ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު ސަލްޓަން ޕާކް ތެރެއިން ފެނުނު "ފައިސާތައް ހުރި ވެލިފުނި" ފަހުން ވަނީ ގެއްލިިފައި ކަމަށް ކުރީ ސަރުކާރުގެ ތަރިކައާ ބެހޭ ވަޒީރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައި ޔުމްނާ ވިދާޅުވެފައިވަނީ، 2017 ވަނަ އަހަރު ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން އެތަން ކޮންނަމުން ދަނިކޮށް ގިނަ އަހަރުތަކެއް ވެފައިވާ ފައިސާ ފޮތިތަކެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް ޖެހިގެން އައިދުވަހު އެތަނުގެ ހުރި ވެލި ފުނި ގެއްލިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ، ސަލްޓަންޕާކުގެ ލިލީ މަގަށްވާފަޅިން ރިހި ފައިސާ ތަކަކާއި، މުށި ސީނު ތަށި ތަކަކާއި، ގުޅިއެއްްގެ ބައިތަކެއް ފެނިފައިވާ ކަމަށް ހެރިޓޭޖު ޑިޕާޓުމެންޓަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން 15 ޖޫން 2017 ގައި މައުލޫމާތު ދީފައިވާ ކަމަށެވެ.

އެމަސައްކަތުގައި ޙަރަކާތްތެރިވި މީހަކާ ޙަވާލާދެއްވައި ޔުމްނާ ވިދާޅުވެފައިވަނީ، ހެރިޓޭޖުގެ ޓީމެއް އެ ސަރަހައްދަށް ގޮސް ކޮނެފައިވާ ވަޅުގަނޑުން ނަގާފައިވާ ފަސްފުނި ފުރާނާއިގެން އެދުވަހުގެ އިރު އޮއްސުމާއި ހަމަޔަށް 96 ފައިސާ ފޮތި ހޯދިފައިވާ ކަމަށާއި، އިތުރު ފައިސާ ފޮތިތަކެއް ފެނިދާނެ ކަމަށް ބަލާ ޖެހިގެން އައި ދުވަހު އެސަރަހައްދަށް ދިޔައިރު އެ ފަސް ފުނި ގެއްލިފައިވާ ކަމަށް ޔުމްނާ ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން 18 އޮކްޓޯމްބަރު 2017ގައި އެ ސަރަހައްދުން ފެނިފައިވާ 43 ފައިސާ ފޮއްޗެއް ވެސް އެމްއެންޑީއެފާއި ހަވާލު ކޮށްފައިޥާ ކަމަށާއި، ގައުމީ ދާރުލް އާސާރުގައި މިހާރު 139 ފައިސާ ފޮތި އެބައޮތް ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ. ހަމައެއާއެކު އެކި ސައިޒުގެ 713 ސީނު ތައްޓާއި ތެޅިފައިވާ ސީނު ތަށިތަކެއްގެ ބައިތަކަކާއި، ގުޅިއެއްގެ ބައިތަކަކާއި، ލޯ ތާހެއް 19 ޖުލައި 2017 ގައި ދާރުލް އާސާރަށް ލިބިފައިވާ ކަމަށްވެސް ޔުމްނާގެ ޖަވާބުގައި ވެއެވެ.

29 ޖޫން 2017 ގައި ހެރިޓޭޖު ޑިޕާޓްމެންޓުން ބުނެފައިވަނީ ސަލްޓަންޕާކުން ފެނުނު ފައިސާ ފޮތިތަކަކީ އީސްޓް އިންޑިއާ ކޮމްޕެނީ ފައިސާ ފޮތިތަކެއް ކަމަށާއި، އެ ފައިސާ ފޮތިތަަކަކީ 1835 ވަނަ އަހަރު ބޭނުންކުރަން ފެށި ފައިސާ ފޮތިތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން