި، މާބޮޑަށް ހާސްވެ ފިކުރު ބޮޑުވުމާއި، ރުޅިގަދަވުމާއި، ދަރިފުޅު ބެލުމަށް ތިމާގެ ކުޅަދާނަކަމާއި މެދު ޝައްކު އުފެދުމާއި، ކުއްޖާއަށް ނުވަތަ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލުތައް ކުރެވުމެވެ. އަދި މި އަލާމާތްކަކީ ވިހެއުމަށްފަހު އެތައް ހަފްތާއެއް ނުވަތަ އެތައް މަހެއް ވާންދެންވެސް ދެމިހުރެދާނެ އަލާމާތްތަކެކެވެ. މިއީ ވިހެއުމަށްފަހު އަންހެނުންނަށް ކުރިމަތިވާ "ބޭބީ ބްލޫސް" އަށްވުރެ ވަރުގަދަ އިޙްސާސްތަކެކެވެ.

އޭބީސީ ނިއުސްގެ ޗީފް މެޑިކަން ކޮރެސްޕޮންޑެންޓް، ޑރ. ޖެނިފަރ އޭޝްޓަން ވިދާޅުވީ، މެދުމިނަކަށް ކަސްރަތުކުރުމުން ނަފްސާނީ ދުޅަހެޔޮކަމަށް އެތައް މަންފާއެއް ކުރާއިރު، ހަށިގަނޑުގެ ހޯމޯންތަކަށާއި، ނިންޖައްވެސް ހެޔޮ ބަދަލުތަކެއް ގެނެސްދޭކަމަށެވެ. މީގެއިތުރުން، ކަސްރަތުކުރުމުން ހަށިގަނޑުގައި ދައުރުވާ އެންޑޯފިންސް އިތުރުވެ މޫޑް ރަނގަޅުވާކަމަށާއި، ފިކުރު ބޮޑުވެ މާޔޫސްކަމުގެ އިޙްސާސްތަކާއި ދުރުކޮށްދީ، ހަށިގަނޑުގައި ހޯމޯންތައް ހުންނަންވާ ލެވެލްގައި ބެހެއްޓުމަށް އެހީތެރިވެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ޑިޕްރެޝަނަށް ދިޔުމަކީ ވިހެއުމަށްފަހު ޕޯސްޓްޕާޓަމް ޑިޕްރެޝަން އަށް ދާނެކަން ކަށަވަރުކޮށްދޭ ކަމެއް ނޫނެވެ. ޕޯސްޓްޕާޓަމް ޑިޕްރެޝަން ޑައިގްނޯޒްކުރުމަށް ޓެސްޓެއްވެސް ނޯންނައިރު، ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ސިއްހީ ނުވަތަ ނަފްސާނީ ބަލީގެ މާހިރެއްގެ އެހީތެރިކަން ހޯދުމަކީ އަންހެންމީހާއާއި އޭނާގެ ބައިވެރިޔާގެ އިތުރުން އޭނާގެ އާއިލާގެވެސް ޒިންމާއެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން