ކުރީގެ ރައީސް އަބްދުﷲ ޔާމީން އައު ޕާޓީއެއް ހެއްދެވުމަކީ މައްސަލަ އެއް ނޫން ކަމަށާއި އެއީ ގޮންޖެހުމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމުހޫއްރީއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތުރުކީއަށާއި ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީ ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެގޮތަށް ރައީސް ޔާމިން އާ ޕާޓީ އެއް ހެއްދެވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން ޤައުމުގެ ސިޔާސީ ލީޑަރުންވެސް ވިސްނަވާނީ ޤައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޮންޖެހުންތަށް ކުރިމަތިވެވަޑައިގެންނެވި ގައުމީ ވިސްނުމުގައި ކުރިއަށްދާން ތިބި ފަރާތްތަކާއެކު އެމަނިކުފާނަށް ކުރިއަށް ވަޑައިގެންނެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގޮންޖެހުން ކުރިމަތިވިޔަސް އެކަމާ ކެރިގެން ކުރިމަތިލައްވާނެ ކަމަށެވެ.

" މިކަމުގެ ސަބަބުން (ޔާމީން ޕާޓީ އުފެއްދުމަކުން )އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެންގެ ތެރޭގައި މާ ބޮޑެތި ކަންތައްތަކެއް އުފެދިގެން ދާނެ ކަމަކަށް" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ޕީޕިއެމްގެ ކުރީގެ ރައީސް ޔާމިން އިސްވެ ހުންނަވާ "ޕީޕަލްސް ނޭޝަނަލް ފްރަންޓް" ގެ ނަމުގައި އައު ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވާއިރު ޕާޓީ އުފެއްދުމަށް 3000 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން